ރާއްޖެއާއި ގްރީސްއިން ފަތުރުވެރިކަން ފުޅާކުރުމަށް މަޝްވަރާތަކެއް
5 ނޮވެމްބަރު 2025 - 13:43

ލަންޑަންގައި މިހާރު ކުރިއަށްދާ ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު މައުރަޒުތަކުގެ ތެރޭގައި ހިމެނޭ ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއު.ޓީ.އެމް) 2025 ގައި، ދިވެހިރާއްޖޭގެ ފަތުރުވެރިކަމާ ބެހޭ ވަޒީރު އޮނަރަބަލް ޠާރިޤް އިބްރާހިމްއާއި ގްރީސްގެ ފަތުރުވެރިކަމާ ބެހޭ ވަޒީރު، އޮނަރަބަލް މިސްޒް އޮލްގާ ކެފަލޮގިޔާނީއާ ވަރަށް ފައިދާހުރި ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުން އޮތީ ޑަބްލިއު.ޓީ.އެމް ގެ ހަރަކާތްތަކުގެ ތެރެއިންނެވެ.

Ad by Hajj Corporation
މި ބައްދަލުވުމުގައި ދެގައުމުގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ތަރައްޤީކުރުމާއި، ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވެއެވެ. ދިވެހިރާއްޖެއާއި ގްރީސްއަކީވެސް ފަތުރުވެރިކަން ވަރަށް ބޮޑަށް ބަރޯސާވެފައިވާ ދެ ގައުމުކަމުން، މި ބައްދަލުވުމުގެ ސަބަބުން ދެގައުމަށްވެސް ފައިދާ ކުރާނެ ގިނަ ކަންތައްތަކެއް ހޯދުމަށް މަގުފަހިވެގެންދާނެކަމަށް ބެލެވެއެވެ. އަދި މީގެ އިތުރުން އެއަރލައިން ގުޅުންތައް ހަރުދަނާކުރުމާއި، ފަތުރުވެރިކަމުގެ ދާއިރާގެ ކެރިފޯރުންތެރިކަން އިތުރުކުރުމާއި، އަދި ދަތުރުވެރިންގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން ކަށަވަރުކުރުމުގެ ފިޔަވަޅުތައް ހަރުދަނާކުރުން ފަދަ މުހިންމު އިސްކަންދޭ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރީމެވެ.
ދެވަޒީރުން ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާއި، އަދި ދެގައުމުގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލާނެ ގޮތްތަކާ ބެހޭގޮތުން ހިޔާލު ބަދަލުކުރައްވާފައެވެ. މި މަޝްވަރާތަކުގެ ތެރެއިން ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށް ބޭނުންވާ ސިޔާސަތުތަކާއި، އާ އީޖާދީ ގޮތްތަކަށް އަލިއަޅުވާލާފައިވެއެވެ.
ޑަބްލިއު.ޓީ.އެމް 2025 އަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ އިސް ފަރާތްތަކާއި، ސަރުކާރުތަކުގެ މުހިންމު ވަފުދުތައް ބައްދަލުކޮށް، ހިޔާލު ބަދަލުކުރުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ. މިފަދަ ބައްދަލުވުންތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގެ ފެންވަރުގައި އިތުރަށް ފުޅާވެ، އަދި އާ މާކެޓުތަކަށް ދިވެހިރާއްޖެއަށް ވަދެވުމުގެ ފުރުސަތުތައް ފަހިވެގެންދާނެއެވެ.


