އެތައް ބަޔަކު ބޯހިޔާވަހިކަމަށް ސަލާންޖަހަނިކޮށް ފްލެޓް ލިބުނު މީހުން ކުއްޔަށް، ފިޔަވަޅު އަޅާނެ!

11 އޮކްޓޯބަރު 2025 - 11:57

ގެދޮރުވެރިކުރުމުގެ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިމާރާތްކޮށްފައިވާ ފްލެޓްތައް ހަވާލުކުރަން ފެށުމާއެކު، އެ ފްލެޓްތައް ބޮޑު އަގުގައި ކުއްޔަށް ދޭން އިޝްތިހާރުކުރަމުންދާ މައްސަލަ މިހާރުވަނީ ފެންމަތިވެފައެވެ. މިކަމާ ގުޅިގެން އެފްޑީސީން ވަނީ އެފަދައިން އަމަލުކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް ބުނެފައެވެ.

Ad by Hajj Corporation
އެފްޑީސީން 4،000 ފްލެޓް ލިބުނު ފަރާތްތަކާ ތަޅުދަނޑި ހަވާލުކުރަން ފެށިތާ އަދި ވީ އެންމެ ދެ ހަފްތާއެވެ. ހުޅުމާލެ ފޭސް 2 ގައި އިމާރާތްކޮށްފައިވާ މި ފްލެޓްތަކުގެ ތެރެއިން އެންމެ ފުރަތަމަ ތަޅުދަނޑި ހަވާލުކޮށްފައިވަނީ އަމާން އުދަރެސްގެ 14 ވަނަ ޓަވަރުން ފްލެޓް ލިބުނު ފަރާތްތަކަށެވެ. މިހާތަނަށް 78 ފަރާތަކާ ވަނީ ތަޅުދަނޑި ހަވާލުކޮށްފައެވެ.
އެތައް ރައްޔިތުންނެއް ބޯހިޔާވަހިކަމަށް ސަލާންޖަހަމުންދާއިރު، ފްލެޓް ލިބުނު ފަރާތްތަކުން އެތަންތަން ކުއްޔަށް ދިނުމަށް އިޝްތިހާރުކުރަމުންދާކަމީ އެތައް ބަޔަކަށް ވެވޭ ބޭއިންސާފެއްކަމަށް ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ.
ތިން ކޮޓަރީގެ ފްލެޓެއް 25,000 ރުފިޔާއަށް ކުއްޔަށް ދޭން ސޯޝަލް މީޑިއާގައި އިޢުލާންކޮށްފައިވާއިރު, ފްލެޓް ލިބޭ ފަރާތްތަކާއި އެފްޑީސީއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ފްލެޓްތައް ކުއްޔަށް ދިނުމަކީ މަނާކަމެކެވެ.
މި މައްސަލަ ފެންމަތިވެގެން ދިޔުމާ ގުޅިގެން އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ޙަމްދާން ޝަކީލް ވިދާޅުވީ، މިއީ އިޖްތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢެއްގެ ދަށުން، ބޯހިޔާވަހިކަމަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް އިސްކަންދީގެން ދޫކުރެވޭ ފްލެޓްތަކެއް ކަމަށެވެ. އަދި އެއްބަސްވުމާ ޚިލާފަށް ފްލެޓު ކުއްޔަށް ދޭ ފަރާތްތައް ހޯދައި، އެފަރާތްތަކާއެކު ވެފައިވާ އެއްބަސްވުން ބާޠިލްކޮށް ފްލެޓް އަތުލެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ 4000 ހައުސިން ޔުނިޓުތައް ހަވާލުކުރަމުންދަނީ ފިނިޝިން ހުރިހާ މަސައްކަތެއްވެސް ނިންމުމަށްފަހުއެވެ.
ރާއްޖޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަކީ ރައީސް މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އެންމެ އިސް އެއް ސިޔާސަތެވެ. އަދި ބޯހިޔާވަހިކަން ހައްގުވާ މީހުން ދެނެގަތުމުގެ ފުރިހަމަ ނިޒާމެއް ގާއިމުކޮށް، ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫޢުތަކެއް ފަށަން މި ސަރުކާރުން ވަނީ ތައްޔާރުވެފައެވެ.