ބާވެފައި ހުރި މިސްކިތްތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރަނީ
29 އޮކްޓޯބަރު 2025 - 12:12

ބާވެފައި ހުރި މިސްކިތްތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ފެށުމަށް ނިންމާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު މުހައްމަދު ޝަހީމް އަލީ ސަޢީދު ރޭ ވިދާޅުވެއްޖެ އެވެ.
ވަޒީރު މިހެން ވިދާޅުވެފައި ވަނީ ރޭ ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ވަނީ ބާވެފައި ހުރި މިސްކިތްތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރިނަމަވެސް، އާސާރީ މިސްކިތްތައް ހަމަ އެ ގޮތުގައި ދެމި އޮންނާނެ ކަމަށާއި، ޒަމާނީ މިސްކިތްތައް ބިނާކުރަނީ ޢިލްމީ އަދި އިޖްތިމާޢީ ގޮތުން ވެސް އެތަންތަން ބޭނުންކުރެވޭނެ ފަދަ ގޮތަކަށް ކަމަށް ވިދާޅުވެފައި ވެއެވެ.

Ad by Hajj Corporation
އަދި މިގެ އިތުރުން މ. ބޮޑުގެ މިސްކިތް އަޅަން މާދަމާ ބިންގާ އަޅާނެ ކަމަށާއި އެ މަސައްކަތް ދެ އަހަރުގެ ތެރޭގައި ނިންމާނެ ކަމަށް ވެސް ވަޒީރު ގެ ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ. އޭގެ އިތުރުން، މިދިޔަ އަހަރުގެ ފަހުކޮޅު މަސައްކަތް ފެށި ބަރުބަރީ މިސްކިތް ނިންމައި އަންނަ ޑިސެމްބަރު މަހު ހުޅުވާނެ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
އަދި މީގެ އިތުރުން ޒިކްރާ މިސްކިތާއި، ވިލިމާލެ ސަލާމް މިސްކިތް ހެދުމުގެ މަސައްކަތް ބަޔަކާ ހަވާލު ކުރެވި، ޑިޒައިންކުރުމުގެ މަރުހަލާ ކުރިއަށް ދާ ކަމަށާއި، ޒިކްރާ މިސްކިތް އެޅުމުގެ މަސައްކަތް އަންނަ ޖެނުއަރީ މަހު ފަށާނެ ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ.އަދި ހުޅުމާލެ 1 ގައި ހުރި ވަގުތީ މިސްކިތް ހުރި ތަނުގައި ވެސް ޒަމާނީ މިސްކިތެއް އަޅައި ނިމެމުންދާ ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.
"ދެން ބާކީ މާލެ ސިޓީގައި ހުންނާނީ ބާވެފައި ހުރި އެންމެ މިސްކިތެކެވެ. އެއީ ހެންވޭރު މަސްޖިދު ޢަފީފުއްދީނެވެ. ﷲ އިރާދަކުރެއްވިއްޔާ އެތަން ވެސް ޒަމާނީ ފެންވަރަށް ބިނާކުރެވޭނެ މަގު އަންނަ އަހަރު ފަހިވެގެންދާނެއެވެ" ވަޒީރު މުހައްމަދު ޝަހީމް އަލީ ސަޢީދު
މި ހުރިހާ މަޝްރޫއަކަށް ގާތްގަނޑަކަށް 200 މިލިއަން ރުފިޔާއާ ގާތްކުރާ އަދަދަކަށް ހަރަދުވާނެކަމަށް ލަފާކުރެވޭ ކަމަށް ވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.


