400 މިލިޔަން ޑޮލަރު ޗޮކުން، ޗެންޕިއަން ލިވަޕޫލް ލީގުގައި ޖެހިޖެހިގެން ހަތަރު ބަލިވެއްޖެ
26 އޮކްޓޯބަރު 2025 - 05:12

ނިމިިދިޔަ ޓްރާންސްފާ މާކެޓްގައި 400 މިލިޔަނަށްވިރެ ބޮދު އަދަދެއް ޚަރަދުކޮށް، އިނގިރޭސި ޓްރާންސްފާ ރެކޯޑް ދެފަހަރަށް މުގުރާލައި، މިސީޒަނާއި ކުރިމަތިލި ޗެންޕިއަން ލިވަޕޫލް ލީގުގައި ޖެހިޖެހިގެން ހަތަރުމެޗުން ބަލިވެއްޖެއެވެ. އެގޮތުން ރޭ ކުޅުނު މެޗުގައި އެޓީމު ވަނީ ބްރެންޓްފޯޑް އަތުން 3-2 ގެ ނަތީޖާއަކުން ބަލިވެފައެވެ. ބްރެންޓްފޯޑް ދަނޑުގައި ކުޅުނު މި މެޗަކީ ލީގުގައި އެ ޓީމު ޖެހިޖެހިގެން ބަލިވި ހަތަރުވަނަ މެޗު ކަމަށް ވާއިރު، މި ނަތީޖާ އާއެކު އެޓީމުގެ ކޯޗު އާން ސްލޮޓްއަށް އޮތް ޕްރެޝަރު ވަނީ އިތުރުވެފައެވެ.
ލިވަޕޫލްގެ ފޯމަށް ބަލާއިރު، މިދިޔަ ހަފްތާގައި ޗެމްޕިއަންސް ލީގުގައި ފްރެންކްފަރޓް އަތުން ތަފާތު ބޮޑު ނަތީޖާ އަކުން މޮޅުވެފައި އޮތް ނަމަވެސް ލީގުގައި އެޓީމަށް ލީގުގައި އެންމެ ފަހުން މެޗެއް ކާމިޔާބުކުރެވިފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުގައެވެ. އޭގެ ފަހުން ލިވަޕޫލް ވަނީ ކްރިސްޓަލް ޕެލަސް، ޗެލްސީ އަދި މެންޗެސްޓަރ ޔުނައިޓެޑް އަތުން ވެސް ބަލިވެފައެވެ.

Ad by Hajj Corporation
ބްރެންޓްފޯޑްގެ ދަނޑުގައި ކުޅުނު މި މެޗުގައި ފެނިގެން ދިޔައީ ވަރަށް ވާދަވެރި ކުޅުމެކެވެ. މެޗު ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ހިތްވަރުގަދަ ކުޅުމެއް ފެނިގެން ދިޔައިރު، ބްރެންޓްފޯޑް އިން ވަނީ ފުރަތަމަ ހާފުގައި ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. މެޗުގެ ފަސްވަނަ މިނިޓުގައި ޑެންގޯ އޮޓާރާ ވަނީ ބްރެންޓްފޯޑަށް ލަނޑު ޖަހައިދީ ކުރި ހޯދައިދީފައެވެ. އަދި ފުރަތަމަ ހާފުގެ ފަހު މިނިޓުގައި ކެވިން ޝޭޑް ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމާ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލިވަޕޫލްގެ މިލޮސް ކަރކޭޒް ލަނޑެއް ޖަހާ ލިވަޕޫލްގެ އުންމީދުތައް އާކޮށްދިނެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިގެން ދިޔައީ ލިވަޕޫލުން އިތުރު ހަމަލާތަކެއް އުފައްދައިގެން ކަމަށް ވިޔަސް، މެޗުގެ 60 ވަނަ މިނިޓުގައި ލިވަޕޫލްގެ ކެޕްޓަން ވެން ޑައިކް އޮޓާރާ އަށް ފައުލް ކުރުމާއި ގުޅިގެން ބްރެންޓްފޯޑަށް ލިބުނު ޕެނަލްޓީ އަކުން އިގޯ ތިއާގޯ ވަނީ ލީޑު އަލުން ބޮޑުކޮށްފައެވެ. މެޗު ނިމުމުގެ ކުރިން ލިވަޕޫލްގެ ތަރި މުހައްމަދު ސަލާ ވަނީ އިތުރު ލަނޑެއް ޖަހާ ނަތީޖާ 3-2 އަށް ބަދަލުކޮށްލާފައެވެ. ނަމަވެސް މެޗުގެ ނަތީޖާއަށް ބަދަލެއް ގެނެވޭ ވަރަށް ލިވަޕޫލް އަށް އިތުރު ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.
މި ނަތީޖާ އާއިއެކު ލިވަޕޫލް ވަނީ 9 މެޗުން 15 ޕޮއިންޓާއެކު ލީގު ތާވަލުގެ 6 ވަނައަށް ވެއްޓިފައެވެ. ބްރެންޓްފޯޑް އަށް މި މެޗުން ލިބުނު މޮޅާއެކު އެ ޓީމު ވަނީ 9 މެޗުން 13 ޕޮއިންޓާއެކު ތާވަލުގެ 10 ވަނަ މަގާމަށް ކުރިއަށް ޖެހިލާފައެވެ.


