މެސީ ބާސާއިން ބޭރުކޮށްލި ލަޕޯޓާ ރައީސްކަމުން ބޭރުކުރަން މެސީ ނިކުންނަނީ
31 އޮކްޓޯބަރު 2025 - 13:03

ބާސެލޯނާގެ ލެޖެންޑަރީ ކުޅުންތެރިޔާ އަދި ފުޓްބޯޅައިގައި މިހާތަނަށް އުފެދުނު އެންމެ މޮޅު އެއް ކުލުންތެރިޔާ ލިއޮނެލް މެސީ ބާސެލޯނާގެ ރައީސަކު ހޮވުމަށް އަންނަ އަހަރުގައި ބާއްވާ އިންތިޚާބުގެ ކަންކަމުގައި ބައިވެރިވާން ނިންމާފައިވާ ކަމުގެ ރިޕޯޓްތައް ލިބިއްޖެއެވެ. މިގޮތުން، އޭނާގެ މަޤްސަދަކީ މިހާރުގެ ރައީސް ޖޯން ލަޕޯޓާ މަޤާމުން ދުރުކުރުމަށްޓަކައި އަންނަ އަހަރު ބާއްވާ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓަކަށް ތާއީދުކުރުން ކަމަށްވެއެވެ. މެސީ އަމިއްލައަށް ރިޔާސީ އިންތިޚާބަށް ކުރިމައްޗެއް ނުލާނެއެވެ.
މިގޮތަށް ރިޕޯޓްތައް ލިބުނުނަމަވެސް ފާޅުކަން ބޮޑުގޮތެެއްގައި މެސީ، އެއްވެސް ކެންޑިޑޭޓަކަށް ވަކިކޮށް ތާއީދު ކުރާނެކަމަށް ނުބެލެވެއެވެ. ނަމަވެސް، އޭނާގެ މަޤްސަދު ހާސިލުވާނެ ކަމުގެ ޔަޤީންކަން އޮތް ނަމަ، އޭނާ މިކަމުގައި ބައިވެރިވާނެއެވެ. ބާސެލޯނާގެ އިންތިޚާބު 2026 ވަނަ އަހަރުގެ މާރޗް 15 އާއި ޖޫން 15 އާ ދެމެދު ބޭއްވުމަށް ވަނީ ލަފާކުރެވިފައެވެ. ބާސާ ޔުނިވަރސަލް އިން ރިޕޯޓްކުރާ ގޮތުގައި، ލަޕޯޓާ ވަނީ އަލުން އިންތިޚާބަށް ކުރިމަތިލާނެކަން ހާމަކޮށްފައެވެ.

Ad by Hajj Corporation
މީގެ ހަތަރު އަހަރާއި ބައި ކުރިން، މެސީ ވަނީ ލަޕޯޓާއަށް ފާޅުކަންބޮޑުކޮށް ތާއީދުކޮށްފައެވެ. އަދި އޭނާގެ ދަރިފުޅު ތިއާގޯ ވެސް ގޮވައިގެން އަމިއްލައަށް ވޯޓު ލާން ވެސް ދިޔައެވެ. ނަމަވެސް، މިފަހަރުގެ ކަންތައްތައް ވަރަށް ތަފާތެވެ. މިހާރުގެ ރައީސް އަލުން މަޤާމަށް އައުމަށް ހުރަސް އެޅުމުގައި މެސީގެ ދައުރު ވަރަށް މުހިންމުވެގެންދާނެއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި، 2021 ވަނަ އަހަރު ބާސެލޯނާ ދޫކޮށް ދާން ޖެހުނު ގޮތް މެސީގެ ހަނދާނުން އަދިވެސް ފިލައިގެން ނުދެއެވެ. މެސީގެ ކޮންޓްރެކްޓް އާކުރުމަކީ ލަޕޯޓާގެ 2021 ވަނަ އަހަރުގެ ރިޔާސީ ކެމްޕޭނުގެ އެންމެ މުހިންމު އެއް ވަޢުދެވެ. އެކަމަކު، ކުލަބުގެ މާލީ ދަތިކަމުގެ ސަބަބުން ކޮންޓްރެކްޓް އާކުރުމަށް ހުރަސް އެޅި، އެކަން ނުވިއެވެ. މެސީ އާއި އޭނާގެ އާއިލާއިން މިކަން ދެކެނީ ލަޕޯޓާގެ ފަރާތުން ލިބުނު ޚިޔާނާތެއް ކަމުގައެވެ. ނަތީޖާއެއްގެ ގޮތުން،މެސީއާއި ބާސާގެ ރައީސްއާއި ދެމެދުގެ ގުޅުން ވަނީ މުޅިން ކެނޑިފައެވެ.


