މަހަކަށްވުރެ ގިނަދުވަސްފަހުން ލިވަޕޫލަށް ލީގުގައި މޮޅެއް ލިބިއްޖެ
2 ނޮވެމްބަރު 2025 - 05:20

ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް އިން ރޭ އެސްޓަން ވިލާ އާއި ދެކޮޅަށް ކުޅުނު މެޗުން 2-0 ގެ ނަތީޖާއަކުން މޮޅުވެއްޖެ އެވެ. މިއީ ލީގުގައި ޖެހިޖެހިގެން ހަތަރު މެޗުން ބަލިވުމަށްފަހު އެ ޓީމަށް ލިބުނު ފުރަތަމަ މޮޅެވެ. ލީގުގައި ލިވަޕޫލަށް މޮޅެއް ނުލިބި މިހާރުވަނީ މަހަކަށްވުރެ ގިނަދުވަސް ވެފައެވެ. މި މޮޅާއެކު ލިވަޕޫލް ވަނީ ލީގު ތާވަލުގެ ތިން ވަނަ އަށް ޖެހިލައި ސީޒަންގެ ކުރިއަށް އޮތް ބައިތަކަށް އުންމީދު އާކޮށްފަ އެވެ.
މެޗުގެ ފުރަތަމަ ލަނޑު ލިވަޕޫލަށް ކާމިޔާބުކޮށްދިނީ ފޯވާޑް މުހައްމަދު ސަލާ އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ވިލާގެ ގޯލުކީޕަރު އެމިލިއާނޯ މާޓިނޭޒް އަށް ހެދުނު ބޮޑު ގޯހެއްގެ ފައިދާ ނަގައި ސަލާ މި ލަނޑު ޖެހިއިރު، މިއީ ލިވަޕޫލްގެ ޖާޒީގައި އޭނާ ޖެހި 250 ވަނަ ލަނޑެވެ. ސަލާގެ މި ލަނޑާއެކު އޭނާ ވަނީ ލިވަޕޫލްގެ ތާރީޚުގައި 250 އަށްވުރެ ގިނަ ލަނޑު ޖަހައިދިން ތިންވަނަ ކުޅުންތެރިޔާއަށް ވެފަ އެވެ.

Ad by Hajj Corporation
ލިވަޕޫލްގެ ދެވަނަ ލަނޑު ފެނިގެންދިޔައީ ދެވަނަ ހާފު ފެށިގެން 13 ވަނަ މިނިޓުގަ އެވެ. މި ލަނޑު އެލެކްސިސް މެކަލިސްޓަރ ދިން ރީތި ޕާހަކުން ކާމިޔާބުކޮށްދިނީ ރަޔާން ގްރަވެންބަރޗް އެވެ. ދެވަނަ ހާފުގައި ލިވަޕޫލްގެ ކުޅުން ރަނގަޅުވި ނަމަވެސް، އިތުރު ލަނޑެއް ޖެހޭނެ ފުރުސަތުތައް އެ ޓީމަށް ގެއްލިގެންދިޔަ އެވެ.


