މައުމޫނަށާއި ނޮވެންބަރު 3 ގެ ޝަހީދުންގެ ޢާއިލާތަކަށް އައްޑަނަ އެރުވުމަށް ރައީސް ނިންމަވައިފި
2 ނޮވެމްބަރު 2025 - 09:38

ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާ، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް ނޮވެންބަރު 3 ގެ ޝަރަފުގެ ޚާއްޞަ އައްޑަނައެއް އެރުވުމަށާއި، ނޮވެންބަރު 3 ގެ ޢުދުވާނީ ޙަމަލާގައި ޝަހީދުވި ބޭފުޅުންގެ ޢާއިލާތަކަށް ހަނދާނީ އައްޑަނައެއް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
މި އައްޑަނަތައް އެރުވުން އޮންނާނީ، މިއަހަރުގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި މާދަމާ ހެނދުނު ސޯޝަލް ސެންޓަރުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ. ޖަލްސާ ފެށޭނީ ހެނދުނު 9 ޖަހާއިރެވެ.

Ad by Hajj Corporation
މިގޮތަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، ނޮވެންބަރު މަހުގެ 3 ވަނަ ދުވަހުގެ ޢުދުވާނީ ޙަމަލައިގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ތަޢުރީފު ޙައްޤު މަސައްކަތްޕުޅުތަކާއި އަދި އެދުވަހުގެ ޙަމަލައިގައި ޝަހީދުވި ބޭފުޅުންގެ ޚިދުމަތުގެ އަގު ޤައުމީ ފެންވަރެއްގައި ދައުލަތުން ވަޒަންކުރެއްވުމުގެ ގޮތުންނެވެ.
މި ނިންމެވުމުގެ ސަބަބުން، ޤައުމަށްޓަކައި ޖިހާދުކުރެއްވި ބޭފުޅުންގެ ޤުރުބާނީއަށް ދައުލަތުން ދެއްވާ އަހަންމިއްޔަތު ހާމަވެގެންދެއެވެ.
ނޮވެންބަރު 3 ގެ ޢުދުވާނީ ޙަމަލާގައި ޖުމްލަ 19 ބޭފުޅުން ޝަހީދުވިއެވެ. އޭގެ ތެރޭގައި ސިފައިންގެ ތެރެއިން 8 ބޭފުޅުންނާއި، ޢާންމުންގެ ތެރެއިން 11 ބޭފުޅުން ހިމެނެއެވެ. މި ބޭފުޅުންގެ ޢާއިލާތަކަށް ހަނދާނީ އައްޑަނަ އެރުވުމަކީ، އެބޭފުޅުންގެ ޤުރުބާނީގެ އަގު ވަޒަންކުރުމުގެ ގޮތުން ކުރައްވާ މުހިންމު ކަމެކެވެ.
ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޤައުމާ މުޚާޠަބު ކުރައްވާނެއެވެ. އަދި ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫންވެސް ވާހަކަފުޅު ދައްކަވާނެއެވެ.


