ފޭސް 3 ގެ ބިން ހިއްކާ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނަގަން އަންގައިފި
6 ނޮވެމްބަރު 2025 - 04:28

ހުޅުމާލޭ ފޭސް 3 ގެ ބިން ހިއްކުމުގެ މަސައްކަތް އަލުން ފެށުމަށްޓަކައި،ބިން ހިއްކާ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް މިރޭ 12:00 ގެ ކުރިން ނަގާ ފަޅު ހުސްކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފިއެވެ.
މި މަސައްކަތް އަލުން ފެށުމަށްޓަކައި، އެ ސަރަހައްދުގައި އެ މަސައްކަތަށް ދަތިވާ ގޮތަށް އަޅާފައިވާ އުޅަނދުތައް ނަގައި، ވަގުތީ ގޮތުން އެހެން ސަރަހައްދެއް އުޅަނދު އެޅުމަށް ހަމަޖައްސާފައިވާ ކަމަށް އެޗްޑީސީން ނެރުނު އިއުލާނެއްގައި ބުނެފައިވެއެވެ. އުޅަނދުތައް ވަގުތީ ގޮތުން ބޭއްވުމަށް ހަމަޖައްސާފައި ވަނީ ގުޅިފަޅާއި ކުޑަގިރި އާއި ތިލަފުށީގެ ފަޅުން ބައެކެވެ. އެ ރަށްރަށުގެ ފަޅުގައި އުޅަނދުތައް އަޅާނެ ސަރަހައްދުތަކުގެ ޗާޓުތައް ވެސް އެޗްޑީސީގެ އިއުލާނާ އެކު އާންމުކޮށްފައިވެއެވެ.

Ad by Hajj Corporation
ހުޅުމާލޭ ފޭސް ތިނެއްގެ ބިން ހިއްކަން ފެށުމަށް އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނަގަން އެޗްޑީސީން އެކި ފަހަރު މަތިން އިއުލާނުކޮށްފައިވެއެވެ. އެކަމަކު ފަޅުތެރޭގައި ހުރި ބައެއް އުޅަނދުތައް ނަގާފައި ނުވާތީ، އެ މަސައްކަތް ކުރިއަށް ގެންދަން ވަރަށް ބޮޑަށް ދަތިވާނެ ކަމަށް ވެސް އެ ކުންފުނިން ކުރިން ބުނެފައިވެއެވެ. މިހާރު ހިއްކަން އުޅޭ ސަރަހައްދަކީ ގިނަ އަދަދެއްގެ ސަފާރީތައް އަޅާފައި އޮންނަ ސަރަހައްދެކެވެ.
މި މަޝްރޫއަކީ 'ބިންވެރިޔާ' ސްކީމުގެ ދަށުން މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް ހިންގާ މަޝްރޫއެކެވެ. ހުޅުމާލޭ 3 ހިއްކުމުގެ މަސައްކަތް އެޗްޑީސީން ޗައިނާ މެރިން ކޮންސްޓްރަކްޝަން (ސީއެމްސީ) އަށް ހަވާލުކުރީ 259.2 މިލިއަން ރުފިޔާ އަށެވެ. މި މަޝްރޫއުގެ ދަށުން ޖުމުލަ 63 ހެކްޓަރުގެ ބިން ހިއްކާނެއެވެ.
ބިން ހިއްކުމުގެ މަސައްކަތް ސެޕްޓެމްބަރު 2023 ގައި ފެށި ނަމަވެސް، 23 ހެކްޓަރަށް ވުރެ ބޮޑު ބައެއް ހިއްކުމަށް ފަހު، ވަގުތީ ގޮތުން އޭރު މަސައްކަތް ހުއްޓާލީ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ރާއްޖޭގެ ފަރުތަކުން ގާ ހުދުވަމުންދާ ކަމަށް ފާހަގަކުރެވިގެން މަސައްކަތް މަޑުޖައްސާލުމަށް އަންގާފައިވާ އިއުލާނަކާ ގުޅިގެންނެވެ.


