logo
Bank of Maldives

Bank of Maldives

ރިޕޯޓް

ލިބުނީ ބަނގުރޫޓް ވެދާނެކަމުގެ ރަނގަބީލު! ވާރުތަވި ހާލަތުން އަރައިގަތުމުގެ ފިޔަވަޅުތަކާއެކު އުންމީދު

މުހައްމަދު މޫސާމުހައްމަދު މޫސާ
31 އޮކްޓޯބަރު 2025 - 14:12
ލިބުނީ ބަނގުރޫޓް ވެދާނެކަމުގެ ރަނގަބީލު! ވާރުތަވި ހާލަތުން އަރައިގަތުމުގެ ފިޔަވަޅުތަކާއެކު އުންމީދު

2026 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓު ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅާފައެވެ. އެ ބަޖެޓް ހުށަހަޅުއްވައިދެއްވީ މާލީ ވަޒީރު މޫސާ ޒަމީރެވެ. އެ ބަޖެޓް ހުށަހަޅުއްވައި ދެއްވަމުން މާލީ ވަޒީރު ހުށަހެޅުއްވި ބަޖެޓް ބަޔާނުގައި މި ސަރުކާރުން ވެރިކަމާއި ހަވާލުވިއިރު ގައުމުގައި އޮތް ދަތި މާލީ ހާލަތުން އަރައިގަނެ މިއަދާއި ހަމައަށް ކުރަމުން އަންނަ މަސައްކަތުގެ ނަތީޖާގެ މައްޗަށާއި، އައު ބަޖެޓްގެ އަމާޒަށް ވަނީ ވަރަށް ތަފްޞީލްކޮށް އަލިއަޅުއްވާލައްވާފައެވެ.

ވެރިކަމާ ހަވާލުވިއިރު ބޭރުގެ މާލީ އިދާރާތަކުން ދިނީ ބަނގުރޫޓް ވެދާނެކަމުގެ ރަނގަބީލު

Ad by Hajj Corporation

Ad by Hajj Corporation

މާލީ ވަޒީރުގެ ބަޖެޓް ބަޔާނުގައި ފާހަގަކުރަށްވާފައިވާ ގޮތުގައިނރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 17 ނޮވެމްބަރ 2023ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ބައިނަލްއަގުވާމީ މާލީ އިދާރާތަކުން އައީ ދިވެހިރާއްޖެ ބަނގުރޫޓްވާނެ ކަމުގެ ރަނގަބީލު އަޅަމުންނެވެ. އިންޓަނޭޝަނަލް މަނިޓަރީ ފަންޑާއި ވޯލްޑް ބޭންކުން ފާހަގަކުރަމުން ދިޔައީ ދިވެހިރާއްޖެ އޮތީ "އެޓް ހައި ރިސްކް އޮފް ޑެޓް ޑިސްޓްރެސް" ކަމުގައެވެ. މިދިޔަ އެމްޑީޕީގެ ސަރުކާރުން މާލިއްޔާ ހިންގުމުގެ އަސާސްތަކުން އެކަހެރިވެ، ރޭވުންތެރިކަމެއް ނެތި ހިންގަމުންދިޔަ ފިސްކަލް ޕޮލިސީގެ ނަތީޖާއެއްގެ ގޮތުން ދައުލަތުގެ މާލިއްޔާއަށް ނުކަތާ މިންވަރަށް ބޮޑެތި ޑެފިސިޓް ބަޖެޓް ހުށަހަޅަމުންދިޔައެވެ. ސަޕްލިމެންޓްރީ ބަޖެޓްތައް ހުށަހަޅައިގެން ވިދިވިދިގެން ގިނަ އަހަރުތަކުގައި ސަރުކާރު ހިންގުމުގެ ނަތީޖާއަކަށްވީ ދަރަނީގެ ދެމެހެއްޓެނިވިކަމާއި މެކްރޯ ފިސްކަލް ސްޓެބިލިޓީ ގެއްލިގެންދިއުމެވެ. ހަމަ އެހެންމެ، ބޭރުގެ ފައިސާއިން ކޮންމެހެން ހޯދަން ޖެހިފައިވާ ފައިނޭންސިން ހޯދުމަށް އެމްޑީޕީގެ ސަރުކާރުން ނުކުޅެދިގެންދިއުމުގެ ސަބަބުން 2023 ވަނަ އަހަރުން ފެށިގެން ދައުލަތުގެ ރަސްމީ ރިޒާވް ފަހުގެ ތާރީހެއްގައި ދަށަށް ނުދާ ބާރުމިނުގައި ދަށަށް ދާން ފެށިއެވެ. 2023 ވަނަ އަހަރު ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒާވް ހުރީ 591 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ ދަށަށް ގޮސްފައެވެ. ޔޫޒަބަލް ރިޒާވް 100 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ ދަށަށް ސޮއްސާލައިފައެވެ. ދިވެހިރާއްޖޭގެ ފިސްކަލް އަދި އެކްސްޓާނަލް ސެކްޓަރ ޕޮޒިޝަން އިންތިހާއަށް ބަލިކަށިވުމުގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒައާމަތުން ވެރިކަމާ ހަވާލުވެވަޑައިގެންނެއިރު މެކްރޯ އިކޮނޮމިކް ހާލަތު އޮތީ ނުހަނު ނާޒުކު ފައްތަރެއްގައެވެ.

