ދައުލަތުގެ ބަޖެޓުގައި މުހިންމު ދާއިރާތަކަށް ރަނގަޅު މިންވަރެއް ކަނޑައަޅާފައިވޭ: ޑރ. އަނާރާ
23 ނޮވެމްބަރު 2026 - 19:13

އަންނަ އަހަރަށް ދައުލަތުން ހުށަހަޅާފައިވާ 59.7 ބިލިއަން ރުފިޔާގެ ބަޖެޓު ދިރާސާކުރި ކޮމިޓީގެ ނިންމުމަށް ބަލާއިރު، ރައްޔިތުންނާ ގުޅުންހުރި މުހިންމު ދާއިރާތަކަށް ފައިސާގެ ރަނގަޅު މިންގަނޑުތަކެއް ކަނޑައަޅާފައިވާކަން ފާހަގަކުރެއްވޭ ކަމަށް ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމް ވިދާޅުވެއްޖެއެވެ.
.png&w=750&q=75)
Ad by Hajj Corporation
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ބަޖެޓު ދިރާސާކުރި ކޮމިޓީގެ ރިޕޯޓަށް ބަހުސްކުރައްވަމުން އަނާރާ ވިދާޅުވީ، ސިއްހީ ދާއިރާއަށް 10.5 ބިލިއަން ރުފިޔާ އަދި ތައުލީމީ ދާއިރާއަށް 6.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވާ ކަމަށެވެ. މީގެ އިތުރުން އިޖުތިމާއީ ރައްކާތެރިކަމަށް 4.0 ބިލިއަން ރުފިޔާ ހިމަނާފައިވާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖެ ރަށްތަކަކަށް ބެހިފައި އޮތުމުން ރަށު ފެންވަރުގައި ސިއްހީ ހިދުމަތްތަކާއި ޓެސްޓުތައް ހެދޭނެ އިންތިޒާމު ހުރުމަކީ މުހިންމު ކަމެއްކަން ފާހަގަކުރައްވަމުން، މި ސަރުކާރު އައި ފަހުން ހުރާ ދާއިރާގެ ރަށްތައް ކަމަށްވާ ހުރާ، ހިންމަފުށި އަދި ގުޅީގެ ސިއްހީ ހިދުމަތަށް ބޮޑެތި ކުރިއެރުންތަކެއް އައިސްފައިވާ ކަމަށް އަނާރާ ވިދާޅުވިއެވެ. އެގޮތުން އާންމުކޮށް ހަދާ ލޭގެ ޓެސްޓުތައް މިހާރު ރަށުން ހެދެމުންދާ ކަމަށާއި، ރާއްޖެއިން ބޭރަށް ސިއްހީ ފަރުވާއަށް ދާ މިންވަރު މަދުކުރުމަށްޓަކައި މާލެއާއި އަތޮޅުތަކުގެ ހޮސްޕިޓަލްތަކުގެ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުން މުހިންމު ކަމަށް ވިދާޅުވިއެވެ.
ތައުލީމީ ދާއިރާއަށް އަލިއަޅުއްވާލައްވަމުން އޭނާ ވިދާޅުވީ، ދާއިރާގެ ސްކޫލްތަކުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ކުރިއަށް އޮތް އަހަރު އިމާރާތްތަކުގެ މަސައްކަތް ފެށިގެންދާނެ ކަމުގެ ޔަގީންކަން މިނިސްޓްރީން ދެއްވާފައިވާ ކަމަށެވެ. މީގެ އިތުރުން މުޖުތަމައުގެ ދުޅަހެޔޮކަމާއި ރައްކާތެރިކަމަށް އިޖުތިމާއީ ރިވެތި އަހުލާގާއި އިހުތިރާމް ދެމެހެއްޓުމުގެ މުހިންމުކަން ވެސް ފާހަގަކުރެއްވިއެވެ.
ދާއިރާގެ އުމްރާނީ ތަރައްގީއާ ގުޅޭގޮތުން ވާހަކަދައްކަވަމުން އަނާރާ ވިދާޅުވީ، ހުރާ ދާއިރާގެ ރަށްތަކުގެ މަގުތައް އަޑިގުޑަންވެ ހަލާކުވެފައިވާތީ ދިމާވާ ދަތިތައް ހައްލުކުރުމަށް މަގުހެދުމުގެ މަޝްރޫއުތައް މި ބަޖެޓުގެ ތެރެއިން ހިންގިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

-01.jpg&w=3840&q=75)
