އެމްއެންޑީއެފަށް އަސްކަަރީ މަތިންދާ ބޯޓު ހޯދުމުގެ މަސައްކަތް ފަށައިފި
5 ނޮވެމްބަރު 2025 - 13:19

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް- އެމްއެންޑީއެފްގެ އެއާ ކޯއަށް އަސްކަރީ މަތިންދާ ބޯޓުތައް ހޯދުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.
އެމްއެންޑީއެފްގެ ގަން އެއަރ ސްޓޭޝަން އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ހާމަކުރައްވާފައެވެ.

Ad by Hajj Corporation
ވައިގެ ހިދުމަތުގެ ފުރަތަމަ އެއާ ސްޓޭޝަން އައްޑޫ ސިޓީގައި ގާއިމުކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އަސްކަރީ ގާބިލުކަން އިތުރުކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައިވެސް ބޮޑު ހޭދައެއް ކުރުމަށް ނިންމަވާފައިވާނެކަމަށާއި ވައިގެ ބާރު އުފެއްދުމަށްފަހު، އެބާރު އިތުރަށް ތަރައްޤީކޮށް، އެދާއިރާއަށް ވަޞީލަތްތައް ހޯދައިދިނުމުގެ މަސައްކަތް ފެށިފައިވާކަމަށެވެ. އައްޑޫގައި ހުޅުވުނު އެއަރ ސްޓޭޝަނަށް ފަހު ވައިގެ ދެވަނަ މަރުކަޒު ށ. ފުނަދޫގައި ތަރައްޤީކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
" އެއާކޯއަށް މިލިޓަރީ މަތިންދާ ބޯޓު ހޯދުމާއި، ޓޯޓަލް ޑިފެންސް އީކޯ ސިސްޓަމެއް ގާއިމުކުރުމުގެ މަސައްކަތް ހަގީގަތަކަށް ވާތަން ދެކެން ބޭނުން. އެމްއެންޑީއެފްއަކީ ހުރިހާ މާނައެއްގައި ވަށާޖެހޭ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ އަދި ކޮންމެ ހާލަތެއްގައިވެސް ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކުރުމުގެ ގާބިލުކަން ހުރި ތަނަކަށް ހެދުމަކީ ސަރުކާރުން ކާމިޔާބުކުރާނެކަމެއް." ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
މިއަދު ހުޅުވިގެންދިޔައީ މުހިންމު ދޮރެއް، މުހިންމު ސޮފްހާއެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެމްއެންޑީއެފަކީ ވަރުގަދަ މިލިޓަރީ ބާރަކަށް ހެދުމުން ގައުމުގައި ވަށާޖެހޭ ތަރައްގީ ގާއިމުވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ދިވެހީންގެ ދީނާއި ދިވެހީންގެ މިނިވަންކަމާއި ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ނަގަހައްޓައި ދެމެހެއްޓުމަށް ޓަކައި ދިވެހިރާއްޖޭގެ ވައިގެ ސަރަޙައްދާއި، ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ބެލެހެއްޓުމަށާއި، ދިވެހިރާއްޖޭގެ ސަރަޙައްދުގައި ވައިގެ ވަސީލަތްތައް ބޭނުންކޮށްގެން ހިންގަންޖެހޭ އޮޕަރޭޝަންތައް ހިންގުމަށާއި، ރެޔާއި ދުވާލު ސައުވީސްގަޑިއިރު ހުއްޓުމެއްނެތި ދިވެހިރާއްޖޭގެ ވައިގެ ސަރަހައްދު ދިފާޢުކޮށް ބެލެހެއްޓުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި އަސްކަރިއްޔާއާ މަތިކުރެވިފައިވާ ޒިންމާއާއި ވާޖިބު އެންމެ ފުރިހަމަގޮތުގައި އަދާކުރުމަށްޓަކައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އެއަރ ކޯރގެ ފުރަތަމަ އެއަރ ސްޓޭޝަން ޤާއިމުކޮށް، އެ އެއަރ ސްޓޭޝަނުގެ ޚިދުމަތް ފެށުމަށް ރައީސް ވަނީ ގަރާރެއް އެކުލަވާލާފައެވެ.
ރައީސުލްޖުމްހޫރިއްޔާ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އެއަރ ކޯރ އުފެއްދެވީ 15 މާރިޗު 2024 ގައެވެ.


