ހުޅުދު އާއި މީދޫ އިދާރީ ގޮތުން ވަކިކުރުމަކީ ތަރައްގީގެ ފެށުން: ރައީސް
5 ނޮވެމްބަރު 2025 - 11:48

އައްޑޫ ހުޅުދު އާއި މީދޫ އިދާރީ ގޮތުން ވަކިކުރުމަކީ އެ ދެ ރަށުގެ ރައްޔިތުން ގިނަ ދުވަސްތަކެއް ވަންދެން އުއްމީދުކުރަމުން އަންނަ ތަރައްގީ ހާސިލްކޮށްދިނުމުގެ ފެށުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ ރާއްޖޭގެ އެންމެ ދެކުނުގެ ދެ އަތޮޅުކަމަށްވާ، ފުވައްމުލައް ސިޓީއާއި އައްޑޫއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އައްޑޫގެ ފުރަތަމަ މަންޒިލެއްގެ ގޮތުން އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫއަށް ވަޑައިގެން، އެ ދެރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

Ad by Hajj Corporation
ރައީސް ވިދާޅުވީ އިދާރީ ހިންގުމުގެ ނިޒާމުގެ ތެރެއިން އައްޑޫ ހުޅުދު އާއި މީދޫގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދެރަކަމާއި ނިކަމެތިކަމާއި ބާކީ ކުރުމާއި ތަފާތުކުރުމަށް ނިމުމެއް ގެނެސްދެއްވުމަށް މަސައްކަތްކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވި ކަމަށާއި ފެންނަ/ނުފެންނަ ވޯޓެއް ނަގައި، އެ ދެ ރަށުގެ ރައްޔިތުން ބޭނުންވި ގޮތަށް އެ ބަދަލު ގެނެސްދެވުމުން އުފާކުރައްވާ ކަމަށެވެ.
"އާދެ މިއީ ފެށުމެއް. ތަރައްގީގެ ފެށުން މިއީ. މިދެރަށުގެ ރައްޔިތުން މިހާ ހިސާބަށް އައިއިރު ހާސިލުނުކުރެވިއޮތް ތަރައްގީ ހާސިލުކުރުމަށް އެޅުނު ފުރަތަމަ ފިޔަވަޅުގެ ގޮތުގައި މިކަން އަޅުގަނޑު ފާހަގަކުރަނީ. އެއީ އެންމެ މުހިންމު އެއްކަމަކީ އަސާސީ ރަށްވެރިކަމުގެ ހިދުމަތްތައް ރައްޔިތުންނާ ގާތުން ރައްޔިތުން ބޭނުންވާގޮތަށް ލިބިގެންދިއުން. އެކަން މިއަދު ފަހިވެފައި މިވަނީ. އެހެންވީމަ ދެން އޮންނަ އިންތިހާބެއްގައި ދެ ކައުންސިލް ރައްޔިތުން އިންތިހާބު ކުރައްވާނެ. އެއާއެކު އަޅުގަނޑުގެ ވައުދު އެއޮތީ ފުދިފައި." ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
އައްޑޫ ސިޓީގެ ހުޅުދޫއާއި މީދޫގެ އިން ނުވަތަ އިހުތިސޯސް ވަކިކުރަން ސަރުކާރުން އާ ކަމެއް ނުކުރާނެ ކަމަށާއި ދެ ރަށުގެ އިހުތިސޯސް ކަނޑައަޅާނީ މީގެ ކުރިންވެސް ދެ ރަށުގެ އިން ވަކިކުރަމުން އައި ގޮތަށްކަމަށް ރައީސްވަނީ ވިދާޅުވެފައެވެ.
ހުޅުދޫ އާއި މީދޫއަކީ ބިމުގެ ގޮތުން އެއްފަސް ތަނަކަށް ވާތީ، ހުޅުދޫ ކައުންސިލާއި މީދޫ ކައުންސިލްގެ އިހުތިސާސް ކަނޑައެޅުމުގައި އިމެއްގެ ގޮތުގައި ސަރުކާރުން ބަލާނީ މެދު ބަނދަރަށް ދާ މަގުގެ ހުޅަނގު އުތުރު ފަޅިން ފެށިގެން ގޮސް، ސ. އަތޮޅު މަދަރުސާ ދެކުނުން އޮތް އާބާދު މަގު، ސީދާ އިރަށް ދަމާލުމުން އެ މަގުގެ ގޮސް ނިމޭ ހިސާބުގެ އުތުރު ފަޅިއަކީ މީދޫ ކަމާއި ދެކުނު ފަޅިއަކީ ހުޅުދޫ ކަމުގައިރައީސް ވިދާޅުވިއެވެ.
ރައީސް ހުޅުދު އާއި މީދުއަށް ވަޑައިގެންނެވިއިރު، އައްޑޫ ސިޓީން އެ ދެ ރަށް ވަކިކޮށް، ވަކި ދެ ކައުންސިލެއް އުފައްދަން އެމަނިކުފާނު ވަނީ މިދިޔަ ހޯމަ ދުވަހު ނިންމަވައިފަ އެވެ.
އެގޮތުން އައްޑޫސިޓީ ކައުންސިލް އަލުން ކަނޑައަޅުއްވައި، އައްޑޫ މީދޫ ރަށު ކައުންސިލާއި އައްޑޫ ހުޅުދޫ ރަށު ކައުންސިލް ކަނޑައެޅުއްވުމަށްވަނީ ނިންމަވާފައެވެ.
އަދި އައްޑޫހުޅުދޫ އާއި އައްޑޫމީދޫ އަކީ މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި ވަނީ ކަނޑައެޅިގެންގޮސްފައެވެ.


