ކޮރަޕްޝަނަށް ހުޅުވޭ ދޮރުތައް ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ބިލުން ބަންދުވެގެންދާނެ: އަނާރާ
22 ޖޫން 2026 - 20:05

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ "މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން" ބިލަކީ ރާއްޖޭގައި ކޮރަޕްޝަނަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރުމަށް ލިބިގެންދާނެ ވަރަށް ބޮޑު ބާރެއް ކަމަށް ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމް ވިދާޅުވެއްޖެއެވެ. މި ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަދައްކަވަމުން އަނާރާ ވަނީ މި ބިލުގެ ސަބަބުން ގައުމަށް ގިނަގުނަ ފުރުސަތުތަކެއް ފަހިވާނެކަން ފާހަގަކުރައްވާފައެވެ.
ހޯމަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި ބިލަށް ބަހުސް ކުރައްވަމުން އަނާރާ ވިދާޅުވީ، ރާއްޖެ މިހާރު އޮތީ ވަރަށް ބޮޑަށް ޓެކްނޮލޮޖީއަށް ބަރޯސާވެފައި ކަމަށާއި، އެހެންކަމުން މިފަދަ ގާނޫނީ އޮނިގަނޑެއް އައުމަކީ ގައުމަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. މި ބިލުގެ ސަބަބުން ކޮންމެ މީހަކަށްވެސް ވިޔަފާރީގެ ފުރުސަތުތައް ފުޅާވެ، ހެޔޮގޮތުގައި ވިޔަފާރި ކުރިއެރުވުމަށް މަގުފަހިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

Ad by Hajj Corporation
އަނާރާގެ ވާހަކަފުޅުގައި އެންމެ ބޮޑަށް އަލިއަޅުއްވާލެއްވީ ކޮރަޕްޝަން ހުއްޓުވުމަށެވެ. "ކޮރަޕްޝަނަށް ހުޅުވޭ ދޮރުތައް ބަންދުވެގެންދާން ވަރަށް މުހިންމު ކަމެއް މިއީ މި އޮންލައިންކޮށް ޚިދުމަތްތައް ލިބުމާއި، އޮންލައިންކޮށް ފޯމުތައް ހުށަހެޅުމުގެ ފުރުޞަތުތައް އޮތުމަކީ،" އަނާރާ ވިދާޅުވިއެވެ. ޚިދުމަތްތައް ޑިޖިޓަލްވެ، ގޭގައި ހުރެގެން އެއްވެސް މެދުވެރިއަކާ ނުލައި ޚިދުމަތްތަކަށް އެދެވުމަކީ ނަޒާހަތްތެރިކަން އިތުރުވާނެ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މި ބިލުގެ ސަބަބުން ވިޔަފާރިތަކަށާއި އެހެނިހެން މުއާމަލާތްތަކަށް ސަލާމަތާއި ރައްކާތެރިކަން ލިބިގެންދާނެ ކަމަށްވެސް އަނާރާ ވިދާޅުވިއެވެ. މި ސަރުކާރުން ޕޭޕަލްގެ ޚިދުމަތް ތައާރަފުކުރުމަކީވެސް ވިޔަފާރިއަށް ހުޅުވުނު މުހިންމު ދޮރެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
އޮފީސްތަކުގެ މަސައްކަތްތައް ޒަމާނީވަމުން އަންނަކަން ފާހަގަކުރައްވަމުން އަނާރާ ވިދާޅުވީ، ކުރިން މަޖިލީހުގައިވެސް ހުރިހާ ބިލެއް ޕްރިންޓްކޮށްގެން ބޭނުންކުރި ނަމަވެސް، މިހާރު ކޮންމެ މެންބަރަކަށްވެސް ކޮމްޕިއުޓަރުން ބިލުތައް ބަލާލެވޭ ކަމަށެވެ. މި ބިލާއެކު މިފަދަ ޒަމާނީ ވަސީލަތްތައް އިތުރަށް ތައާރަފުވެ، ހިންގުމުގެ ނިޒާމު ހަރުދަނާވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ގައްދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަލީ ހުށަހަޅުއްވާފައިވާ މި ބިލަކީ ގައުމުގެ ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރަކަށް ކޮށްދެވޭނެ އެންމެ ބޮޑު އެއް ޚިދުމަތް ކަމަށް ވިދާޅުވަމުން އަނާރާ ވަނީ މި ބިލަށް ތާއީދުކުރައްވާފައެވެ.