2017 ވަނަ އަހަރު، ދުނިޔޭގެ އިންޓަރެސްޓް ރޭޓް ދަށުގައި ހުރި ދުވަސްވަރު ދިވެހި ސަރުކާރުން ބޮޑު އިންޓަރެސްޓް ރޭޓެއްގައި ވިއްކި ބޮންޑް ރީފައިނޭންސް ކުރުމަށާއި ޚަރަދު ފައިނޭންސްކުރުމަށް މިދިޔަ އެމްޑީޕީގެ ސަރުކާރުން 2021 ވަނަ އަހަރު ބޮޑު އިންޓަރެސްޓް ރޭޓެއްގައި ސްކޫކް ވިއްކިއެވެ. އެ ސުކޫކް އަންނަ އަހަރު އަނބުރާ ދެއްކުމުގެ ބިޔަ ޒިންމާވެސް މިސަރުކާރުން އުފުލަންޖެހެއެވެ. އެއާއެކު، އެއްވެސް ރޭވުންތެރިކަމެއް ނެތި މަޝްރޫޢުތައް އެވޯޑްކުރުމާއި، ވަކިން ޚާއްސަކޮށް މަސައްކަތުގެ ފަންނީ އަދި މާލީ ޤާބިލުކަން ނެތް ކުންފުނިތަކަށް މަޝްރޫޢުތައް އެވޯޑުކުރުމުގެ ނަތީޖާއަކީ، ވަކި އުސޫލުތަކެއްގެ ތެރެއިން ބިލްތަކަށް ފައިސާދައްކަމުން ދިޔަ ނިޒާމަށް ބުރޫއަރައި، މަޝްރޫއުތައް މަޑުޖެހި، ހުއްޓިފައި ހުރުމެވެ.

އެނގިތިބެ މައްސައްކަތްފެށީ އެ ހާލަތުން އަރައިގަންނަން، ދަރަނިތައް ދަނީ ގަޑިންގަޑިއަށް އަދާކުރަމުން

