ޕާކިންގ ބިލްޑިން އެޅުމުގެ މަސައްކަތް އަންނަ މަހު ފަށާނެ: މިނިސްޓަރ އަމީން
27 އޮކްޓޯބަރު 2025 - 07:47

މާލެ ސަރަޙައްދުގައި ވެހިކަލް ގިނަވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން، ޕާކިންގ ބިލްޑިން އެޅުމުގެ މަސައްކަތް އަންނަ މަހުގެ ތެރޭގައި ފަށާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

Ad by Hajj Corporation
މިނިސްޓަރު އަމީން ވިދާޅުވީ، މާލެ ސަރަޙައްދުގައި ވެހިކަލްތައް ގިނަވުމުގެ މައިގަނޑު ސަބަބަކީ ކުރިން ހެދިފައި ހުރި ބައެއް އުސޫލުތައް އުވާލައި، މާލޭގެ މަގުމައްޗަށް ވެސް ވެހިކަލް ރަޖިސްޓަރީ ކޮށްދިނުމާއި، ގަރާޖު ނެތި ވެސް ޓެކްސީ ރަޖިސްޓްރީ ކުރެވޭނެ ގޮތްތައް ހެދުންކަމަށެވެ.
ވެހިކަލް ގިނަވުމުގެ މައްސަލައަށް ވަގުތީ ހައްލެއްގެ ގޮތުން، މާލޭގެ މަގުތަކުން ނަގާފައިވާ ވެހިކަލްތައް މިހާރު ހުޅުމާލޭގެ ވަކި ސަރަޙައްދުތަކުގައި ބެހެއްޓިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް އެތަންތަން ދާއިމީކޮށް ބޭނުން ނުކުރެވޭނެތީ، ޕާކިންގ ބިލްޑިން ނުވަތަ ޕާކިންގ ޖާގަތައް ހަދައިދެވިގެން ނޫނީ މި މައްސަލައަށް ދާއިމީ ހައްލެއް ނުލިބޭނެ ކަމަށް އަމީން ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ ޕާކިންގ ބިލްޑިންގ އެޅުމުގެ މަސައްކަތް ވެސް މިއީ ކުރިއަށް އޮތް ތިރީސް ދުވަހެއްގެ ތެރޭގައި އިރާދަކުރެއްވިޔާ އެ މަސައްކަތް ވެސް ބައެއް ފަރާތްތަކާ ހަވާލުކުރެވިގެން ކުރިއަށް ގެންދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
މިފަދަ ފިޔަވަޅުތަކުގެ ސަބަބުން 2023 ވަނަ އަހަރާ އަޅާބަލާއިރު މާލެ ސަރަޙައްދުގައި ވެހިކަލް ރަޖިސްޓްރީ ކުރާ މިންވަރު 74 ޕަސެންޓަށް ދަށްވެފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.


