ޒަކާތު ހައުސްއިން ޒަކާތު ބެނެފެޝިއަރީ ކާޑެއް ތަޢާރަފްކުރަނީ
30 އޮކްޓޯބަރު 2025 - 17:43

ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން، ރާއްޖޭގެ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް އަމާޒުކޮށް، މުހިއްމު ހިދުމަތްތަކެއް ފޯރުކޮށްދިނުމުގެ ގޮތުން "ޒަކާތު ބެނެފެޝިއަރީ ކާޑެއް" ތައާރަފުކުރުމަށް ނިންމައިފިއެވެ.
ޒަކާތު ހައުސްއިން ބުނި ގޮތުގައި، ޒަކާތު ބެނެފެޝިއަރީ ކާޑު ތައާރަފްވުމާއެކު، ސިއްހީ ހިދުމަތްތަކުން އާސަންދަ ސްކީމުގެ ދަށުން ކަވަރުނުކުރާ ހަރަދުތައް ޒަކާތު ފަންޑުން ކަވަރުކޮށްދިނުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ އިތުރުން މާތްވެގެންވާ ރަމަޟާން މަހު ކާބޯތަކެތި ގަތުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި، ބޯހިޔާވަހިކަމާއި ތައުލީމާ ގުޅުންހުރި އެހީތައް ވެސް އެ ކާޑުގެ ދަށުން ލިބިގެންދާނެއެވެ. މި ކަންކަމަކީ އިސްލާމީ ދުނިޔޭގައި ޒަކާތާ ބެހޭ މުއައްސަސާތަކުން ފަގީރުންނަށް އެހީތެރިކަން ފޯރުކޮށްދެމުން ގެންދާ އަސާސީ އަދި މުހިއްމު ކަންކަން ކަމަށް ޒަކާތު ހައުސްއިން ފާހަގަކުރެއެވެ.

Ad by Hajj Corporation
ޒަކާތު ހައުސްއިން ބުނި ގޮތުގައި، މި ކާޑު އުފެއްދުމުގެ މައިގަނޑު މަގްސަދަކީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ދިވެހިރާއްޖޭގެ ޒަކާތު ހައުސް ވަކި މިނިވަން އިދާރާއެއްގެ ގޮތުގައި އުފައްދަވައި، އެ އިދާރާއާއި ހަވާލުކުރެއްވި މުހިއްމު މަސްއޫލިއްޔަތެއް ކަމުގައިވާ ފަގީރުކަމުގައި ތިބި ފަރާތްތައް ތަނަވަސް ހާލަތަކަށް ގެނައުމަށް އެޅިގެންދާ މުހިއްމު ފިޔަވަޅެކެވެ. ރައީސްގެ މި ވިސްނުމުގެ ދަށުން ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.
ޒަކާތު ހައުސްއިން މިހާރު ވެސް ދަނީ ޒަކާތުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ފަގީރުންނަށް އެހީތެރިވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ ބެނެފެޝިއަރީ ކާޑަކީ، އެ މަސައްކަތުގެ ދަށުން ފަގީރުންނާއި މިސްކީނުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް އެޅުނު ބިންގަލެއްގެ ގޮތުގައި ޒަކާތް ހައުސްއިން ފާހަގަކުރެއެވެ.