ރައީސް މުޢިއްޒުގެ ވެރިކަން ފެށުމާއެކު އެ ސަރުކާރުން މިހާލަތް ރަނގަޅަށް ދެނެގަނެ ތިބެމެ، އަވަސްވެގަތީ މިކަމުން ވާރުތަވި ހާލަތުން އަރައިގަތުމަށް، ދައުލަތުގެ މާލިއްޔާ ކޮޅަށްޖަހައި ދިވެހިރާއްޖޭގެ އިގްތިސާދުގެ ދުވެލި ކުރިއަރައިގެންދާނެ މަގެއްގައި ބައްޓަންކުރުމަށެވެ. މިގޮތުން، މިހިނގާ އަހަރަށް ލަފާކޮށް މިދިޔަ އަހަރު މި ސަރުކާރުން ހުށަހެޅި ބަޖެޓްގައި ދައުލަތަށް ބޭރު ފައިސާއިން އާމްދަނީ ލިބޭ ގިނަ ޓެކުހާއި ފީ މަތިކުރުމަށް ހުށަހެޅިއެވެ. މިސަރުކާރުން ގެނައި ބަދަލުތަކާއެކީގައި މިއަދާ ހަމައަށް ވާސިލްވީ ދިވެހި ސަރުކާރުން އަދާކުރަންޖެހޭ އެންމެހާ ދަރަނިތަކާއި ޒިންމާތައް ގަޑިންގަޑިއަށް އަދާކުރަމުންނެވެ. މިހިނގާ އަހަރުގެ ފުރަތަމަ 40 ހަފްތާގައި ވިދިވިދިގެން ސާޕްލަސްގައި ސަރުކާރު ހިންގާފައިވެއެވެ. އެކްސްޓާނަލް ސެކްޓަރ ބެލެންސްތަކަށް ބަލާއިރު، މަރުކަޒީ ބޭންކުން ސެޕްޓެމްބަރގެ ނިޔަލަށް އިއުލާންކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުން، ދައުލަތުގެ ރަސްމީ ރިޒާވްގައި 860 މިލިއަން އެމެރިކާ ޑޮލަރު އެބަހުއްޓެވެ. އެއާ އެކު، 200 މިލިއަން އެމެރިކާ ޑޮލަރު ނެޓް ނުވަތަ ޔޫޒަބަލް ރިޒާވްގެ ގޮތުގައި ހުރި ކަމަށް އަންދާޒާކުރެވެއެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު އޮތް މެކްރޯ އިކޮނޮމިކް އަންސްޓޭބަލް ހާލަތުން ވީއްލި، ދިވެހި ސަރުކާރުން ދަރަނި، ވަކިން ހާއްސަކޮށް ބޭރުގެ ދަރަނި ގަޑިންގަޑިއަށް ދައްކާނެކަމުގެ ޔަގީންކަން އަލުން ހޯދައިފިއެވެ. ނަމަވެސް، 2026 ވަނަ އަހަރަކީ، ނިމިދިޔަ ސަރުކޫރުތަކުން ދައުލަތަށް އާމްދަނީ ލިބޭ މިންގަނޑާ އިދިކޮޅަށް، އަނބުރާ އެކީ އެއްފަހަރާ ދައްކާ ގޮތަށް ނަގާފައިވާ ޖުމްލަ 600 މިލިއަން އެމެރިކާ ޑޮލަރު ދެއްކުމުގެ ޒިންމާ ދިވެހި ސަރުކާރުގެ މައްޗަށް އުފައްދާފައިވާ އަހަރެވެ. މިފަދަ ބޮޑު ދަރަނީގެ ޒިންމާ އެކީ އެއްފަހަރާ އަދާކުރަން ޖެހިފައިވާއިރު، އާންމު ދިވެހި ރައްޔިތުންނަށް އަދި އެކްސްޓާނަލް އޮބްޒާވަރުންގެ މެދުގައި ދިވެހިރާއްޖޭގެ މާލީ މުސްތަގްބަލާ މެދު ނުތަނަވަސްކަން އިހްސާސްވާނެއެވެ. އެހެންކަމުން، އަންނަ އަހަރަށް ލަފާކުރާ ބަޖެޓް އެކުލަވާލުމުގައި މިކަމަށް މާލީ ވުޒާރާއިން ވިސްނައި، ފިސްކަލް ޕޮލިސީ އެކަށައެޅުމުގައި ދަރަނީގެ ދެމެހެއްޓެނިވިކަން އިއާދަކުރުމާ އެކީ މެކްރޯ ފިސްކަލް ސްޓެބިލިޓީ ގާއިމްކުރުމަށްޓަކައި މުހިންމު ފިސްކަލް ލަނޑުދަނޑިތަކެއް ކަނޑައަޅާފައިވެއެވެ.

