ޖުޑިޝަރީ ކޮމިޓީގެ މުގައްރިރަކަށް ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު
29 އޮކްޓޯބަރު 2025 - 11:11

ޖުޑިޝަރީ ކޮމިޓީގެ މުޤައްރިރަކަށް ރައްޔިތުންގެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދު މިއަދު އައްޔަނުކުރައްވައިފި އެވެ.
ޖުޑިޝަރީ ކޮމިޓީގެ މުޤައްރިރުކަމުގެ މަގާމުގައި ކުރިން ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރިކް އެވެ.

Ad by Hajj Corporation
އެހެންނަމަވެސް ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް މެންބަރު ހުސްނީ މިއަދު އައްޔަނުކުރެއްވުމާއެކު އޭނާވަނީ ޖުޑިޝަރީ ކޮމިޓީގެ މުޤައްރިރުކަމުން އިސްތިއުފާދެއްވާފަ އެވެ.
މަޖިލީހުގެ ގަވާއިދު ބުނާގޮތުން ޖޭއެސްސީގެ މެމްބަރަކަށް ޖުޑިޝަރީ ކޮމިޓީގައި ނީނދެވޭނެއެވެ.
ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދު މީގެ ކުރިން ހުންނެވީ ކޮމިޓީގެ ނާއިބު މުޤައްރިރުކަމުގެ މަގާމުގައެވެ. މެމްބަރު އަބްދުއްސައްތާރު ޖުޑިޝަރީ ކޮމިޓީގެ މުޤައްރިރަކަށް އައްޔަނުކުރެއްވީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެމްބަރުންގެ އިއްތިފާގުންނެވެ.
އަދި ޖުޑިޝަރީ ކޮމިޓީގެ ނާއިބު މުޤައްރިރުކަމުގެ މަގާމަށް މިހާރު އައްޔަނު ކުރައްވާފައިވަނީ ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހުއެވެ.
މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ މަސްއޫލިއްޔަތުތަކަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން އުފައްދާފައިވާ ޝަރުޢީ ދާއިރާއާ ގުޅުންހުރި މުއައްސަސާތަކާގުޅޭ ކަންކަން ދިރާސާކުރުމާއި ޝަރުޢީ ދާއިރާއާ ގުޅުންހުރި މުއައްސަސާތަކުގެ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލެއް އޮތްނަމަ، އެކަން ފާހަގަކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާއި، ޝަރުޢީ ދާއިރާއާ ގުޅުންހުރި ބިލުތައް ދިރާސާކޮށް، ފުރިހަމަކޮށް، ރައްޔިތުންގެ މަޖިލީހުން ރިޢާޔަތްކޮށްދިނުން އެދި ހުށަހެޅުމެވެ.
މީގެ އިތުރުން، ޤާނޫނުއަސާސީއާއި ޤާނޫނުން އުފައްދާފައިވާ މިނިވަން މުއައްސަސާތަކާއި މުސްތަޤިއްލު މަޤާމުތަކުގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 121 ވަނަ މާއްދާއިން މި ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމަނާފައިވާ މިނިވަން މުއައްސަސާތަކުގައި ތިބޭ މެންބަރުންނާއި މުސްތަޤިއްލު މަޤާމުތަކުގައި ތިބޭ ފަރާތްތައް ޖަވާބުދާރީ ކުރުވުމާއި، އެ މުއައްސަސާތަކުގެ އަހަރީ ރިޕޯޓު ދިރާސާކުރުމާއި، އެ މުއައްސަސާތަކާ ގުޅޭގޮތުން ޢާންމުންނާއި އެހެނިހެން ފަރާތްތަކުން ހުށަހަޅާ މައްސަލަތައް ދިރާސާކޮށް، އެ ކަންކަމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ލަފާދިނުމާއި، އެ މުއައްސަސާތަކާ ބައްދަލުކޮށް އެ މުއައްސަސާތައް ހިންގުމާ ގުޅޭގޮތުން މަޢުލޫމާތު ހޯދައި، ސުވާލުކޮށް، އެ މުއައްސަސާތަކުން ކުރަންޖެހޭ ކަންކަން ބަލައި، އިޞްލާޙުކުރަންޖެހޭ ކަންކަން ބަޔާންކޮށްދިނުމާއި، އެ މުއައްސަސާތަކަށް ޢައްޔަނުކުރާ ފަރާތްތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަންޖެހޭ ފަރާތްތަކާ ގުޅޭގޮތުން މަޢުލޫމާތު ހޯދައި ދިރާސާކޮށް، އެ ފަރާތްތަކާ އިންޓަރވިއުކުރުމާއި، އެ މުއައްސަސާތަކުގައި ތިބޭ ފަރާތްތަކުގެ ތެރެއިން މަޤާމުން ވަކިކުރަންޖެހޭ ފަރާތްތަކާ ގުޅޭގޮތުން މަޖިލީހަށް ލަފާ އެރުވުމާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 154 ވަނަ މާއްދާގެ (ށ) ގެ ދަށުން ފަނޑިޔާރުން މަޤާމުން ވަކިކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ މައްސަލަތައް ދިރާސާކޮށް ރައްޔިތުންގެ މަޖިލީހުން ރިޢާޔަތްކޮށްދިނުމަށް އެދި ހުށަހެޅުމަކީވެސް މި ކޮމިޓީގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
މި ދެބޭފުޅުންގެ އިތުރުން 9 މެމްބަރަކު މި ކޮމިޓީގައި ހިމެނިވަޑައިގަންވައެވެ.


