ލޯކަލް ޓުއަރިޒަމަށް އެސްއެމްއީ ޑިޖިޓަލުން އިސްލާމީ ޝަރިއާގެ އުސޫލުތަކަށް ފެތޭ ދެ ފައިނޭންސިން ސްކީމެއް ތައާރަފުކޮށްފި
11 ފެބްރުއަރީ 2026 - 18:24

ރާއްޖޭގެ ރަށު ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށާއި، އަލަށް މި ދާއިރާއަށް ނުކުންނަ ފަރާތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެސްއެމްއީ ޑިޖިޓަލުން މިއަދު ދެ ޕްރޮޑަކްޓެއް ތައާރަފުކޮށްފިއެވެ. އިސްލާމީ ޝަރިއާގެ އުސޫލުތަކާ އެއްގޮތަށް ފަރުމާކޮށްފައިވާ މި ދެ ސްކީމަކީ 'ގެސްޓްހައުސް ފައިނޭންސިން' އަދި 'ގެސްޓްރޫމް ފައިނޭންސިން' އެވެ.
މި ފައިނޭންސިންގެ މައިގަނޑު މަގުސަދަކީ ރަށު ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަށްޓަކައި، އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ހުރި މާލީ ހުރަސްތައް ނައްތާލައި ލުއި ހައްލެއް ހޯދައިދިނުމެވެ. މިއީ ފަތުރުވެރިކަމާ ގުޅުންހުރި ވިޔަފާރިތައް އަލަށް ފެށުމަށާއި، ތަރައްގީކުރުމަށާއި ޒަމާނީ ކުރުމަށް ހާއްސަކޮށްގެން ތައާރަފުކުރި ފެސިލިޓީތަކެކެވެ.

Ad by Hajj Corporation
ގެސްޓްހައުސް ފައިނޭންސިން
މި ފެސިލިޓީގެ ދަށުން މަދުވެގެން 6 ކޮޓަރީގެ ގެސްޓްހައުސް އަލަށް އިމާރާތްކުރުމަށާއި، މިހާރު ހިންގަމުންދާ ގެސްޓްހައުސްތައް ތަރައްގީކޮށް ކޮޓަރި އިތުރުކުރުމަށް އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ. މީގެ އިތުރުން ސަޕޯޓް ސާވިސްތައް ގާއިމުކުރުމާއި ޒަމާނީ ޓެކްނޮލޮޖީ ތައާރަފްކުރުމަށްވެސް މި ސްކީމުގެ ދަށުން ފައިސާ ލިބޭނެއެވެ.
އެސްއެމްއީ ޑިޖިޓަލުން ބުނި ގޮތުގައި، މި ފެސިލިޓީގެ ދަށުން ފުރަތަމަ ފަހަރަށް ފައިނޭންސިން ލިމިޓް ވަނީ 10،000،000 (ދިހަ މިލިއަން) ރުފިޔާއަށް އިތުރުކޮށްފައެވެ. މަޝްރޫއުގެ ޖުމުލަ ހަރަދުގެ 20 ޕަސަންޓު އަމިއްލަ އަތުން ހަމަޖައްސަންޖެހޭއިރު، ފައިސާ އަނބުރާ ދެއްކުމަށް 15 އަހަރުގެ މުއްދަތެއް ލިބޭނެއެވެ. މީގެ ތެރޭގައި 18 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމެނެއެވެ.
ގެސްޓްރޫމް ފައިނޭންސިން
ގިނަވެގެން ފަސް ކޮޓަރިއާ ހަމައަށް ހިންގާ ހޯމްސްޓޭ ވިޔަފާރިތަކަށާއި، ދިވެހިންނަށް އަމާޒުކޮށްގެން ހިންގާ ލޯކަލް ގެސްޓްހައުސްތަކަށް މި ސްކީމުގެ ދަށުން 1,500,000 (އެއް މިލިއަން ފަސްލައްކަ) ރުފިޔާއާ ހަމައަށް ފައިނޭންސިން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ފެސިލިޓީގެ ދަށުންވެސް މަޝްރޫއުގެ 20 ޕަސަންޓު އަމިއްލައަށް ހަރަދުކުރަންޖެހޭނެއެވެ. ފައިސާ އަނބުރާ ދެއްކުމަށް 10 އަހަރުގެ މުއްދަތެއް ލިބޭއިރު، 12 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ލިބޭނެއެވެ. މި ފެސިލިޓީ ދޫކުރުމުގައި ބަލާނީ އެދިފައިވާ ފަރާތުގެ މުސާރަ، ކުލި ނުވަތަ ވިޔަފާރީގެ އާމްދަނީއަށް ރިއާޔަތްކޮށް ފައިސާ ދެއްކުމުގެ މާލީ ތަނަވަސްކަން ހުރި މިންވަރަށެވެ.
އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، މި ފައިނޭންސިންގެ ސަބަބުން އަތޮޅުތެރޭގެ އިގުތިސާދު ކުރިއަރައި، ދެމެހެއްޓެނިވި ގޮތެއްގައި ރަށު ފަތުރުވެރިކަން ތަރައްގީކުރުމަށް މަގުފަހިވާނެ ކަމަށެވެ. ހާއްސަކޮށް ކައުންސިލްތަކުން ދޫކުރާ ބިންތަކުގައި ވިޔަފާރި ފެށުމަށް ބޭނުންވާ މާލީ އެހީތެރިކަން މިކަމުގެ ސަބަބުން ލިބިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި ދެ ފެސިލިޓީއަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ އެސްއެމްއީ ޑިޖިޓަލްގެ ވެބްސައިޓުގައިވާ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ހުޅުވާލައިފައެވެ.