ބަޖެޓުގެ އިސް އަމާޒަކީ ސަރުކާރުން ދެމުންދާ ހިދުމަތްތައް މެދުނުކެނޑި ދިނުމާއި ވައުދުތައް ފުއްދަން ޖާގަހޯދުން

މެދުރާސްތާގެ ބަޖެޓުގެ އިސް އަމާޒަކީ ސަރުކާރުން ދެމުންދާ ހިދުމަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމާއި، ސަރުކާރުން ދިވެހި ރައްޔިތުންނަށް ވައުދުވެފައިވާ ގޮތަށް ހާސިލުކުރަންޖެހޭ ލަނޑުދަނޑިތައް ހާސިލުކުރުމަށް ބަޖެޓުން ޖާގަ ހޯދުމެވެ. އަދި ދައުލަތުގެ މާލީ ދެމެހެއްޓެނިވިކަމަށް މި ގެނެވުނު ކުރިއެރުން ދެމެހެއްޓުމާއި، ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓިނިވިކަން އިޔާދަވާނެ ގޮތުގެ މަތިން މެކްރޮ-ފިސްކަލް ސްޓެބިލިޓީ ކަށަވަރުކުރުމެވެ. މި ބަޖެޓްގެ ފިސްކަލް އަމާޒުތަކަކީ 2028 ވަނަ އަހަރުގެ ނިޔަލަށް އޯވަރޯލް ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން 5 ޕަސެންޓްއަށް ދަށްކުރުމެވެ. ދައުލަތުގެ ސީދާ ދަރަނި 117 ޕަސެންޓްއަށް ކުޑަކުރުމެވެ. ޕީއެސްއައިޕީ ޚަރަދު 7 ޕަސެންޓަށް ވުރެ މަތިނުވާނެހެން ކަނޑައެޅުމެވެ. އެއާ އެކު، ހިލޭ އެހީ ނުހިމަނައި ދައުލަތުގެ އާމްދަނީގެ ނިސްބަތުން އިންޓްރެސްޓް ޚަރަދު 12 ޕަސެންޓްއަށްވުރެ މަތިނުވާނެހެން ހިފެހެއްޓުމެވެ. 2028 ގެ ނިޔަލަށް ޖީޑީޕީގެ ނިސްބަތުން ގެރެންޓީދީފައިވާ ދަރަނި 10 ޕަސެންޓްއަށް ކުޑަކުރުމެވެ. މި ބަޖެޓުގެ އޮޕަރޭޝަނަލް އަމާޒުތަކަކީ ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ އާމްދަނީ 32 ޕަސެންޓްއަށްވުރެ ދަށްނުވާނެ މިންވަރެއްގައި ހިފެހެއްޓުމެވެ. ދައުލަތުގެ ރިކަރަންޓް ޚަރަދުތައް ލިބޭ އާމްދަނީން ހަމަޖައްސައި، ދައުލަތުގެ ސީދާ ދަރަނި މެދުރާސްތާގައި ދަށަށްދާނެ މިސްރާބަކަށް ގެނައުމެވެ. ޕީއެސްއައިޕީގެ ޚަރަދުގެ ޖުމުލަ ކަނޑައެޅުމުގައި ޑޮމެސްޓިކް ބަޖެޓުން ފަންޑުކުރާ މިންވަރު 70 ޕަސެންޓްއަށްވުރެ ބޮޑުނުވާނެ މިންވަރެއްގައި ހިފެހެއްޓުމެވެ. ބޭރުގެ ފަރާތްތަކުން ނަގާ އިންޓްރެސްޓް ޚަރަދު، އާމްދަނީގެ ނިސްބަތުން 5 ޕަސެންޓްގައި ހިފެހެއްޓުމެވެ. ދައުލަތުގެ ދަރަންޏާބެހޭ ޤާނޫނުގައި ކަނޑައަޅައިފައިވާ ހަމަތަކާއި އިޖުރާއަތްތަކާ އެއްގޮތްވާ ގޮތުގެ މަތިން ދައުލަތުން ގެރެންޓީ ދިނުމެވެ.

