ބަދަލުލިބެންޖެހޭ މީހުންނަށް ބަދަލު ދީފައިވާތީ ކިންގްސްއަށް ކުރާ ދަޢުވާތައް ކުރިއަށް ނުގެންދަން ނިންމައިފި
30 އޮކްޓޯބަރު 2025 - 05:24

ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން މަކަރާއި ޙީލަތުން ގިނަ ޢަދަދެއްގެ ފައިސާ ހޯދައި، އެފައިސާ ލޯންޑަރކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ކޮށްފައިވާ ދައުވާތައް އިތުރަށް ކުރިއަށް ނުގެންދަން ިންމައިފިއެވެ.
ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން އާންމުކޮށް ހުޅުވާލައިގެން ދިވެހިރާއްޖޭގައި މާލީ ސެކިއުރިޓީޒްގެ ޤާނޫނާއި ޤަވާއިދާއި އުސޫލުތަކާއި ޚިލާފަށް އިންވެސްޓްމަންޓް ސްކީމެއް ތަޢާރަފްކޮށް، އިންވެސްޓަރުންނަށް މަންފާލިބޭނެކަމަށް ދައްކައި މަކަރާއި ޙީލަތުން ގިނަ ޢަދަދެއްގެ ފައިސާ ހޯދައި، އެފައިސާ ލޯންޑަރކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޑެޓްގެ ތިން ހިއްސާދާރުންގެ މައްޗަށް، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ގެ 212 ވަނަ މާއްދާގެ (ހ) ގެ ދަށުން ޓެކުމުގެ ކުށުގެ 13 (ތޭރަ) ދަޢުވާއެއް، 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވެއެވެ.

Ad by Hajj Corporation
އެ ކުންފުނީގެ ތިން ހިއްސާދާރުންނަކީ، ސ. ފޭދޫ، ބޮންތި، ޝަޒްބާން ފަހުމީއާއި، މ. ފިނިވާގެ، 2 ނަންބަރުބައި، ޞަޙުބާން ފަހުމީ އަދި މ. ފިނިވާގެ 2 ނަންބަރުބައި، އަލްހާން ފަހުމީއެވެ.
މި ދަޢުވާތައް ކޯޓުގައި ހިނގަމުންދަނިކޮށް، ދަޢުވާ ލިބޭ ފަރާތްތަކުން ކުރިކަމަށް ތުހުމަތުކުރެވޭ ކުށާ ގުޅިގެން ބަދަލު ލިބެންޖެހޭ 13 (ތޭރަ) ފަރާތަށް ބަދަލުދީ ޚަލާޞްކޮށްފައިވާކަމަށް ބަޔާންކޮށް، ދަޢުވާތައް މުރާޖަޢާކޮށްދިނުމަށް ދަޢުވާލިބޭ ފަރާތްތަކުން ޕީޖީ އޮފީހުގައި އެދިފައިވާ ކަމަށާއި އެކަމާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރިއިރު، މި މައްސަލައިގައި ބަދަލު ލިބޭންޖެހޭ މީހުންނަށް ބަދަލުލިބިފައިވާކަން ކަށަވަރުވެފައިވާކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ. އަދި މި މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުންނުވާކަމަށް އެ ފަރާތްތަކުން ބުނެފައިވާކަމަށް ވެސް ޕީޖީ އޮފީހުން ބުނެފައިވެއެވެ.
މިއާއެކު، މި މައްސަލައިގައި ގެއްލުން ލިބުނު މީހުންގެ ތެރެއިން ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން ބަދަލު ނަގައިދޭން އެދުނު އެންމެންނަށް، ލިބެންޖެހޭ ފައިސާ އަނބުރާ ލިބިފައިވާތީއާއި، މައްސަލަ އިތުރަށް ކުރިއަށްގެންދަން ބޭނުންނުވާކަމަށް އެ ފަރާތްތަކުން ބުނެފައިވުމުން، މި މައްސަލާގައި މިހާތަނަށް ކޯޓަށް ހުށަހެޅި ދަޢުވާތައް (ޓެކުމުގެ ކުށުގެ 13 ދަޢުވާ) އިތުރަށް ކުރިއަށްގެންދިއުމުގެ މަޞްލަޙަތު އޮތްކަމަށް ނުފެންނާތީ، އެ ދަޢުވާތައް އިތުރަށް ކުރިއަށް ނުގެންދިއުމަށް ޕީޖީ އޮފީހުން ނިންމީކަމަށް އެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
ނަމަވެސް، މި މައްސަލައިގައި ބަދަލުލިބެންޖެހޭ އިތުރު މީހުންގެ ބައިތައް ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގުކުރަމުންދާ ކަމަށާއި އެ ބައިތަކުގެ ތަޙުޤީޤު ނިންމައި އެ އޮފީހަށް ހުށަހެޅުމުން، އެ ބައިތަކުގައި ދަޢުވާކުރުމުގެ ކަންކަން ކުރިއަށްގެންދާނެކަމަށް ވެސް ޕީޖީ އޮފީހުގެ ބަޔާނުގައި ބުނެފައިވެއެވެ.
އެހެންކަމުން، މި މައްސަލައިގައި ބަދަލުލިބެންޖެހޭ މީހުންގެ ތެރެއިން ފައިސާ އަނބުރާ ނުލިބިވާ މީހުންނަށް ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން ބަދަލު ހޯދައިދިނުމުގެ މަސައްކަތް ކެނޑިނޭޅި ކުރިއަށް ގެންދާކަމުގެ ޔަގީންކަން އެ ބަޔާނުގައި ވަނީ ދީފައެވެ.


