ހަންކެޑެގައި އާ މަޝްރޫއެއް ހިންގަން ފުރުސަތު ދިނީ ތުރުކީގެ އިންވެސްޓަރަކަށް: ރައީސް
6 ނޮވެމްބަރު 2025 - 05:24

މިދިޔަ އޮކްޓޯބަރު މަހުގެ ކުރީކޮޅު ސަރުކާރަށް އައްޑޫގެ ހަންކެޑެ ނެގުމަށްފަހު އާ މަޝްރޫއެއް ހިންގަން ސަރުކާރުން ހުޅުވާލި ފުރުސަތުގައި ތުރުކީގެ އިންވެސްޓަރަކަށް ފުރުސަތުދީފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިކަން ހާމަކޮށްފައިވަނީ އައްޑޫ ސިޓީ ރައްޔިތުންނާ އެކު އެ ސިޓީގެ ހިތަދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

Ad by Hajj Corporation
އެމަނިކުފާނު ވިދާޅުވީ، މީގެ ކުރިން މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ)އާ ހަވާލުކުރުމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރު އުވާލައްވައި އަލުން ފުރުސަތު ހުޅުވާލެއްވީ މި ސަރުކާރުން އެކަމުގައި ދޮޅު އަހަރު ހޭދަކުރުމަށްފަހު، ފައިސާގެ ކަންކަން ހަމަނުޖެހި ދިގުލައިގެން ދިއުމުން، ދާއިމީ ހައްލެއް ގެނައުމުގެ މަގްސަދުގައި ކަމަށެވެ.
އެ މަޝްރޫޢު ކުރިއަށްގެންދިޔުމަށް އަލުން ހުޅުވާލުމުން ތުރުކީގެ އިންވެސްޓަރަކު ހުށަހެޅި ޕްރޮޕޯސަލެއް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބަލައިގަނެފައިވާކަމަށެވެ. އަދި ހަންކެޑެ މަޝްރޫއު ހަވާލުކުރިކަމުގެ ސިޓީ އެ އިންވެސްޓަރަށްދީ، އަންނަ ޑިސެމްބަރު މަހުގެ 7 ދުވަހުގެ ނިޔަލަށް އެކުއިޒިޝަން ކޮސްޓް ދައްކަން ފުރުސަތުދީފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ޓޫރިޒަމް މިނިސްޓަރު އަޅުގަނޑަށް މިއަދުވެސް ޔަގީންކަން ދެއްވި، އެ ބޭފުޅުން އެބަ މަސައްކަތްކުރެޔޭ ހަފުތާއެއްހާ ދުވަސްތެރޭގައި ވެސް އެ ޕޭމެންޓް ހަދަން. ހެދިއްޖިއްޔާ ލީސް އެގްރީމަންޓްގައި ސޮއިކުރާނެ، އޭގެ ތެރެއިން އެ ބޭފުޅުން އެބަ ހަދާ މަދުވެގެން 1،000 އެނދުގެ ޓޫރިޒަމް ޕްރޮޖެކްޓެއް އެތަނުގައި،-ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
އައްޑޫސިޓީގެ ހަންކެޑެގައި ފަތުރުވެރިކަމުގެ އައު މަޝްރޫއެއް ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ މިއަހަރުގެ އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހުއެވެ.
އެގޮތުން، ހަންކެޑެ ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްޤީކުރުމުގެ މަސައްކަތް އަވަސްކުރުމުގެ މަޤުސަދުގައި، ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ހިންގާ ސަރަޙައްދެއްގެ ގޮތުގައި ކަނޑައަޅައި، ހަންކެޑެ، މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނަށް ކުއްޔަށް ދިނުމަށް 2 ޑިސެންބަރު 2021 ގައި އެކަށައެޅުއްވި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު، ވަނީ އުވައިލައްވާފައެވެ.