މި އަމާޒުތައް ހާސިލުވާނެ ގޮތެއްގެ މަތިން ފިސްކަލް ޕޮލިސީ އަތުރާލައި ތަންފީޒުކުރުން ބިނާވެގެން އަންނަނީ މެދުރާސްތާގައި ދައުލަތަށްޔަގީންކަމާއެކީ އާމްދަނީ ލިބޭނެކަން އެކަށައެޅިގެންނެވެ. އަންނަ އަހަރު އޭޕްރީލް މަހު އެކީ އެއްފަހަރާ އަދާކުރަންޖެހޭ 600 މިލިއަން ޑޮލަރު ދައްކާ ޚަލާސްކުރަންޖެހޭއިރު، މި ބިޔަ ޒިންމާއާއި ކުރިމަތިލާއިރު، ސަރުކާރަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ އާރޯކަމާއި ވިލުންވެރިކަމާއެކީ ކުރިއަރަމުން އަންނަ އިގުތިސާދެއް އޮތުމެވެ. 2024 ވަނަ އަހަރާ އަޅައިބަލާއިރު، 2025 ވަނަ އަހަރު އިގުތިސާދީ ދުވެލި ބާރުވެ، 5.4 ޕަސެންޓްއިން އިގުތިސާދު ކުރިއަރާނެ ކަމަށް ލަފާކުރެވެއެވެ.

ފަތުރުވެރިކަމަށް ކުރިއެރުން

ދިވެހި އިގްތިސާދު ބަރޯސާވާ ފަތުރުވެރިކަމުގެ ދާއިރާއަށް މިއީ ކުރިއެރުން ބޮޑު އަހަރެކެވެ. މީގެ ކުރިން ކޮންމެ އަހަރެއްގެ މެދުތެރޭގައި ފަތުރުވެރިންގެ އަދަދު ދަށަށްދެއެވެ. ނަމަވެސް، މިއަހަރުގެ ލޯ ސީޒަންގައި އެހެން އަހަރުތަކާ އަޅާބަލާއިރު ގިނަ އަދަދެއްގެ ފަތުރުވެރިން އައިކަން އަޅުގަނޑު އުފަލާއެކު ފާހަގަކުރަމެވެ. ފާއިތުވި އަހަރުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ފުރަތަމަ ފަހަރަށް ދެ މިލިއަން ފަހަނައަޅާފައިވެއެވެ. މިއަހަރުވެސް މި ސިނާއަތް ބާރު ދުވެއްޔެއްގައި ކުރިއަރާނެކަމަށް ލަފާކުރެވޭއިރު، މި އަހަރުގެ ފުރަތަމަ އަށް މަސް ދުވަހުގެ ތެރޭގައި 1.5 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިއީ 2024 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9.4 ޕަސެންޓްގެ ކުރިއެރުމެކެވެ. މި ކުރިއެރުމުގެ އެންމެ ބޮޑު ހިއްސާއެއް އޮތީ ޗައިނާ، ރަޝިޔާ، އިނގިރޭސިވިލާތް އަދި އެހެނިހެން ވިލާތުގެ ގައުމުތަކުން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވުމެވެ.

މީގެ އިތުރުން، ފާއިތުވި އަހަރުތަކުގައި އިންޑިއާއިން ޒިޔާރަތްކުރާ ފަތުރުވެރިން ދަށްވަމުން ދިޔަ ނަމަވެސް، ސަރުކާރުން އިންޑިއާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް އެޅި ފިޔަވަޅުތަކާއެކު މި އަހަރުގެ ފުރަތަމަ އަށް މަސް ދުވަހުގެ ތެރޭގައި އިންޑިއާގެ ފަތުރުވެރިންގެ އަދަދު ވަނީ 4.7 ޕަސެންޓްއިން އިތުރުވެފައެވެ. މި އަހަރުގެ ބެޑްނައިޓްސް ހިސާބުތަކަށް ބަލާއިރު، 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން އޯގަސްޓު މަހުގެ ނިޔަލަށް 9.5 މިލިއަން ބެޑްނައިޓްސް ރެކޯޑްކޮށްފައިވެއެވެ. މިއީ 2024 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 6.6 ޕަސެންޓްގެ ކުރިއެރުމެކެވެ. މި ކުރިއެރުމުގެ މައިގަނޑު ސަބަބަކީ މި މުއްދަތުގައި ރިސޯޓު ބެޑްނައިޓްސް 7.6 ޕަސެންޓްއިން ކުރިއަރާފައިވުމެވެ.

