ބަޖެޓް ދިރާސާކުރާ ކޮމިޓީގެ މުގައްރިރަކަށް ސަލީމް، ނައިބަކަށް ފަޒާދު
6 ނޮވެމްބަރު 2025 - 12:04

ސަރުކާރުގެ ފަރާތުން އަންނަ އަހަރަށް ލަފާކޮށް ހުށަހަލާފައިވާ ބަޖެޓު ދިރާސާކުރުމަށް އެކުލަވާލާފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގެ މުގައްރިރަކަށް އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް އައްޔަނުކުރައްވައިފިއެވެ.
މި ކޮމިޓީގެ ނައިބު މުގައްރިރަކަށް އައްޔަނުކުރައްވާފައިވަނީ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދެވެ.

Ad by Hajj Corporation
ބަޖެޓު ދިރާސާކުރާ ކޮމިޓީ އެކުލަވާލާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި އިގްތިސާދީ ކޮމިޓީ ގުޅިގެންނެވެ. އެގޮތުން މި ކޮމިޓީގައި ޖުމްލަ 22 މެމްބަރުން ތިއްބަވާނެއެވެ.
ބަޖެޓު ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރަކަށް އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ގެ ނަންފުޅާއި ކޮމިޓީގެ ނައިބު މުގައްރިރަކަށް ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު އައްޔަނުކުރެއްވުމަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހެވެ. މެމްބަރު މަމްދޫހު ހުށަހެޅުއްވި ގޮތައް އެ ދެ ނަން ފާސްކޮށްފައިވަނީ މުޅި ކޮމިޓީގެ އަގުލަބިއްޔަތުންނެވެ.
މި ކޮމިޓީން ނިންމާފައިވަނީ މި މަހުގެ 19 ވަނަ ދުވަހަށް ބަޖެޓުގެ ކަންކަން ނިންމައި ރިޕޯޓު ހުށަހެޅުމަށެވެ.
އަންނަ އަހަރަށް ލަފާ ކުރާ ދައުކަތުގެ ބަޖެޓަށް ބަހުސް ކުރުމަށް ކޮންމެ މެންބަރަކަށް ލިބޭނީ 15 މިނިޓުގެ ވަގުތެކެވެ. އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓް ސަރުކާރުން މަޖިލީހަށް ހުށަހެޅުއްވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އާއްމު ކޮމިޓީން ނިންމާފައިވަނި ބަޖެޓަށް ބަހުސް ކުރުމުގެ ފުރަތަމަ މަރުހަލާގައި ކޮންމެ މެންބަރަކަށްވެސް 15 މިނެޓުގެ ވަގުތެއް ދިނުމަށާއި މީގެ އިތުރުން ބަޖެޓާ ގުޅޭގޮތުން މާލީ ވަޒީރު މޫސާ ޒަމީރާ ސުވާލުކުރުމަށް 45 މިނެޓުގެ ވަގުތެއް ދިނުމަށެވެ.
މީގެ އިތުރުން ބަޖެޓުގެ ރިޕޯޓް ކޮމިޓީން ނިންމައި، ތަޅުމަށް ހުށަހެޅުމުން ރިޕޯޓަށް ބަހުސް ކުރުމަށް ކޮންމެ މެންބަރަކަށް 7 މިނެޓުގެ ވަގުތެއް ދިނުމަށްވެސް އާންމު ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.


