އެސްޑީއެފްސީން އަންހެން ވިޔަފާރިވެރިންނަށް ހާއްސަ ލޯނު ސްކީމެއް
6 ނޮވެމްބަރު 2025 - 10:39

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން އަންހެނުންގެ ވިޔަފާރި ދާއިރާ ކުރިއެރުވުމަށް ޚާއްޞަކޮށް ފަރުމާކޮށްފައިވާ އައު ފައިނޭންސިންގ ސްކީމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު މިއަދު ރަސްމީކޮށް ހުޅުވާލައިފިއެވެ.
އެސްޑީއެފްސީން ބުނީ މި އިސްނެގުމުގެ މައިގަނޑު މަޤްޞަދަކީ އަންހެނުން ވިޔަފާރީގެ މައިދާނަށް ނުކުތުމަށް ހިތްވަރުދީ، ވިޔަފާރިވެރި އަންހެނުންނަށް ލުއިފަސޭހަ ގޮތެއްގައި މާލީ އެހީތެރިކަން ފޯރުކޮށްދިނުންކަމަށެވެ. މީގެ އިތުރުން، އަންހެނުން އިޤްތިޞާދީގޮތުން ބާރުވެރިކުރުވައި، މާލީ މިނިވަންކަން އިތުރުކޮށް، އަންހެނުން ހިންގާ ވިޔަފާރިތަކުގެ ކުރިއެރުން ކަށަވަރުކުރުމަށް މަގުފަހިކުރުންކަމަށެވެ. މި ސްކީމުގެ ދަށުން ވިޔަފާރި މުޅިން އަލަށް ފެށުމަށް އަދި މިހާރުވެސް ހިނގަމުންދާ ފަރާތްތަކަށް، ތަފާތު އެކި ދާއިރާތަކަށް އަމާޒުކޮށް އެސްޑީއެފްސީއިން ފައިނޭންސިންގ ފޯރުކޮށްދޭނެއެވެ.

Ad by Hajj Corporation
މި އައު ސްކީމްގެ ދަށުން، ޝަރީޢާ އުސޫލުތަކުގެ ތެރެއިން 25,000 ރުފިޔާއިން ފެށިގެން 250,000 ރުފިޔާއާ ހަމައަށް ފައިނޭންސިންގ ލިބޭނެއެވެ. ފެސިލިޓީ ދެއްކުމަށް ގިނަވެގެން 12 މަސްދުވަހުގެ ގްރޭސް ޕީރިއަޑްއަކާއެކު 7 އަހަރު ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ. އަދި ރަހުނަކާ ނުލައި ދޫކުރާ މި ފައިނޭންސިންގ ފެސިލިޓީ ގެ ފައިދާ ރޭޓަކީ އަހަރަކު9.5 އިންސައްތައެވެ. މި ފުރުސަތުގެ ސަބަބުން، އަންހެނުންނަށް ވިޔަފާރި ފެށުމަށާއި، ކުރިއެރުވުމަށާއި، އަދި ގައުމުގެ އިގްތިސާދީ ތަރައްގީއަށް މުހިންމު ދައުރެއް އަދާކުރާ ބައެއްގެ ގޮތުގައި ވުމަށް ބޭނުންވާ މާލީ ވަސީލަތްތައް ލިބިގެންދާނެއެވެ.
މި ސްކީމަށް އެޕްލިކޭޝަން ހުޅުވާލުމާއި ގުޅިގެން އެސްޑީއެފްސީގެ ސީއީއޯ ބަދުރުއްދީން ޙަސަން ވިދާޅުވެފައިވަނީ މިއީ ދިވެހި އަންހެން ވިޔަފާރިވެރިންގެ ހުނަރާއި ޤާބިލުކަން ދައްކުވައިދިނުމަށް ހުޅުވާލެވޭ މަގެއްކަމަށާއި މި ސްކީމްގެ ސަބަބުން އަންހެނުންނަށް ވިޔަފާރީގެ ދާއިރާއަށް ނުކުމެ، އަމިއްލަ މަސައްކަތް ފެށުމަށާއި، ދެމިގެންދާނެ އިގްތިސާދީ ކުރިއެރުމެއް ހޯދުމަށް މަގު ތަނަވަސްވެގެންދާނެކަމަށެވެ.
" އެޕްލިކޭޝަން ބަލައިގަތުން ފެށުމާއެކު، ގިނަ އަންހެން ފަރާތްތަކަށް މި ހާއްސަ ފުރުސަތުގެ ބޭނުން ހިފުމުގެ މަގު ތަނަވަސްވެގެންދާނެ، އަދި މީގެ ސަބަބުން ގިނަ ފަރާތްތަކަކަށް އެފަރާތްތަކުގެ ވިޔަފާރީގެ ލަނޑުދަނޑިތައް ހާސިލުކޮށް، ވިޔަފާރީގެ މައިދާނުގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާނެކަމަށް އުންމީދުކުރެވޭ." އެސްޑީއެފްސީގެ ސީއީއޯ ބަދުރުއްދީން ޙަސަން
މި ސްކީމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ އެސްޑީއެފްސީގެ ވެބްސައިޓް www.sdfc.mv ގައި ހިމެނޭ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ހުޅުވާލާފައިއެވެ.
އަލަށް މި ހުޅުވާލެވުނު ސްކީމްގެ އިތުރުން، އެސްޑީއެފްސީ އިން މިހާރު ވެސް އަންނަނީ 2024 ވަނަ އަހަރު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އަދި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓާ ގުޅިގެން ފަށާފައިވާ "ފަށާ މަދަދު ލޯނު" ސްކީމުގެ ދަށުން ފައިނޭންސިންގ ދޫކުރަމުންނެވެ.


