ދައުރު ނިމޭއިރު މާލޭގައި އެއްވެސް ބައު މިސްކިތެއް ނުހުންނާނެ: ޑރ. ޝަހީމް
31 އޮކްޓޯބަރު 2025 - 04:46

ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކާއެކު ދައުރު ނިމޭއިރު މާލޭގައި އެއްވެސް ބައު މިސްކިތެއް ނުހުންނާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ މ. މުއިވެޔޮދޮށުގެ/ބޮޑުގެ ބިމުގައި ޒަމާނީ މިސްކިތާއި ދަޢުވާ ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

Ad by Hajj Corporation
ވަޒީރު ވިދާޅުވީ އިއްޔެ ބިންގާ އެޅިގެންދިޔަ މ. ބޮޑުގެ ސަރަހައްދުގައި ބިނާ ކުރާ މިސްކިތުގެ މަޝްރޫޢު ނިމުމާއެކު މިއީ މާލޭގައި ހުރި އެންމެ މިޒަމާނަށް ފެތޭ އެއް ތަނަކުން އެންމެ ގިނަ ވަސީލަތްތައް ބޭނުންކުރެވޭ މިސްކިތަކަށް ވެގެންދާނެކަމަށާއި މި މިސްކިތް ވެގެންދާނީ ދަޢުވާ ސެންޓަރަކަށް އަދި ދީނީ އެކި ހަރަކާތްތަކާއި ޕްރީ ސްކޫލްތަކުގެ ހަރަކާތްތައްވެސް ހިލޭ ކުރިއަށް ގެންދެވޭނެ ސެންޓަރަކަށްކަމަށެވެ.
ވަޒީރު ވިދާޅުވީ، މި މިސްކިތުގެ މަޝްރޫޢުއަކީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ޚާއްސަ ސަމާލުކަމެއް ދެއްވާ ވަރަށް ގާތުން ކަންކަން ބެއްލެވި މަޝްރޫޢުއެއްކަމަށާއި މި މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެލެއްވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
ވަޒީރުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، މި މިސްކިތް ބިނާކުރެވޭ މި ބިމަކީ ކުރީގައިވެސް ތަޢުލީމީ އެކި ހަރަކާތްތައް ކުރިއަށް ގެންދެވުނު ތަނެއްކަމަށާއި މި މަޝްރޫޢުވެސް ކުރިއަށް ދަނީ މިގޮތުގެ މަތިން އަޅުކަމާއި ތަޢުލީމާއި އިޖުތިމާޢީ އެކި ހަރަކާތްތައްވެސް މި ސެންޓަރުގައި ކުރެވޭ ގޮތަށް ކަމަށެވެ.
މީގެ އިތުރުން މާލެ ސިޓީގައި ހުރި ބާ މިސްކިތްތަކުގެ ތެރެއިން އެންމެ މިސްކިތެއް ފިޔަވާ ބާކީ ހުރިހާ މިސްކިތްތަކެއް ހުރި ބިންތަކުގައި އާ މިސްކިތް އެޅުމަށް މިހާރު ވަނީ ސްޕޮންސަރުން ހަމަޖެހިފައިވާކަމަށާއި މީގެ ތެރެއިން ބަރުބަރީ މިސްކިތުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު މިއަހަރުގެ ޑިސެމްބަރަށް އިރާދަކުރެއްވިއްޔާ މިސްކިތުގެ މަސައްކަތް ނިންމާލެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި އާ މިސްކިތްތަކުގެ މަޝްރޫޢުތައް ނިމުމުން މާލެ ސިޓީއަކީ މި ސަރަހައްދުގައިވެސް ހުރި އެންމެ ރީތި މިސްކިތްތައް ހުރި ސިޓީއަށް ވެގެންދާނެކަމަށް ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މާލެ ސަރަހައްދުގައި ޢިމާރަތް ކުރުމަށް ހަމަޖެހިފައިވާ އެކި މަޝްރޫއުތަކަށް ސްޕޮންސަރ ހަމަޖެހިފައިވާއިރު މި ހުރިހާ މަޝްރޫޢުތަކަށް އެކީގައި 200 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދު ކުރެވިގެންދާނެކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ބޮޑުގެ މިސްކިތުގެ މަޝްރޫޢުއަށް ޚަރަދުކުރައްވާ އަމިއްލަ 4 ފަރާތަށް ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
8،973.33 އަކަފޫޓު ބޮޑުމިނުގައި އިމާރާތްކުރާ މިމިސްކިތުގައި އެއްފަހަރާ 1250 މިހުންނަށް ނަމާދުކުރެވޭނެއެވެ. މި މިސްކިތުގައި ނަމާދުކުރާ ސަރަޙައްދުގެ އިތުރުން ލައިބްރަރީއަކާ، 3 ކުލާސްރޫމާ، ކޮންފަރެންސް ހޯލަކާ، އޮފީހެއްވެސް ހިމެނެއެވެ. މި މިސްކިތް ފަރުމާކުރެވިފައިވަނީ، ޚާއްޞައެހީއަށް ބޭނުންވާ މީހުންނަށް މިސްކިތައް ވަދެނުކުމެ އުޅުމަށް ބޭނުންވާ ވަޞީލަތްތަކާވެސް އެކުގައެވެ.
މި މިސްކިތުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 540 ދުވަހުގެ ތެރޭގައެވެ.


