ބާ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލައިފި
6 ނޮވެމްބަރު 2025 - 04:40

ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލައިފިއެވެ.
އެއް އަހަރުގެ މުއްދަތަށް މި މަގާމަށް ބޭނުންވަނީ އެންމެ ފަރާތެކެވެ. މަސައްކަތުގެ ފެންވަރަށް ބަލައި މުއްދަތު އިތުރުކުރެވޭނެކަމަށް ބާ ކައުންސިލުން ވަނީ ބުނެފައެވެ. މި މަގާމުގެ ވަޒީފާ އަދާކުރަންޖެހޭނީ ދިވެހިރާއްޖޭގެ ބާ ކައުންސިލްގައެވެ.

Ad by Hajj Corporation
މި މަޤާމުގެ މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވަނީ މަހަކު 40,500 ރުފިޔާއެވެ. އެއީ އަސާސީ މުސާރަ 20,500 ރުފިޔާއާއި، ލިވިންގ އެލަވަންސްގެ ގޮތުގައި 14,000 ރުފިޔާ އަދި ސަރވިސް އެލަވަންސް އަށް 5,000 ރުފިޔާގެ އިތުރުން ފޯން އެލަވަންސްގެ ގޮތުގައި 1,000 ރުފިޔާއެވެ. މީގެ އިތުރުން ރަމަޟާން އެލަވަންސާއި ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ވެސްހިމެނެއެވެ.
މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ފުރަތަމަ ޝަރުޠަކީ ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުމާއެކު، ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ހަތް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމެވެ. މީގެ އިތުރުން، ޤާނޫނީ ދާއިރާގައި ކޮށްފައިވާ މަސައްކަތުގެ ތެރޭގައި އެމީހެއްގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭފަދަ މައްސަލައެއް ޝަރުޢީ ކޯޓަކަށް ނުވަތަ ބާ ކައުންސިލަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުމާއި،ޖިނާޔަތުގެ ކުށެއް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން ވެސް ޝަރުޠުތަކުގެ ތެރޭގައި ހިމެނެއެވެ.
ސެކްރެޓަރީ ޖެނެރަލްގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ބާ ކައުންސިލުގެ އެންމެހައި އިދާރީ މަސްއޫލިއްޔަތުތައް އުފުލައި، ދުވަހުން ދުވަހަށް ހިންގަންޖެހޭ ކަންތައްތައް ހިންގުން ހިމެނެއެވެ. މީގެ އިތުރުން، ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުންތަކުގެ އިދާރީ ކަންކަން ބެލެހެއްޓުމާއި، އެގްޒެކެޓިވް ކޮމިޓީން ނިންމާ ނިންމުންތައް ތަންފީޒުކުރުމަކީވެސް މި މަޤާމުގެ މުހިންމު ޒިންމާތަކެކެވެ.
ވމަޤާމަށް ކުރިމަތިލާ ފަރާތްތަކުން ބާ ކައުންސިލުގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި، ވަނަވަރު،ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ، ވަޒީފާ އަދާކޮށްފައިވާކަން އަންގައިދޭ ލިޔުންތައް، އައިޑީ ކާޑުގެ ކޮޕީ، ޕޮލިސް ރިޕޯޓް، އަދި ރަސްމީ އިދާރާތަކުން ދޫކޮށްފައިވާ ކުށާއި ދަރަނީގެ ރިކޯޑް ހުށަހަޅަންޖެހެއެވެ.
މި މަޤާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މި މަހުގެ 25 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިންނެވެ.


