ރައްޔިތުން ހެއްވާލައި 123 ރަށެއްގައި އެއް ފަހަރާ 2.7 ބިލިއަން ރުފިޔާގެ 216 މަޝްރޫޢު
7 ނޮވެމްބަރު 2025 - 09:02

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ދެ އަހަރު ފުރެން ގައިދޮށްވެފައިވާއިރު، މި ސަރުކާރުގެ ދައުރުގައި ހޭދަވެގެންވާ ކޮންމެ ދުވަހަކީ ރައްޔިތުން ހިނިތުން ކުރުވި ދުވަހެކެވެ. ފަނޑުވެފައިވާ އުންމީދު ދިރުވި ދުވަހެކެވެ. ތަރައްގީއާއި ތަހުޒީބުގެ ނިވެމުންދިޔަ ހުޅުކޮޅު ހުޅުދާންވެގެންދިޔަ ދުވަހެކެވެ. ބަޔަކު ގަސްދުގައި ''ފުނޑާލި'' އިގްތިސޯދު އަލުން އޭގެ މަގާމަށް ރުޖޫޢަވަމުން ދިޔަ މަންޒަރު ކުލަކޮށްދިން ދުވަހެކެވެ. މުރާލި ރައީސެއްގެ މުރާލި ޓީމެއްގެ މަސައްކަތުގެ ނަތީޖާ ފެންނަމުން އައި ދުވަހެކެވެ.
ތާރީޚީ ރެކޯޑުތަކެއް

Ad by Hajj Corporation
މި ސަރުކާރަކީ ދިވެހި ތާރީޚުން އެތައް ގޮތަކުން ޖާގަ ހޯދަމުން އަންނަ ސަރުކާރެކެވެ. ރެކޯޑަކަށްފަހު ރެކޯޑެއްގެ ވާހަކަ ތާރީޚްގެ ސޮފްހާތަކުގައި ބިންވަޅު ނަގަމުން އަންނަ ސަރުކާރެކެވެ. އެއީ، ދުނިޔޭގެ ވެރިޔަކު ބޭއްވި އެންމެ ދިގު ނޫސްވެރިންގެ ބައްދަލުވުމުގެ ރެކޯޑު ވިޔަސް މެއެވެ. ދިވެހިރާއްޖޭގެ ވެރިއަކު ވެރިކަމުގެ ފުރަތަމަ ދެ އަހަރު ނުފުރެނީސް ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށަކަށް ވަޑައިގެންނެވުމުގެ ރެކޯޑު ވިޔަސް މެއެވެ. ޖީލެއް ދުންފަތުން ސަލާމަތް ކުރުމުގެ ހަރުދަނާ ފިޔަވަޅުން ދުނިޔެއިން ހުނި ޖަހައިލެވުނު ރެކޯޑު ކަމަށްވިޔަސް މެއެވެ. މިފަދަ އެތައް ރެކޯޑެވެ.
އާ ރެކޯޑެއް: އެއްފަހަރާ 216 މަޝްރޫޢު
6 އޮކްޓޯބަރު 2025 ދުވަހަކީ އަނެއްކާވެސް ދިވެހި ތާރީޚުން ޖާގަ ހޯދި މި ސަރުކާރުގެ އައު ރެކޯޑަކާއި ބައްދަލުވި ދުވަހެކެވެ. އެއީ ދިވެހި ސަރުކާރަކުން އެއް ފަހަރާ އެންމެ ގިނަ މަޝްރޫޢުތައް އަމިއްލަ ކުންފުނިތަކާއި ހަވާލުކުރުމުގެ ރެކޯޑާއި ބައްދަލުވި ދުވަހެވެ. މި މަޝްރޫޢުތަކުގެ ތެރެއިން 206 މަޝްރޫޢާއި، ބުދަ ދުވަހާއި އަންގާރަ ދުވަހު ސޮއިކުރެވިގެންދިޔަ މަޝްރޫޢުތަކާއެކު 2.7 ބިލިއަން ރުފިޔާގެ ޖުމުލަ 216 މަޝްރޫޢުގައި ސޮއިކުރެވިގެން ދިޔައީއެވެ. މި މަޝްރޫޢުތައް ހުރިހާ އަތޮޅެއް ހިމެނޭގޮތަށް 123 ރަށުގައި ފަތުއަޑުކިޔާފައި ކުރިއަށްދާނެއެވެ. މިއީ އެއްފަހަރާ، އެއް ދުވަހެއްގައި، ހަމައެކަނި ދިވެހި ޕްރައިވެޓް ސެކްޓަރގެ 53 ކުންފުންޏަކާ މަސައްކަތް ހަވާލުކުރެވި، މަސައްކަތް ފެށޭ ދުވަހެކެވެ. މިކަމުގެ ނަތީޖާއަކަށް ވާނީ ދިވެހިރާއްޖޭގެ އިޤްތިޞާދު ފުޅާވެ، އިޤްތިޞާދަށް ދިރުން އައިސް، ޚާއްޞަކޮށް ކޮންސްޓްރަކްޝަން އިންޑަސްޓްރީ ކުރިއަރައިގެން ދިއުމެވެ. މީގެ އިތުރުން، މަޝްރޫޢުތަކުގައި ފައިސާ ލިބުމުގައި އެއްވެސް ތާށިކަމެއް ނާންނާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޔަޤީންކަން ދެއްވާފައެވެ. ސަރުކާރުގެ ކަމާބެހޭ ހުރިހާ އިދާރާއަކުން މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވެސް ރައީސް ވަނީ މި މަޝްރޫޢުތައް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވިދާޅުވެ، އެ ޔަގީންކަން ދެއްވާފައެވެ.
ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ހިންގުމަށް ހަވާލުކުރި މަޝްރޫޢުތައް:
- ތައުލީމީ ދާއިރާގެ 31 މަޝްރޫއު
- ސިއްހީ ދާއިރާގެ 30 މަޝްރޫއު
- ހޯމްލޭންޑް ސެކިއުރިޓީގެ ދާއިރާގެ 39 މަޝްރޫއު
ތިމާވެށީގެ ދާއިރާގެ 24 މަޝްރޫއު - މަސްވެރިކަމުގެ ދާއިރާގެ 2 މަޝްރޫއު
ކުޅިވަރާ ގުޅުންހުރި 52 މަޝްރޫއު
ބޯހިޔާވަހިކަމާއި އިންފްރާސްޓްރަކްޗާގެ 13 މަޝްރޫއު
ދީނީ ކަންކަމާ ގުޅުންހުރި 14 މަޝްރޫއު
ޒުވާނުންނާ ގުޅޭ 1 މަޝްރޫއު
މީގެ ތެރެއިން އެންމެ ގިނައީ ގައުމުގެ މުސްތަގުބަލާއި ގުޅިފައިވާ ޒުވާނުންގެ ކުޅިވަރު ދާއިރާގެ މަޝްރޫޢުތަކެވެ. އެހެނިހެން މަޝްރޫޢުތަކަކީ ވެސް މި ސަރުކާރުގެ އިސް ސިޔާސަތުތަކާއި ގުޅިފައިވާ ރައްޔިތުންނަށް އެންމެ މުހުތާދު ބޮޑު މަޝްރޫޢު ތަކެވެ.
ގެދޮރުވެރިކަމުގެ ދާއިރާ
މި މަޝްރޫޢުތަކުގެ ތެރެއިން ގެދޮރުވެރިކަމުގެ ދާއިރާއަށް ވަރަށް ބޮޑު އިސްކަމެއް ދެވިފައިވާކަން ފާހަގަކޮށްލެވެއެވެ. ސަރުކާރަށް ދެ އަހަރު ފުރެން ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު، އެންމެ އިސްކަމެއް ދީފައިވާ ދާއިރާއަކީ ގެދޮރުވެރިކަމުގެ ދާއިރާއެވެ. ރިޔާސީ އިންތިޚާބުގައި ވެފައިވާ ވަޢުދުތަކާ އެއްގޮތަށް، މި މަޝްރޫޢުތަކުގެ ތެރެއިން ތަފާތު 13 ރަށެއްގައި 825 ހައުސިންގ ޔުނިޓު އެޅުމަށް ސޮއިކުރެވިގެން ދިޔައީއެވެ. މާލެ ސަރަޙައްދުގައި ވެސް މިފަދަ އެތައް މަޝްރޫޢުތަކެއް ކުރިއަށް އޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. މި އަހަރު ތެރޭގައި ގެދޮރު ބިނާކުރުމުގެ ދާއިރާގެ ގިނަ ވަޢުދުތަކެއް ފުއްދިގެންދާނެ ކަމުގެ ޔަޤީންކަން ސަރުކާރުން ވަނީ ދެއްވާފައެވެ.
