281 ފުޅި ބަނގުރާ އަތުލައި ފުޅާ ދާއިރާއެއްގައި ބަނގުރާ ވިއްކި ތިން ބިދޭސީއަކު ހައްޔަރުކޮށްފި
26 އޮކްޓޯބަރު 2025 - 07:02

ހުޅުމާލެ ފޭސް އެކެއްގައި ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކޮށް، އެ ބާވަތް ބޭނުންކުރަމުންދިޔަ ކަމުގެ ތުހުމަތުގައި ތިން ބިދޭސީއަކު ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝް ރައްޔިތުން ކަމަށްވާ އެމްޑީ ރިޔާސް އުއްދީން (19އ) އާއި އެމްޑީ އަޝްރަފުލް އަލަމް (27އ)ގެ އިތުރުން ޕާކިސްތާނު ރައްޔިތެއް ކަމަށްވާ ޔާސިރް ހަމީދު (24އ) އެވެ.

Ad by Hajj Corporation
މި ތިން މީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފޭސް 1 ގައި ރޭ ދަންވަރުގެ ވަގުތެއްގައި ފުލުހުންގެ ޓީމަކުން ރަށުތެރެ ޕެޓްރޯލްކުރަމުގެ ތެރޭގައެވެ.
ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކޮށް، އެ ބާވަތް ބޭނުންކުރަމުންދިޔަ މައްސަލާގައި ހައްޔަރުކުރި މީހުން، ފޮޓޯ: ޕޮލިސް
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ޕެޓްރޯލް ޓީމު ފުލެޓް 100 ކައިރީގައި ދަތުރުކުރަމުން ދިޔައިރު، އެ މީހުން ތަކެއްޗާއެކު ފޮށިތަކަކާއި ފޮށިގަނޑުތަކެއް ގެންގުޅޭތީ ތުހުމަތުކުރެވިގެން އެ ތަކެތި ބަލައިފާސްކުރި ކަމަށެވެ. އެގޮތުން ބަލައިފާސްކުރުމުގެ ތެރޭގައި ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި 500 އެމްއެލްގެ 232 ފުޅި ފެނިފައިވެއެވެ.
އަދި ހައްޔަރުކުރެވުނު މީހުންގެ ތެރެއިން އެކަކު ދިރިއުޅޭ އެޕާޓްމަންޓު ވެސް ފުލުހުން ބަލައިފާސްކުރިއެވެ. އެޕާޓްމަންޓު ބަލައިފާސްކުރުމުގެ ތެރެއިން ވެސް އިތުރު ބަނގުރާ ފުޅިތަކެއް ފެނިފައިވާކަން ފާހަގަކުރެވެއެވެ. އެގޮތުން ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި 500 އެމްއެލްގެ 49 ފުޅި އެ ތަނުން ފެނިފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ. ޖުމްލަ 281 ފުޅީގެ ބަނގުރާ ވަނީ މި އޮޕަރޭޝަނުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މި މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.


