ރައީސް ދެއްވީ، ސޮއިކުރި މަޝްރޫޢުތަކާ ހަވާލުވި ކުންފުނިތަކަށް ގަވައިދުން ފައިސާ ލިބޭނެކަމުގެ ޔަގީންކަން
6 ނޮވެމްބަރު 2025 - 07:41

ރާއްޖޭގެ އަމިއްލަ ވިޔަފާރިތަކާއެކު މިއަދު ސޮއިކުރެވުނު އެއްބަސްވުންތަކުގެ ދަށުން ހަވާލުކުރި މަޝްރޫޢުތަކާ ހަވާލުވި ކުންފުނިތަކަށް ފައިސާ ލިބުމުގައި އެއްވެސް ކަހަލަ މައްސަލައެއް ދިމާނުވެ، ބަރާބަރަށް ފައިސާ ލިބެމުންދާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ދެއްވައިފިއެވެ.
ރައީސް މި ޔަގީންކަން ދެއްވީ، 123 ރަށެއްގައި ހިންގާ 206 މަޝްރޫއެއްގެ މަސައްކަތް، 53 ކުންފުންޏަކާ ހަވާލުކުރުމަށް ބޭއްވި ތާރީޚީ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad by Hajj Corporation
ރައީސް ވިދާޅުވީ، މިއަދު ހަވާލުކުރި މަސައްކަތްތަކާއެކު ރާއްޖޭގެ އިގްތިސާދު ފުޅާވެގެންދާނެ ކަމަށާއި ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާއަށް ކުރިއެރުންތަކެއް އަންނާނެ ކަމަށެވެ.
އެއަށްފަހު ރައީސް ވަނީ، މަސައްކަތަށް ދޭންޖެހޭ ފައިސާ ދިނުމުގައި އެއްވެސް ކަހަލަގެ ތާށިކަމެއް ނާންނާނެކަމުގެ ޔަގީންކަން، އެ ކުންފުނިތަކަށް ދެއްވާފައެވެ.
އެއްވެސް ކަހަލަގެ ޕޭމަންޓެއް ލިބުމުގެ، ފައިސާ ލިބުމުގެ އެއްވެސް ތާށިކަމެއް ނާންނާނެ މަޝްރޫޢުތަކެއްގައި ސޮއިކުރެވިގެން މިދިޔައީ. އާންމުކޮށް ސަރުކާރުގެ ތެރެއިން ފައިސާ ދޫކުރުމުގައި އެ ހުންނަ ދަތިތަކުގެ ތެރެއިން އެ އަންނަ ޑިލޭތައް އެއްވެސް ވަރަކަށް ނާންނާނެ ގޮތުގައި، މަސައްކަތްތައް އެގްރިމަންޓުގައިވާ ގޮތަށް ކުންފުނިތަކުން ކުރަމުން ގެންދާނެ. ކުރުމަށް މަޖުބޫރުވާނެ. އެކަމަށް ޕޭމަންޓަށް ހުށަހެޅުމުން ބަރާބަރަށް ފައިސާ ލިބޭނެ. ވަރަށް ހަލުވި ދުވެލީގަ، ވަރަށް އެފިޝަންޓުކޮށް ގެންގޮސް ނިންމާލެވޭނެ މަޝްރޫޢުތަކެއްގައި ސޮއިކުރެވިގެން މިދިޔައީ - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު
ރައީސް ވިދާޅުވީ މީގެކުރިން މަޝްރޫޢުތައް މަޑުޖެހިފައި ހުންނަނީ ސަރުކާރުން ދޫކުރަންޖެހޭ ފައިސާ ނުލިބިގެން ކަމަށާއި ނަމަވެސް އެކަންކަން މިހާރު ހައްލުކުރެވި އެއްބަސްވުމާ އެއްގޮތަށް ހުރިހާ މަޝްރޫޢެއްގެ މަސައްކަތްވެސް ފަށައި، ހަލުވި ދުވެލީގައި ކުރިއަށްދާނެ ކަމަށެވެ. އަދި މަޝްރޫޢުތަކަށް މާލީ ވުޒާރާއިންނާއި ބޭންކުން ދޭންޖެހޭ އެއްބާރުލުން ލިބިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި މަޝްރޫޢުތައް ކުންފުނިތަކާ ހަވާލުކޮށްފައިވަނީ އޮޑިޓްކޮށްފައިވާ 3 އަހަރު ދުވަހުގެ މާލީ ސްޓޭޓްމަންޓުތައް ހުށަހަޅައިގެން މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކަމަށެވެ. އަދި އެއްބަސްވުމާ އެއްގޮތަށް މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް ކުރިއަށް އޮތް 21 ދުވަހުގެ ތެރޭގައި މަޝްރޫޢުތައް މޮބިލައިޒް ކުރެވި ތަވާލާއެއްގޮތަށް ކުރިއަށްގެންދެވޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.


