މީދޫގެ 100 އިންސައްތަ ރައްޔިތުން ވޯޓް ދިނަސް ނަތީޖާއަށް ބަދަލެއް ނާންނާނެކަން ޔަގީން: ޢަބްދުއްރަހްމާން
26 އޮކްޓޯބަރު 2025 - 07:30

އައްޑޫގައި ސިޓީ ކައުންސިލް އޮންނަ ގޮތާމެދު ޚިޔާލު ހޯދުމަށް ނެގި ވޯޓުގައި، ވޯޓުލާން ނުކުތް މީހުންގެ އަދަދު މަދުކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ކިޔަމުން އަންނަ ފާޑުކިޔުންތަކަށް، ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙްމާން ރައްދުދެއްވައިފިއެވެ.
އިއްޔެގެ ވޯޓުގައި ބައިވެރިވި ރައްޔިތުންގެ އަދަދު ނިސްބަތުން ދަށް ކަމަށް ބުނެ އެ ނަތީޖާގެ ސައްހަކަމާ ދޭތެރޭ ބައެއް ފަރާތްތަކުން އަންނަނީ ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރަމުންނެވެ.

Ad by Hajj Corporation
މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މެމްބަރު އަބްދުއްރަޙްމާން ވަނީ، މާލޭ މޭޔަރު ކަމަށް އާދަމް އާޒިމް އިންތިހާބުވީ، ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ 54،680 މީހުންގެ ތެރެއިން 7621 މީހުން ވޯޓް ދީގެން ކަން ފާޙަގަކުރައްވާފައެވެ.
ވޯޓްލުމުގެ އާބާދީގެ 13 ޕަސެންޓުން މޭޔަރުކަމަށް އާދަމް އާޒިމް އިންތިހާބުވިއިރު، އައްޑޫ އިންތިހާބުގައި ވޯޓުލީ، ވޯޓްލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން 31 ޕަސެންޓުމީހުން ކަމަށާއި، އައްޑޫ ހުޅުދޫގައި ކައުންސިލަރަކު އައްޔަންވީ ރައްޔިތުން އިންތިހާބެއްގައި ބައިވެރިވެސް ނުވެކަމަށް މެމްބަރު އަބްދުއްރަޙްމާން ވިދާޅުވިއެވެ.
މި ރެފަރަންޑަމް އިންތިހާބުގައި އުންމީދު ކުރިވަރަށް މީހުން ވޯޓް ދިން ކަމަށާއި، ވޯޓް އެޅި ނިސްބަތް ދަށްވީ ރިޒޯޓް އަދި ރާއްޖެތެރޭ ރަށްތަކުގައި ތިބި ދާއިރާ ރައްޔިތުންނަށް ވޯޓު ނުލެވުމާއި، ރަޖިސްޓްރީގެ މައްސަލަތަކާއި، ދަތުރުފަތުރު ނެތުން ފަދަ އެތަށް ދަތިކަމެއް ދިމާވެގެންކަމަށް މެމްބަރު ވިދާޅުވިއެވެ.
އެ ޕޯސްޓު ނިންމަވާލައްވަމުން މެމްބަރު ވިދާޅުވީ، އައްޑޫ މީދޫގެ 100 އިންސައްތަ ރައްޔިތުން ވޯޓް ދިނަސް، މީދޫގެ ޖުމްލަ ނަތީޖާއަށް މާބޮޑު ބަދަލެއް ނާންނާނެކަން ޔަގީންކަމަށެވެ. އަދި ނަތީޖާއަކަށް ހަމަ ވާނީ ، ސިޓީ ކައުންސިލުން ވަކިވެ، މީދޫގައި ރަށު ކައުންސިލެއް އުފެދުންކަމަށް މެމްބަރު އަބްދުއްރަޙްމާން ވިދާޅުވިއެވެ.
އިއްޔެ ނެގި ވޯޓުގައި، މީދޫއިން ވޯޓު ލުމުގެ ހައްގު ލިބިފައިވަނީ 2،347 މީހުންނަށެވެ. ވޯޓު ލާފައި ވަނީ 1،008 މީހުންނެވެ. އެއީ ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ 42.95 އިންސައްތައެވެ.
މި ވޯޓުގައި އައްޑޫ މީދޫގައި ވަކި ކައުންސިލެއް ހަދަން ފެންނަކަމަށް ވޯޓުލާފައި ވަނީ 847 މީހުންނެވެ. އެގޮތަށް ކަންކުރަން ނުފެންނަކަމަށް 144 މީހުން ވޯޓުލާފައިވެއެވެ.


