ޕަބްލިކް އެގްޒަމިނޭޝަންސް ރީސްޓްރަކްޗަރކޮށް ސްޓްރެޓެޖިކް ޕްލޭނެއް އެކުލަވާލަނީ
30 އޮކްޓޯބަރު 2025 - 13:00

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސް (ޑީޕީއީ) ރީސްޓްރަކްޗަރކޮށް، 2025-2040 އަށް ސްޓްރެޓެޖިކް ޕްލޭން ތައްޔާރު ކުރަން އެޑިޔުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ. މިކަން ކުރަން ދިވެހި ކޮންސަލްޓަންޓެއް ހޯދަން އެ މިނިސްޓްރީން މިހާރު ވަނީ އިއުލާން ވެސް ކޮށްފައެވެ.
ކޮންސަލްޓަންޓެއް ހޯދަން ކުރި އިއުލާނުގައި އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައި ވަނީ، އިމްތިހާނުތައް ކުރިއަށް ގެންދެވޭނެ ޒަމާނީ އަދި ނިޒާމީ މެތަޑެއް އެ ޑިޕާޓްމަންޓްގައި މިހާރު ނެތް ކަމަށެވެ. އަދި ޓެކްނޮލޮޖީއާ ރަހުމަތްތެރި އިމްތިޙާނު ޕްރޮސެސްތައް އިތުރަށް ހަރުދަނާ ކުރަން ރީސްޓްރަކްޗަރކޮށް ރިފޯމްކުރަން ޖެހޭ ކަމަށެވެ.

Ad by Hajj Corporation
ރިފޯމް ކުރުމަށް ހޯދާ ކޮންސަލްޓެންސީގެ ބޭނުމަކީ، އޯގަނައިޒޭޝަނަލް ސްޓްރަކްޗަރއާއި މުވައްޒަފުންގެ ހުނަރާއި، އޮޕަރޭޝަނަލް ޕްރޮސެސްތައް ދެނެގަތުމެވެ. އޯގަނައިޒޭޝަންގެ މަޤްޞަދުތައް ޙާޞިލުކުރުމަށް ޕޮލިސީތަކާއި، އިންސާނީ ވަސީލަތްތަކާއި، ފަންނީ ޤާބިލުކަމާއި، މެނޭޖްމަންޓް ސިސްޓަމްތަކުގައި ހުރި އުނިކަން ވެސް ދެނެގަތުމެވެ. މީގެ އިތުރުން އިންސްޓިޓިއުޝަންގެ ތަރައްޤީއަށް ސްޓްރެޓެޖިކް އެކްޝަން ޕްލޭނެއް އެކުލަވާލުމެވެ.
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސް (ޑީޕީއީ) އަކީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ދަށުން 1 ސެޕްޓެމްބަރ 1989 ގައި އުފައްދާފައިވާ ޑިޕާޓްމަންޓެކެވެ. އެ ޖަމިއްޔާގެ މައިގަނޑު މަސްއޫލިއްޔަތަކީ ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި އައިޖީސީއެސްއީ އަދި އޭލެވެލް އިމްތިހާނު އިންތިޒާމުކޮށް ކުރިއަށް ގެންދިއުމެވެ. މީގެ އިތުރުން ސެޓްފިކެޓް އެންޑޯސްމަންޓް އަދި ވެރިފިކޭޝަން ފަދަ އިމްތިހާނުތަކާ ގުޅޭ އެހެނިހެން ހިދުމަތްތައް ޑީޕީއީން ފޯރުކޮށްދެ އެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި އިމްތިހާނު ސެންޓަރުތައް ހިންގަނީ ޑީޕީއީގެ ދަށުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ސްކޫލުން ވަކިވާ އިމްތިޙާނުތަކުގެ އެސެސްމަންޓާއި އިވެލުއޭޝަންގައި މުހިންމު ދައުރެއް އަދާކުރުމާއި، އެ މުއައްސަސާގެ ނަޒާހަތްތެރިކަމާއި އިތުބާރު ދެމެހެއްޓުމެވެ.
ޑީޕީގެ އަމާޒަކީ ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން، ޤައުމީ ސިޔާސަތުތަކާއި މަޤްޞަދުތަކާ އެއްގޮތްވާ ގޮތުގެމަތިން، ހުރިހާ ފަންތިއެއްގެ އިމްތިޙާނުތައް އިންތިޒާމުކޮށް ކުރިއަށް ގެންދިޔުން ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ. އަދި ޑީޕީއީގެ އިމްތިޙާނުތަކަކީ ޞައްޙަ އަދި އިތުބާރު ހިފޭ އިމްތިޙާނުތަކަކަށް ހެދުމާއި، ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ މިންގަނޑުތަކެއްކަން ކަށަވަރު ކުރުމާއި އިމްތިޙާނުތައް ބޭއްވުމެވެ. ޑީޕީއީގެ އަމާޒަކީ ޚިދުމަތް ބޭނުންކުރާ ފަރާތްތަކާއި އާންމުންގެ މެދުގައި އިތުބާރު އުފެއްދުމަށް ވަރަށް މުހިންމު ސިއްރު އަދި ރައްކާތެރިކަން ދެމެހެއްޓުމެވެ.
ޑީޕީން ކުރިއަށް ގެންދާ މައިގަނޑު ދެ އިމްތިހާނު ކުރިއަށް ގެންދަނީ ތަފާތު ދެ އިމްތިހާނު ޖަމާއަތަކާ ގުޅިގެންނެވެ. އައިޖީސީއެސްއީ ކުރިއަށް ގެންދަނީ ކެމްބްރިޖް ޔުނިވަރސިޓީ ޕްރެސް އެންޑް އެސެސްމަންޓާ ގުޅިގެން ކަމަށްވާއިރު، އިންޓަރނޭޝަނަލް އެޑްވާންސްޑް ލެވެލް (އޭލެވެލް) ކުރިއަށް ގެންދަނީ ޕިއަރސަން އެޑެކްސެލް އިންޓަރނޭޝަނަލްއާ ގުޅިގެންނެވެ. ދިވެހި މާއްދާއާއި، އިސްލާމްދީނާއި، ޢަރަބި މާއްދާތަކަށް ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އަދި ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނު ކުރިއަށް ގެންދަނީ އެ ޑިޕާޓްމަންޓުންނެވެ.


