ވިމެންސް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ނިއުރޭޑިއަންޓުން ފަރިތަކުރުންތައް ފަށައިފި
3 ނޮވެމްބަރު 2025 - 15:41

ވިމެންސް ޗެމްޕިއަންޝިޕް ފުޓްބޯލް މުބާރާތަށް ތައްޔާރުވުމަށް، ދިވެހިރާއްޖޭގެ އެންމެ ކާމިޔާބު ފުޓުބޯޅަ ޓީމު، ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ފަރިތަކުރުންތައް ފަށައިފިއެވެ.
ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައި ވަނީ، އެފްއޭގެ ފުޓުބޯޅަ ކަލަންޑަރުގައި ހިމެނޭ ވިމެންސް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ޑިސެމްބަރު އެއްވަނަ ދުވަހު ފަށާނެކަމަށެވެ.

Ad by Hajj Corporation
މީސްމީޑިއާ ޕޯސްޓެއްގައި ނިއުގެ ޗެއާމަން އަޙްމަދު މުބީން ވިދާޅުވީ، މިމުބާރާތުގައި ނިއުއިން ވާދަކުރާނެ ކަމަށެވެ. އަދި މުބާރާތުގެ ޤަވައިދުގައި، ޤައުމީޓީމުގެ ހަތަރު ކުޅުންތެރިޔަކު ޓީމްލިސްޓުގައި ޖެހޭނެކަމަށް ބުނެފައިވާއިރު، ޓީމް އެކުލަވާލައި ޤައުމީ ޓީމުގެ ހަތަރު ކުޅުންތެރިންނާ މިހާރު ވާހަކަ ދެކެވި، އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ވެސް މުބީން ވިދާޅުވިއެވެ.
މި މުބާރާތަށް ނިއުއިން ފަރިތަކުރުންތައް ފަށާފައިވާއިރު، މުބީން ވިދާޅުވި ގޮތަށް ގައުމީ ސްކޮޑުގައި މިހާރު ވެސް ހިމެނޭ ބައެއް ކުޅުންތެރިންނާއި ކުރީގެ ބައެއް ކުޅުންތެރިން ވެސް އެ ޓީމުން ފެނިގެން ގޮސްފައިވެއެވެ.
އެގޮތުން، ގައުމީ ސްކޮޑުގައި މިހާރު ވެސް ހިމެނޭ އެ ޓީމުގެ ކެޕްޓަން ހަނީފާ އާއި، މައިޝާ، ނޫރާ އަދި ފަޒްލާ ވެސް ނިއުގެ ސްކޮޑުގައި ހިމެނެއެވެ. މީގެއިތުރުން ގައުމީ އަންހެން ޓީމުގެ ކުރީގެ ކެޕްޓަން ފަދުވާއާއި މިރުފަތުގެ އިތުރުން ޝިމިނީ ވެސް ނިއުގެ ސްކޮޑުން ފެންނާނެއެވެ.
މި މުބާރާތް ކުޅުމަށް ހަމަޖެހިފައިވަނީ 11 އަސައިޑް މުބާރާތެއްގެ ގޮތުގައި ކަމަށާއި،ކުޅުންތެރިން ރަޖިސްޓްރީ ކުރާއިރު ކޮންމެ ޓީމެއްގައިވެސް ރަޖިސްޓްރީ ކުރާ ކުޅުންތެރިންގެ ތެރޭގައި އަންހެން ޤައުމީ ޓީމުގެ ކުޅުންތެރިން ހިމެނޭނަމަ،ގިނަވެގެން ރަޖިސްޓްރީ ކުރެވޭނީ އެންމެފަހުން އެކުލަވާލާފައިވާ އަންހެން ޤައުމީ ޓީމުގެ ސްކޮޑްގެ ހަތަރު ކުޅުންތެރިން ކަމަަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.
ފާހަގަކޮށްލަން ޖެހޭ ގޮތުގައި ރާއްޖޭގެ އެންމެ ގިނަ ސަޕޯޓަރުން އޮތް ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ހަމައެކަނި ކުރިއަށް ގެންދަނީ ފިރިހެނުންގެ ފުޓުބޯޅައިގެ ހަރަކާތްތައް އެކަންޏެއް ނޫނެވެ. މީގެކުރިން ބާއްވާފައިވާ އެކިއެކި މުބާރާތްތަކުގައި ނިއުގެ އަންހެން ފުޓުބޯޅަ ޓީމުން ވެސް ބައިވެރިވެފައިވާއިރު، އެހެނިހެން ކުޅިވަރުތަކުގައި ވެސް ވާދަކޮށް، ރަން ވަނަތަކެއް ހޯދާފައިވެއެވެ.