ތަޢުލީމީ ދާއިރާ އަދި އެހެނިހެން މަޝްރޫޢުތައް
ސޮއިކުރެވުނު މަޝްރޫޢުތަކުގެ ތެރޭގައި ތަޢުލީމީ ދާއިރާއަށް ޚާއްޞަ އިސްކަމެއް ދީފައިވެއެވެ. ރައީސް މުޢިއްޒުގެ ވައުދު ފުޅެއް ކަމުގައިވާ، ރާއްޖޭގެ ހުރިހާ ސްކޫލެއް އަންނަ ދިރާސީ އާ އަހަރަށް ކުދިން ކިޔަވަން ނުކުންނައިރު އޭސީ ހަރުކޮށް ފިނިކުރުމަށްޓަކައި ހިންގާ "ކޫލް ސްކޫލް" މަޝްރޫޢަށް ބޭނުންވާނެ ހުރިހާ މަސައްކަތްތަކެއް ވެސް މިމަޝްރޫޢުތަކުގެ ތެރޭގައި ވަނީ ހަވާލުކޮށްފައެވެ. މީގެ ތެރޭގައި ސްކޫލްތަކަށް ބަދަލު ގެނައުމާއި، ތަކެތި ސަޕްލައިކުރުން ވެސް ހިމެނެއެވެ.
ބުރާސްފަތި ދުވަހު ސޮއިކުރެވިގެންދިޔަ އެކިއެކި ދާއިރާތަކުގެ މަޝްރޫޢުތަކުގެ އިތުރުން ވެސް، ސަރުކާރުގެ ކުންފުނިތަކާ ހަވާލުކުރެވިގެންނާއި، ނެޝަނަލް ޓެންޑަރ ބޯޑުން އިޢުލާނުކުރެވިގެން ހަވާލުކުރެވުނު މަޝްރޫޢުތަކާ އެކު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަސައްކަތްތަކެއް ދަނީ ފެށި ހިނގަމުންނެވެ.
ޕްރައިވެޓް ސެކްޓަރގެ ބައިވެރިވުން
މި ހުރިހާ މަސައްކަތްތަކެއް ކުރިއަށް ގެންދެވޭ ގޮތް ތަރުތީބުކޮށްފައިވަނީ، ރައްޔިތުންނަށް ކަންކަން ސާފުކޮށް އެނގޭ ގޮތަށް، ވަރަށް ޕްރޮފެޝަނަލްކޮށް، ދެފުށް ފެންނަ ގޮތަށް، ޤާނޫނާއި ގަވާއިދާ އެއްގޮތަށެވެ. ރައްޔިތުންނަށް ވެފައި ހުރި ވަޢުދުތައް ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި، ޒިންމާދާރުކަމާއެކީގައި އަދާކުރުމުގެ ފުރިހަމަ ނިޔަތުގައި މުޅި ސަރުކާރު ގުޅިގެން މި މަސައްކަތްތައް ދަނީ ކުރިއަށް ގެންދަމުންނެވެ.
ޕްރައިވެޓް ސެކްޓަރއިން މިކަމަށް ދޭ އެއްބާރުލެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޝުކުރު އަދާކުރައްވާފައެވެ. މިފަދަ ގިނަ މަޝްރޫޢުތަކެއް އަމިއްލަ ފަރާތްތަކަށް ލިބިގެން ދިއުމަކީ އާންމު ފަރުދުން މުއްސަނދިކޮށް، އިޤްތިޞާދު ބިޒީވެ، ޕްރޮޑަކްޓިވިޓީ އެތައް ގުނައަކުން އިތުރުވެގެން ދާނެ ކަމެކެވެ.
މި މަސައްކަތްތަކާ ހަވާލުވި ކުންފުނިތަކަކީ މާލިއްޔަތު ގަވާއިދުގައި ބުނާ ހުރިހާ އިޖުރާތްތަކެއް ފުރިހަމަކޮށްފައިވާ، ތިން އަހަރު ދުވަހުގެ އޮޑިޓެޑް ފައިނޭންޝަލް ސްޓޭޓްމަންޓްތައް ހުށަހަޅާފައިވާ، ވަރަށް ރަނގަޅަށް ހިންގަމުން އައިސްފައިވާ ކުންފުނިތަކެކެވެ. މި ހުރިހާ ކުންފުނިތަކުގެ ވެރިންނަށާއި، މެނޭޖްމަންޓް ޓީމްތަކަށާއި، އަދި މަސައްކަތްކުރައްވާ ހުރިހާ ބޭފުޅުންނަށް ވެސް ރައީސް މުޢިއްޒު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާނެކަން ކަށަވަރު
އެގްރީމަންޓްތަކުގައި ބުނެފައިވާ ގޮތުން ކުންފުނިތަކުން ގާތްގަނޑަކަށް 21 ދުވަހުގެ ތެރޭގައި މަސައްކަތްތައް ފެށުމަށް މޮބިލައިޒްވާނެއެވެ. ބޭންކް ތެރެއިންނާއި، ފިނޭންސް މިނިސްޓްރީގެ ތެރެއިން ނިންމަންޖެހޭ ކަންކަން ވެސް ދާދި އަވަހަށް ފައިނަލްކުރެވި، ކުރިއަށް އޮތް 21 ދުވަހުގެ ތެރޭގައި މި 123 ރަށުގައި މަސައްކަތްތައް ފެށިގެންދާ މަންޒަރު ފެނިގެންދާނެ ކަމަށް ރައީސް ޑރ. މުޢިއްޒު ވަނީ ޔަޤީންކަން ދެއްވާފައެވެ.
