ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އިއްޔެ އެކަނިވެސް 997 މިލިއަން ރުފިޔާ!
7 ނޮވެމްބަރު 2025 - 06:54

އިއްޔެ ދިވެހި އަމިއްލަ ކުންފުނިތަކާ ހަވާލުކުރި 206 މަޝްރޫއުތަކަށް ހަރަދުވާ ޖުމްލަ 2.7 ބިލިއަން ރުފިޔާގެ ތެރެއިން 997.38 މިލިއަން ރުފިޔާ އަކީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ހަރަދުވާ ފައިސާކަން ސަރުކާރުން ހާމަކޮށްފިއެވެ.
އިއްޔެ ތަރައްގީގެ 9 ދާއިރާއަކުން 206 މަޝްރޫއެއް އެކި ކުންފުނިތަކާ ހަވާލުކޮށްފައިވަނީ މިއަހަރުގެ ތެރޭގައި އެ މަޝްރޫއުތައް މޮބިލައިޒްކޮށް މަސައްކަތްތައް ފަށާ ގޮތަށެވެ.

Ad by Hajj Corporation
އޭގެ ތެރެއިން ރާއްޖޭގެ 12 ރަށެއްގައި 700 އަށްވުރެ ގިނަ ހައުސިން ޔުނިޓް ތަރައްޤީކުރުމަށް އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްފައިވާއިރު ޖުމްލަ 725 ހައުސިން ޔުނިޓް ތަރައްޤީކުރުމަށް ސަރުކާރުން ވަނީ އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްފައެވެ.
އިއްޔެ ހަވާލުކުރެވުނު ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް:
- ބްލަޓް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް- ބ. އޭދަފުށީގައި 75 ހައުސިން ޔުނިޓް
- އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓް- ދ. މީދޫގައި 25 ހައުސިން ޔުނިޓް
- އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓް- އއ. އުކުޅުހުގައި 50 ހައުސިން ޔުނިޓް
- އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓް- ޅ. ނައިފަރުގައި 100 ހައުސިން ޔުނިޓް
- އޮކްރޯ ޕްރައިވެޓް ލިމިޑެޓް- މ. މުލަކުގައި 50 ހައުސިން ޔުނިޓް
- މިމްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް- ގދ. މަޑަވެލީގައި 50 ހައުސިން ޔުނިޓް
- ވޭވްލެންތް ޕްރައިވެޓް ލިމިޑެޓް- ގދ. ގައްދޫގައި 50 ހައުސިން ޔުނިޓް
- ސްވިފްޓް އިންޖިނިއަރައިން ޕްރައިވެޓް ލިމިޑެޓް- ގދ. ތިނަދޫގައި 50 ހައުސިން ޔުނިޓް
- އާލާފް ޕްރައިވެޓް ލިމިޓެޑް- ލ. ގަމުގައި 100 ހައުސިން ޔުނިޓް
- ވައިލިންގްސް ޕްރައިވެޓް ލިމިޓެޑް- ލ. ފޮނަދޫގައި 100 ހައުސިން ޔުނިޓް
- ފްލެކްސިން ޕްރައިވެޓް ލިމިޑެޓް- ގއ. ވިލިގިނލީގައި 25 ހައުސިން ޔުނިޓް
- ފްލެކްސިން ޕްރައިވެޓް ލިމިޑެޓް- ދ. ކުޑަހުވަދޫގައި 50 ހައުސިން ޔުނިޓް
ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލު ގެނެސްދެއްވުމަކީ ރައީސްގެ ވައުދުފުޅެކެވެ. އެގޮތުން ރާއްޖޭގެ 57 ރަށެއްގައި ކޮންޓްރެކްޓަރ ފައިނޭންސިންގ އުސޫލުގެ ދަށުން ނުވަތަ ދައުލަތުގެ ބަޖެޓުގެ ތެރެއިން، ގެދޮރުވެރިކަމުގެ މަޝްރޫޢުތައް ކުރިއަށް ގެންދަން ސަރުކާރުން ވަނީ ނިންމާފައެވެ.
މިއަހަރަށް ދައުލަތުން ކަނޑައެޅި 56.6 ބިލިއަން ރުފިޔާގެ ބަޖެޓަކީ ރާއްޖޭގެ ތާރީޚުގައި ވެސް، މިހާތަނަށް، ބޯހިޔާވަހިކަމަށް ހޭދަކުރުމަށް އެންމެ ބޮޑު ބަޖެޓެއް ކަނޑައަޅާފައިވާ ބަޖެޓެވެ.
އެގޮތުން ބޯހިޔާވަހިކަމަށް ޚާއްސަކޮށް 3.8 ބިލިއަން ރުފިޔާ އެ ބަޖެޓުގައި ވަނީ ހިމަނާފައެވެ.


