މުދަލު ޒަކާތުގެ ނިޞާބަށް ބަދަލު ގެނެސްފި
21 ޑިސެމްބަރު 2025 - 11:27

މުދަލުޒަކާތް ނެރުން ވާޖިބުވާ ނިސާބަށް ބަދަލުގެނެސްފިއެވެ.
ޒަކާތު ހައުސްއިން އާއްމުކޮށްފައިވާ މައުލުމާތުގައި ވާގޮތުން މިމަހުގެ 21 އިން ފެށިގެން ދިވެހިރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބަކީ، 19,527.90 (ނަވާރަ ހާސް ފައްސަތޭކަ ހަތާވީސް ރުފިޔާ ނުވަދިހަ ލާރި) ކަމަށެވެ. މިދިޔަ އޯގަސްޓުމަހު މުދަލު ޒަކާތުގެ ނިސާބު ހުރީ 11,191.95(އެގާރަ ހާސް އެއް ސަތޭކަ ނުވަދި އެއް ރުފިޔާ ނުވަދިހަ ފަސް ލާރީ)ގައެވެ.

Ad by Hajj Corporation
މީގެކުރިން މިދިޔަ އޭޕްރީލް މަހު މުދަލު ޒަކާތުގެ ނިސާބު ހުރީ 9264.15 (ނަވަ ހާސް ދުއިސައްތަ ފަސްދޮޅަށް ހަތަރު ރުފިޔާ ފަނަރަ ލާރީ)ގައެވެ.
މުދަލު ޒަކާތަކީ ދީނުގެ ރުކުނެއްކަމުގައިވީއިރު އެމީހެއްގެ މިލްކިއްޔާތުގައި ނިސާބުހަމަވާ މިންވަރަށް ފައިސާހުރެ އެ ފައިސާ ހުންނަތާ ހިޖުރީ އަހަރުން 1 އަހަރުވުމުން ޝަރުއީ ހަމަތަކާއި އެއްގޮތަށް އޭގެ ސާޅީސް ބައިކުޅަ އެއްބައި ޒަކާތުގެ ގޮތުގައި ނެރެންޖެެހެއެވެ.
ރާއްޖޭގައި ނިސާބު ބަލަނީ ރިހިންނެވެ. ރަނާއި ރިހި ބާޒާރުގައި ލިބެން ހުންނަ އަގު ހާމަކުރަނީ ރާއްޖޭގެ މަރުކަޒީ ބޭންކް - އެމްއެމްއޭއިންނެވެ.
މިހާރު ބާޒާރުގައި ރިހީގެ އަގު ހުރީ ގުރާމަކަށް 32.82 (ބައްތިރީސް ރުފިޔާ އައްޑިހަ ދެ ލާރި) އަދި ރަނުގެ އަގު ހުރީ ގުރާމަކަށް 2149.39 (ދެހާސް އެއް ސަތޭކަ ސާޅީސް ނުވަ ރުފިޔާ އޮނަތިރީސް ލާރީ)ގައެވެ.
މުދަލު ޒަކާތް ބަހަނީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ފަގީރުންގެ މެދުގައެވެ.
ޒަކާތަކީ އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން ތިންވަނަ ރުކުނެވެ. އެއީ ތަނަވަސްކަމާއި މުއްސަދިކަމުގެ އަހުލުވެރީންގެ ކިބައިން ފަޤީރުންނަށާއި، ނިކަމެތީންނަށް ލިބިދޭ ދީނީ ހައްގެކެވެ.


