ރާއްޖެއާއި ލަންކާއާ ދެމެދު ވިޔަފާރި ފެރީގެ ނިޒާމެއް ގާއިމު ކުރުމުގެ މަސައްކަތްތައް ކުރަނީ
31 އޮކްޓޯބަރު 2025 - 07:23

ދިވެހިރާއްޖެއާ ސްރީލަންކާއާ ދެމެދު ޚާއްސަ ވިޔަފާރި ފެރީގެ ޚިދުމަތެއް ގާއިމުކުރުމުގެ މަސައްކަތް ދެޤައުމުން ކުރިއަށް ގެންދާކަމަށް ސްރީލަންކާގެ މީޑިއާއިން ރިޕޯޓްކޮށްފިއެވެ.
ރާއްޖެއާއި ލަންކާގެ ބައެއް މަސްދަރުތަކާ ހަވާލާދީ ލަންކާގެ ނޫހުން ބުނާގޮތުގައި މި މަސައްކަތުގެ މައިގަނޑު ބޭނުމަކީ ދަތުރުފަތުރުގެ ހަރަދު ކުޑަކޮށް، ލަންކާއިން އުފައްދާ މުދާ ދިވެހިރާއްޖެއަށް އެކްސްޕޯޓުކުރުމަށް ފަސޭހަކުރުމެވެ.

Ad by Hajj Corporation
ލަންކާ މީޑީއާއިން ރިޕޯޓުކުރާ ގޮތުގައި މިކަމުގެ މަޝްވަރާތައް ދެ ގައުމުގެ ދެމެދުގައި ފެށިފައިވަނީ ލަންކާގެ ރައީސް ރާއްޖެއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ. އަދި މި އަހަރުގެ ފަހުކޮޅު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ލަންކާއަށް ކުރައްވާ ދަތުރުފުޅުގައި މި ކަމުގެ އެއްބަސްވުމަކާއި ހަމައަށް ދިއުމުގެ ފުރުޞަތު ބޮޑުކަމަށް ނޫހުންވަނީ ރިޕޯޓްކޮށްފައިވެއެވެ.
ރައީސް މުޢިއްޒު މި އަހަރުގެ ފަހުކޮޅު ލަންކާއަށް ވަޑައިގަންނަވާނެކަމަށް ލަންކާ މީޑިއާތަކުން ރިޕޯޓުކުރިނަމަވެސް ރައީސް ލަންކާއަށް ވަޑައިގަންނަވާނެ ސީދާ ތާރީހެއް މީޑިއާއިން ހާމަކޮށްފައެއް ނުވެއެވެ.
ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ، މި އަހަރުގެ ޖުލައިމަހު ދިވެހިރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއެކު ރަސްމީ މަޝްވަރާތައް ކުރައްވައި، ދެ ޤައުމުގެ މެދުގައި މުހިންމު ދާއިރާތަކުން އެއްބާރުލުން ދިނުމުގެ ފަހުމުނާމާއަކާއި މުއާހަދާއެއްގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތުތައް ވަނީ ބާއްވާފައެވެ.
ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ އަޒުމް އައު ކުރައްވަމުން ދެ ގައުމުގެ ވެރިން ވަނީ ގުޅިފައިވާ ބަޔާނެއް ދެއްވާފައެވެ.
މިއީ ސްރީލަންކާގެ ރައީސް ޑިސަނާޔަކެ، މިދިޔަ ސެޕްޓެމްބަރ މަހު އެ ޤައުމުގެ ރައީސްކަމާއި ޙަވާލުވެވަޑައިގަތުމަށްފަހު ދިވެހިރާއްޖެއަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.