ދަތުރުފަތުރާއި މުވާސަލާތުގެ ދާއިރާވެސް ކުރިއަރާނެ

މިއާއެކު، ފަތުރުވެރިކަމާ ގުޅިފައިވާ ދަތުރުފަތުރާއި މުވާސަލާތުގެ ދާއިރާވެސް ކުރިއަރާނެކަމަށް އަންދާޒާކުރެވެއެވެ. މީގެ އިތުރުން، މިއަހަރުގެ ތެރޭގައި މުދަލުގެ އިމްޕޯޓުތަކަށް އައި ކުރިއެރުމަށް ބިނާކޮށް، ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި ކުރިއަރާނެކަމަށް ލަފާކުރެވެއެވެ. ފާއިތުވި އަހަރު މަސްވެރިކަމުގެ ސިނާއަތް ދަށްވިނަމަވެސް، މި އަހަރު މި ސިނާއަތް ކުރިއަރާނެކަމަށް އަންދާޒާކުރެވެއެވެ.

2026 ވަނަ އަހަރު އިގުތިސާދީ ދުވެލި 5.3 ޕަސެންޓް ކުރިއަރާނެ

2026 ވަނަ އަހަރު އިގުތިސާދީ ދުވެލި 5.3 ޕަސެންޓް ކުރިއަރާނެކަމަށް އަންދާޒާކުރެވެއެވެ. 2026 ވަނަ އަހަރާއި 2028 ވަނަ އަހަރާދެމެދު ރާއްޖޭގެ އިގުތިސާދީ ކުރިއެރުން އެވަރެޖްކޮށް ހުންނާނެކަމަށް އަންދާޒާކުރެވެނީ 4.9 ޕަސެންޓްގައެވެ. ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އައު ޕެސެންޖަރ ޓާމިނަލް ބޭނުން ކުރެވެން ފެށުމާއި ސަރަހައްދީ އެއާޕޯޓުތަކަށް ގެނެވުނު ކުރިއެރުމާއެކު، 2026 ވަނަ އަހަރުގައާއި މެދުރާސްތާގައިވެސް ދިވެހިރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ، ފަތުރުވެރިކަމާއި އެ ސިނާއަތާއި ގުޅުންހުރި އެހެނިހެން ދާއިރާތައްވެސް ކުރިއަރާނެކަމަށް ލަފާކުރެވެއެވެ. އަދި ސަރުކާރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮޖެކްޓްތަކަށް 2026 ވަނަ އަހަރާއި މެދުރާސްތާގައި ހިނގާނެކަމަށް ބެލެވޭ ޚަރަދަށް ބިނާކޮށް ކޮންސްޓްރަކްޝަން އަދި ރިއަލް އެސްޓޭޓް ދާއިރާ އެވަރެޖްކޮށް އަހަރަކު 3.1 ޕަސެންޓްއިން ކުރިއަރާނެކަމަށް އަންދާޒާކުރެވެއެވެ.

2026 ވަނަ އަހަރު ރަސްމީ ރިޒާވް 903.7 މިލިއަން އެމެރިކާ ޑޮލަރަށް

ރާއްޖޭގެ ރަސްމީ ރިޒާވް 2024 ވަނަ އަހަރު ނިމުނުއިރު 673.9 މިލިއަން އެމެރިކާ ޑޮލަރުގައި ހުރުމަށްފަހު، ބޭރު ފައިސާގެ ޤާނޫނާއި ގަވާއިދަށް ގެނެވިފައިވާ ބަދަލުތަކާއި އިގުތިސާދީ ކުރިއެރުމާއެކު 2025 ވަނަ އަހަރު ރަސްމީ ރިޒާވް 848.6 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވާނެކަމަށް އަންދާޒާ ކުރެވޭއިރު، އަދި 2026 ވަނަ އަހަރު ރަސްމީ ރިޒާވް 903.7 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވާނެކަމަށް ލަފާކުރެވެއެވެ.

