އަންހެނުން ހިމާޔަތްކޮށް އިންސާފު ކަށަވަރުކޮށްދިނުމުގައި ސަރުކާރު ދެމިއޮންނާނެ: ރައީސް
25 ނޮވެމްބަރު 2026 - 05:32

އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އެއްވެސް ބާވަތެއްގެ އަނިޔާއަކަށް އުޒުރެއް ނެތްކަމަށް ވިދާޅުވެ، އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަމާއި އިންސާފު ކަށަވަރުކޮށްދިނުމުގައި ސަރުކާރު ސާބިތުކަމާއެކު ދެމިއޮންނާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހާއްސަ މެސެޖެއްގައި ރައީސް ވިދާޅުވީ، އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ރައްކާތެރިކަން ހޯދައިދީ، ކުށްވެރިން ގާނޫނުގެ ކުރިމައްޗަށް ގެނެސް އަދަބު ނުލިބި ތިބުމުގެ ސަގާފަތް ނިމުމަކަށް ގެނައުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ. އެގޮތުން، އަނިޔާގެ މައްސަލަތައް ރައްކާތެރިކަމާއެކު ރިޕޯޓުކުރެވޭނެ ނިޒާމެއް ގާއިމުކުރުމާއި، ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ވަގުތީ ހިޔާވަހިކަން ފޯރުކޮށްދޭ މަރުކަޒުތައް އިތުރުކޮށް ހިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
.png&w=750&q=75)
Ad by Hajj Corporation
މީގެއިތުރުން، އިންސާފު ލިބުމުގައި ހުރި ލަސްތައް ނައްތާލުމަށްޓަކައި ފުރަތަމަ އެހީތެރިކަން ދޭ ފަރާތްތަކާއި، ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ އިތުރުން ޝަރުޢީ ދާއިރާގެ ގާބިލުކަން އިތުރުކުރެވެމުންދާކަމަށް ރައީސް ވިދާޅުވި އެވެ. އަދި އިގހްތިސޯދީ ގޮތުންނާއި އިޖުތިމާއީ ގޮތުން އަންހެނުން ބާރުވެރިކުރުވުމަކީ އަނިޔާވެރިކަމާ ދެކޮޅަށް ކުރާ އެންމެ ވަރުގަދަ މަސައްކަތްކަމަށް ވިދާޅުވެ، އަންހެނުންނަށް އަމާން ވެއްޓެއް ބިނާކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ގޮވާލައްވާފަ އެވެ.

-01.jpg&w=3840&q=75)
