އައްޑޫގައި 30 މެގަވޯޓުގެ ކަރަންޓު އުފެއްދުމަށް ބިޔަ ޕްރޮޖެކްޓެއް ފަށަނީ
5 ނޮވެމްބަރު 2025 - 17:28

އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި 30 މެގަވޯޓަށްވާވަރަށް ކަރަންޓު ކެޕޭސިޓީއެއް ގާއިމުކުރުމަށް އެ އަތޮޅުގައި ބިޔަ ޕްރޮޖެކްޓެއް ފަށަން ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އައްޑޫ ސިޓީގެ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅު ވިދާޅުވީ އައްޑޫއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ކަރަންޓުގެ މައްސަލަކަމަށެވެ.

Ad by Hajj Corporation
މި މައްސަލައަށް ހައްލެއް ނުލިބި ގިނަދުވަސްތަކެއް ވެފައިވާތީ މިހާރު މިއީ ކުޑަކުޑަ ކަމެއް ކޮށްލައިގެން ހައްލުވާވަރަށްވުރެ ބޮޑު މައްސަލައެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިއަދާ ހަމައަށް އައިއިރު މައްސަލައަށް ހައްލެއް އާދޭތޯ 8 ވަރަކަށް ޖެންސެޓް ގެނެވިފައިވާކަމަށާއި ނަމަވެސް އަދިވެސް އައްޑޫގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެވިފައިނުވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އައްޑޫ ސިޓީއަށް 15 ނުވަތަ 16 މެގަވޯޓުގެ ކަރަންޓު ބޭނުންކުރަންޖެހޭއިރު އަދި ޖުމްލަގޮތެއްގައި މުޅި އައްޑޫ ކުރިއެރުވުމަށް ބަލާއިރުވެސް ވަށާޖެހޭ ދާއިމީ ހައްލެއް ކަރަންޓުގެ މައްސަލައަށް އަންނަންޖެހޭކަން އެމަނިކުފާނުވަނީ ފާހަގަކުރައްވާފައެވެ.
މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި 30 މެގަވޯޓަށްވާވަރަށް ކަރަންޓު ކެޕޭސިޓީއެއް ގާއިމުކުރުމަށް އެ އަތޮޅުގައި ބިޔަ ޕްރޮޖެކްޓެއް ފަށަން ނިންމާފައިވާކަމުގެ އުފާވެރި ހަބަރު ރައީސް ވަނީ އައްޑޫ ރައްޔިތުންނަށް ދެއްވާފައެވެ.
"އެހެންވީމަ 30 މެގަވޯޓަށްވާވަރަށް ކަރަންޓު ކެޕޭސިޓީއެއް ގާއިމުކުރުމަށް ސަރުކާރުން ވަނީ ނިންމާފައި. އެކަމަށްޓަކައި ބިޔަ ޕްރޮޖެކްޓެއް ފެށުމަށް އިދާރީ މަސައްކަތްތައް މިދަނީ ކުރަމުން. އިރާދަކުރެއްވިޔާ ވަރަށް އަވަހަށް މި މަޝްރޫޢު ފަށާނަން. އެހެންވީމަ ކުރިއަށް އޮތް ދުވަސްތަކުގައި 30 މެގަވޯޓަށްވާވަރަށް ކަރަންޓު ކެޕޭސިޓީއެއް ގާއިމުކުރުމަކީ ސަރުކާރުން ކުރާނެކަމެއްކަމުގެ ޔަގީންކަން އައްޑޫ ރައްޔިތުންނަށް އަރުވަން". ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
އަތޮޅަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދެއްވުމަށް އައްޑޫ ކައުންސިލުންވެސް ވަނީ އެދިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އައްޑޫ ސިޓީ ކައުންސިލާއި، އ.ތ.މ. ކޮމިޓީ އަދި ސިޓީގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން ކުރެއްވި މަޝްވަރާތަކުގައި ކައުންސިލް މެމްބަރުން ވަނީ އަތޮޅަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ފާހަގަކުރައްވައި އެކަމަށް ދާއިމީ ޙައްލެއް ހޯއްދަވައިދެއްވުމަށް އެދިވަޑައިގެންފައެވެ. މީގެ އިތުރުން ސިޓީގެ ބައެއް ސަރަހައްދުތަކަށް ކަރަންޓު ގުޅައި ދިނުމަށްވެސް ވަނީ އެދިފައެވެ.


