ތާރީހީ ވޯޓަށްފަހު މި ހަފްތާގައި ރައީސް މުއިއްޒު، ފުވައްމުލައް އަދި އައްޑު އަށް ވަޑައިގަންނަވަނީ
2 ނޮވެމްބަރު 2025 - 15:39

އައްޑޫގައި ސިޓީ ކައުންސިލް އޮންނަ ގޮތާމެދު ޚިޔާލު ހޯދުމަށް ނެގި ތާރީހީ ވޯޓަށްފަހު ރައީސުލްޖުމްހޫރިއްޔާ މި ހަފްތާގައި އައްޑު އަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ.
އެނގިފައިވާ ގޮތުގައި، ރައީސް ޑރ. މުއިއްޒުގެ މި ދަތުރުފުޅުގައި އައްޑޫގެ އިތުރުން ފުވައްމުލައް ސިޓީއަށްވެސް ވަޑައިގަންނަވާނެއެވެ.

Ad by Hajj Corporation
މި ދަތުރުފުޅުތައް ފައްޓަވާނީ އަންނަ އަންގާރަ ދުވަހުކަމަށް މައުލޫމާތުލިބެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރައްވައި، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރައްވައި، ރައްޔިތުންގެ ގާތަށް ވަޑައިގެން ރައްޔިތުންގެ ހާލު ބެއްލެވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން އެމަނިކުފާނު ކުރެއްވި ދަތުރުފުޅެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އެރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ. އަދި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ހާލު ބައްލަވާ، އެކި ކަންކަމުގައި ރައްޔިތުންގެ ފަރާތުން ހިއްސާކުރެއްވި ވާހަކަތައް އަޑުއައްސަވާނެއެވެ.
މިހާތަނަށް އައިއިރު ޤައުމުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން، ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް، ރެކޯޑް މުއްދަތެއްގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޒިޔާރަތްކުރައްވައި ރާއްޖޭގެ ސިޔާސީ މައިދާނުގައި ތާރީޚީ ކާމިޔާބީއެއް ވަނީ ހާސިލުކުރައްވާފައެވެ.
އެގޮތުން ވޭތުވެދިޔަ އެއް އަހަރާއި 11 މަސްތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ 187 ރަށަށް ވަޑައިގެން އާ ރިކޯޑެއް އެމަނިކުފާނު ގާއިމުކުރައްވާފައިވާއިރު އެމަނިކުފާނު 187 ވަނަ ރަށަކަށް ވަޑައިގަތީ ކ. ތުލުސްދޫއަށެވެ.
ދިވެހި ރިޔާސީ ތާރީޚުގައި، ޤައުމުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން، ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އެންމެ ފަހުން ރައީސަކު ޒިޔާރަތްކުރެއްވީ މީގެ 42 އަހަރު ކުރިންނެވެ. އޭރު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައި ހުންނެވި އަލްއުސްތާޛު މައްމޫން ޢަބްދުލްޤައްޔޫމް، ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެންނެވީ 5 އަހަރު ދުވަހުގެ ތެރޭގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެންމެ 23 މަސްދުވަހުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރެއްވުމަކީ، މި ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށް ހަލުވި ދުވެލީގައި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ސާފު ހެއްކެކެވެ.
އައްޑުއަށް ރައީސް ވަޑައިގަންނަވާއިރު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ވަކި ޤާނޫނެއް ހަދައިގެން، އެ ޤާނޫނުގެ ދަށުން ނެގި ޚިޔާލު ހޯދުމުގެ ފުރަތަމަ ވޯޓުގައި އައްޑޫގެ ހުޅުދޫއާއި މީދޫ ރައްޔިތުންގެ އަޤްލަބިއްޔަތު ތާޢީދުކޮށްފައިވަނީ ސިޓީ ކައުންސިލުން ވަކިވެ، އެ ދެ ރަށަށް ވަކި ދެ ރަށު ކައުންސިލް އުފެއްދުމަށެވެ. ނަމަވެސް ފޭދޫ މީހުންގެ އަޤްލަބިއްޔަތު ތާއީދުކޮށްފައިވަނީ ސިޓީ ކައުންސިލާއެކު ދެމިތިބޭށެވެ.އައްޑޫ 3 ރަށެއްގެ ރައްޔިތުންގެ މެދުގައި ނެގި ޚިޔާލު ހޯދުމުގެ ވޯޓަކީ އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތް ބަދަލުކޮށް، އެ އަތޮޅުގެ ފޭދޫ، ހުޅުދޫ އަދި މީދޫގައި ވަކި ކައުންސިލްތައް އުފައްދަން ފެނޭތޯ ބެލުމަށް ނެގި ވޯޓެކެވެ.