2026 ވަނަ އަހަރު ދިވެހި ދައުލަތަށް ލިބޭ ޖުމުލަ އާމްދަނީއާއި ހިލޭ އެހީ 40.4 ބިލިއަން ރުފިޔާއަށް

ރާއްޖޭގެ އިގުތިސާދުގެ ވަރުގަދަ ބިންގާގެ މައްޗަށް ބިނާކޮށް، 2026 ވަނަ އަހަރު ދިވެހި ދައުލަތަށް ލިބޭ ޖުމުލަ އާމްދަނީއާއި ހިލޭ އެހީ ހުންނާނެކަމަށް ލަފާކުރެވެނީ 40.4 ބިލިއަން ރުފިޔާގައެވެ. މިއީ މިއަހަރަށް ލިބޭނެކަމަށް ލަފާކުރާ 37.9 ބިލިއަން ރުފިޔާގެ އާމްދަނީއަށް އަންނަ 6.6 ޕަސެންޓްގެ އިތުރުވުމެކެވެ. 2025 ވަނަ އަހަރު އާމްދަނީ އިތުރުކުރުމަށް ތަންފީޒުކުރަން ފަށާފައިވާ ސިޔާސަތުތަކުގެ ފުރިހަމަ އަސަރު 2026 ވަނަ އަހަރު ފެނިގެންދާނެއެވެ. ފާއިތުވި އަހަރުތަކުގައި ގިނަ ޓެކުހާއި ފީގެ ރޭޓްތަކަށް ބަދަލުގެނެސްފައިވާއިރު، އާމްދަނީ އިތުރުކުރުމުގެ އިތުރު ސިޔާސަތެއް މި އަހަރުގެ ބަޖެޓާއެކު ހުށަހަޅާފައެއް ނުވެއެވެ. އެއީ ރާއްޖޭގެ އިގުތިސާދީ ދުވެއްޔަށް ހީނަރުކަމެއް އަޔަ ނުދީ އާރޯކަން ގެނައުމަށެވެ. ނަމަވެސް ޓެކުހުގެ ޤާނޫނުތައް ތަންފީޒުކުރުމުގެ ފުރިހަމަ ބާރުތައް ތަންފީޒީ އިދާރާތަކަށް ލިއްބައިދިނުމާއެކު، މިހާރު އެފަރާތްތަކަށް ދިމާވެފައިވާ ޤާނޫނީ ގޮންޖެހުންތަކަށް އެކަށޭނަ ހައްލު ހޯދައިދެވުމުން ދައުލަތަށް ލިބެންޖެހި، ނުލިބިވާ ފައިސާ ހޯދުމަށް މަގުފަހިވެގެންދާނެއެވެ. މިގޮތުން، 2026 ވަނަ އަހަރު ޓެކުހުގެ އާމްދަނީގެ ގޮތުގައި 31.3 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކުރެވެއެވެ. ޓެކްސް ނޫން ގޮތްގޮތުން ލިބޭ އާމްދަނީ 8.7 ބިލިއަން ރުފިޔާގައި ހުންނާނެކަމަށް ބެލެވެއެވެ. މީގެ އިތުރުން ހިލޭ އެހީގެ ގޮތުގައި 373.6 މިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރެވެއެވެ.