މި ހުރިހާ މަސައްކަތްތަކެއް ވެސް ވަރަށް ރަނގަޅަށް، މި ހުރިހާ ކުންފުނިތަކުން، ސަރުކާރުގެ ކަމާގުޅޭ ވުޒާރާތަކާ ގުޅިގެން ކުރިއަށްދާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ. މުޢިއްޒު ވަނީ ހުރިހާ ދިވެހި ރައްޔިތުންނަށް ދެއްވައެވެ.
ރައްޔިތުންނަށް ފާގަތި ދިރިއުޅުމެއްގެ ޔަގީންކަން
މި އަހަރަށް ފާސްކުރުމަށް ހުށަހަޅާފައިވާ ބަޖެޓުގެ ތެރެއިން، ގެދޮރު ބިނާކުރުމާއި، ޞިއްޙީ ދާއިރާ ތަރައްޤީކުރުމާއި، ތަޢުލީމީ ދާއިރާ ކުރިއެރުވުމަށްޓަކައި އިތުރު 3 ބިލިއަން ރުފިޔާގެ މަޝްރޫޢުތައް ހިމަނާފައިވާ ކަމުގެ ފުރިހަމަ ޔަޤީންކަން ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތުގައި ރައީސް މުޢިއްޒު ވަނީ ދެއްވާފައެވެ.
''އިރާދަކުރެއްވިއްޔާ، މި އަހަރަށް ފާސްކުރަން މި ހުށަހަޅާފައިވާ ބަޖެޓުގެ ތެރެއިންވެސް، މިފަދަ އެތައް މަސައްކަތްތަކެއް ފެނިގެންދާނެ ކަމުގެ، ފުރިހަމަ ޔަޤީންކަން އަޅުގަނޑު ލޮބުވެތި ހުރިހާ ރައްޔިތުންނަށް ދެން. ބަޖެޓުގެ ނިއު ޕޮލިސީ އިނީޝިއޭޓިވްގެ ތެރޭގައި އިތުރު 3,000 މިލިއަން ރުފިޔާގެ މަސައްކަތް އެވަނީ ބަޖެޓުގައި ހިމަނާފައި. 3,000 މިލިއަން ރުފިޔާއަކީ، އަލަށް ފެށުމަށްޓަކައި ހިމެނި މަޝްރޫޢުތައް. އޭގެތެރޭގައި، ބޮޑު އަދަދެއް މިވަނީ ގެދޮރު ބިނާކުރުމަށްޓަކައި، އަދި ޞިއްޙީ ދާއިރާ ތަރައްޤީކުރުމަށްޓަކައި، އަދި ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ހިމަނާފައި.'' ރައީސް ވިދާޅުވެފަވެއެވެ.
މި ޢަދަދުތަކަކީ ރައްޔިތުންނަށް ފާގަތި ދިރިއުޅެއް ގެނެސްދޭނެ އުންމީދެވެ. އެ އުންމީދުގައި ކުލަ ޖެހެމުން އަންނައިރު، މިކަންކަން ހާސިލް ކުޅައުމަށް ވަގުތު ބޭނުންވާނެއެވެ. ބާކީ ތިން އަހަރު ވެސް ސަރުކާރުގެ ބުންވަރު ހުރީ މެކުހަށް ޖަހާފައެވެ. މި ތަރައްގީ ޑަބަލްކުރަން އެދޭނަމަ އިތުރު ފަސް އަހަރެއްވެސް ޔަގީންކޮށްދިނުމަކީ މި ފާގަތިކަމަށް ދެވޭނެ އެންމެ މުހިންމު ފަރުވާއެވެ.


