ޒަކާތުގެ ބިލު، މަޖިލީހުން ފާސްކޮށްފި
3 ޑިސެމްބަރު 2025 - 11:33

ޒަކާތް ދެއްޖުމާއި، ޒަކާތް ބަލައިގަތުމުގެ އިތުރުން ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ ބެހުމުގެ ކަންކަން، ހަރުދަނާ ގާނޫނީ އޮނިގަނޑެއްގެ ދަށުން ކުރިއަށް ގެންގޮސް، ބެލެހެއްޓުމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހެޅި ބިލު، މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ޒަކާތް ދައްކަންޖެހޭ މީހުންގެ ގޮތުގައި މި ބިލުގައި ހިމަނާފައިވަނީ، އެފަރާތެއްގެ މުދާ ހުރީ ރާއްޖޭގައި ކަމުގައިވީ ނަމަވެސް ނުވަތަ ރާއްޖެއިން ބޭރުގައި ނަމަވެސް ރާއްޖޭގައި ވަޒަންވެރިވެފައިވާ ކޮންމެ ފަރާތަކާއި ރާއްޖޭގައި ވަޒަންވެރިވެގެން ނޫޅުނު ނަމަވެސް ރާއްޖޭގައި މުދާ ހުރި ކޮންމެ ފަރާތެކެވެ.

Ad by Hajj Corporation
މި ބިލުގައިވާ ގޮތުން، ޒަކާތުގެ ނިޒާމު ހިންގާ ބެލެހެއްޓުމުގައި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރަށާއި ޒަކާތު ހައުސަށް ލަފާދިނުމަށާއި އެ ނިޒާމު ހިންގުން ވިލަރެސްކުރުމަށް، ގާނޫނުނަށް އަމަލުކުރަން ފަށާތާ ދެމަސްދުވަސް ތެރޭ، އިސްލާމީ ކަންތައްތަކާބެހޭ ވަޒީރުގެ އިތުރުން ވުޒާރާގެ ޑިރެކްޓަރ ޖެނަރަލް އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އިސް މުވައްޒަފުންގެ ތެރެއިން އެ އޮތޯރިޓީން ކަނޑައަޅާ މުވައްޒަފެއް ހިމެނޭހެން ޒަކާތު ކައުންސިލެއް އުފައްދަވަން ރައީސުލްޖުމްހޫރިއްޔާއަށް ޖެހެއެވެ.
ކައުންސިލުގައި ތިބެންޖެހޭ އިތުރު މެންބަރުންނަށް ބަލާއިރު، ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ބޭފުޅެއްގެ އިތުރުން މާލީ ވުޒާރާގެ އިސް ބޭފުޅަކާއި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ބޭފުޅަކާއި ޒަކާތުގެ މާހިރުން ތެރެއިން ސަރުކާރުގެ އެއްވެސް އިދާރާއެއްގައި މަސައްކަތް ނުކުރައްވާ ބޭފުޅަކުވެސް ހުންނަން ޖެހެއެވެ.
ޒަކާތު ކައުންސިލެއްގެ އިތުރުން، ޒަކާތު ހައުސްގެ ބެލުމުގެ ދަށުން މަސައްކަތްކުރާ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީއެއްވެސް މިބިލުގެ ދަށުން އެކުލަވާލަންޖެހެއެވެ. މީގެ އިތުރުން ޒަކާތު ފަންޑު ހިންގާނެ ގޮތުގެ އިތުރުން ޒަކާތު ފަންޑަށް ލިބޭ ލާރިން ކުރެވޭނެ ކަންކަންވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.
އެގޮތުން، ޒަކާތުގެ ބެހެނިވެރިއަކަށް ނުވާ ފަރާތަކަށް ޒަކާތުގެ ފައިސާ ދޫކުރުމާއި ބިލުން ހުއްދަކުރާ ބޭނުންތައް ފިޔަވާ އިތުރު ކަމަކަށް އެފައިސާއިން އިންވެސްޓުކޮށްފިނަމަ 1،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުގެ އަގަކުން ޖޫރިމަނާކުރެވޭނެއެވެ.
އަދި، ސައްހަނޫން މައުލޫމާތެއް ހުށަހަޅައިގެން ޒަކާތު ފައިސާ ހޯދިކަން އެނގިއްޖެނަމަ، އެކުށްކުރި ފަރާތުން ހޯދި ފައިސާއާ އެއްވަރުގެ އަދަދަކުން އެފަރާތެއް ޖޫރިމަނާކުރުމާއެކު، ޒަކާތު ހައުސްއިން ކަނޑައަޅާ ވަކި މުއްދަތަކަށް އެފަރާތެއްގެ ނަން، ޒަކާތުގެ ބެހެނިވެރިންގެ ދަފްތަރުން އުނިކުރެވޭނެކަމަށް ޒަކާތު ބިލުގަިއ ބުނެފައިވެއެވެ.