2026 ވަނަ އަހަރަށް 64,202,565,720 ރުފިޔާގެ ބަޖެޓެއް

2026 ވަނަ މާލީ އަހަރަށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓަކީ 64,202,565,720 (ފަސްދޮޅަސް ހަތަރު ބިލިއަން ދުއިސައްތަ ދެ މިލިއަން ފަސް ލައްކަ ފަސްދޮޅަސް ފަސް ހާސް ހަތް ސަތޭކަ ވިހި ރުފިޔާ) ގެ ބަޖެޓެކެވެ. މި ބަޖެޓުގައި ހިމަނާފައިވާ 9.3 ބިލިއަން ރުފިޔާގެ ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ޚަރަދު ނުލައި އަންނަ އަހަރުގެ ބަޖެޓަކީ 55.0 ބިލިއަން ރުފިޔާއެވެ. މިއީ 2021 ވަނަ އަހަރު ސަރުކާރުން އިޝޫކޮށްފައިވާ 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކުގެ އިތުރުން، އޭގެ ކުރިން އިޝޫކުރި 100 މިލިއަން އެމެރިކާ ޑޮލަރުގެ ބޮންޑެއް އަނބުރާ ދައްކަން ހަމަޖެހިފައިވާތީ، ދަރަނި އަނބުރާ ދެއްކުމުގެ ޚަރަދު ބޮޑުވުމުގެ ސަބަބުން އައި އިތުރުވުމެކެވެ. މި ސަރުކާރަށް ވާރުތަވި ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ޚަރަދު ނުލައި މިއީ މި ހިނގާ 2025 ވަނަ އަހަރަށް ވުރެ ކުޑަ ބަޖެޓެކެވެ. ނަމަވެސް މެދުރާސްތާގައި ދަރަނި އަނބުރާ ދެއްކުމުގެ ޚަރަދު ކުޑަވާނެކަމަށް ބެލެވޭތީ 2027 ވަނަ އަހަރު 56.8 ބިލިއަން ރުފިޔާ އަދި 2028 ވަނަ އަހަރު 57.0 ބިލިއަން ރުފިޔާއަށް ދައުލަތުގެ ބަޖެޓު ދަށްވާނެކަމަށް ލަފާކުރެވެއެވެ.

ހެޔޮނަތީޖާގެ ފަހަތުގައި ހެޔޮ ނިޔަތް

މި ސަރުކާރު ވެރިކަމަށް އައިއިރު ބަނގުރޫޓްވެދާނެ ހާލަތުގައި އޮތް ގައުމު ކޮޅަށްޖަހައި، އަމާން މަންޒިލަކާއި ދިމާއަށް ދަތުރުކުރަމުން ދަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ހަރުދަނާ ސިޔާސަތާއި، އެމަނިކުފާނާއި ޓީމުގެ މިންނެތް މަސައްކަތުންކަމާމެދު ޝައްކެތްނެވެ. އަދި ބަނގުރޫޓް ވުމުން ސަލާމަތްވެ، އުންމީދު ގެނުވީ ވެސް ރައީސް މުޢިއްޒުގެ ތޫނު ވިސްނުންފުޅާއި، މުރާލިކަމާއި ހިތްވަރުންނެވެ. އެކަން އެހެރީ ހިސާބުތަކުން ފެންނާށެވެ.

 

 

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލިބުނީ ބަނގުރޫޓް ވެދާނެކަމުގެ ރަނގަބީލު! ވާރުތަވި ހާލަތުން އަރައިގަތުމުގެ ފިޔަވަޅުތަކާއެކު އުންމީދުރިޕޯޓް | 11 ގަޑިއިރު ކުރިންރާއްޖެއާއި ލަންކާއާ ދެމެދު ވިޔަފާރި ފެރީގެ ނިޒާމެއް ގާއިމު ކުރުމުގެ މަސައްކަތްތައް ކުރަނީ ޚަބަރު | 17 ގަޑިއިރު ކުރިންރައީސުލްޖުމްހޫރިއްޔާ، މަސްޖިދުއްދަޢުވާގެ ބިންގާ އަޅުއްވައިދެއްވައިފިޚަބަރު | 2 ދުވަސް ކުރިން2026 ވަނަ އަހަރު އިގުތިޞާދީ ދުވެލި 5.3 އިންސައްތައިގައި ކުރިއަރާނެޚަބަރު | 2 ދުވަސް ކުރިން