އެފޯޑަބަލް ހޯމް އޯނަރޝިޕް ސްކީމްގެ ދަށުން ހުޅުމާލޭގައި 1000 ހައުސިންގ ޔުނިޓު އެޅުމަށް ދިވެހި 5 ކުންފުންޏަކާ ހަވާލުކޮށްފި
16 ޖުލައި 2026 - 17:36

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ހިންގާ "އެފޯޑަބަލް ހޯމް އޯނަރޝިޕް" ސްކީމަށް ޚާއްސަކޮށްގެން ހުޅުމާލޭގައި 1000 ހައުސިންގ ޔުނިޓު ތަރައްޤީކުރުމުގެ އެއްބަސްވުންތަކުގައި ސަތޭކަ އިންސައްތަ ދިވެހިން ހިއްސާވާ ފަސް ކުންފުންޏަކާއެކު މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން ސޮއިކޮށްފިއެވެ.
ޕަބްލިކް-ޕްރައިވެޓް ޕާޓްނާޝިޕް އުސޫލުން ކުރިއަށް ގެންދާ މި މަޝްރޫޢުގެ މަގުސަދަކީ މެދު ފަންތީގެ އާމްދަނީ ލިބޭ އާއިލާތަކަށް އަތްފޯރާ ފަށެއްގައި ފެންވަރު ރަނގަޅު ބޯހިޔާވަހިކަން ފޯރުކޮށްދިނުމެވެ. މި މަޝްރޫޢު ހަވާލުކުރެވުނު ފަސް ކުންފުންޏަކީ:

Ad by Hajj Corporation
- އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
- ޖޭވީ ޕާޓްނާޝިޕް – ވަން ރިއަލިޓީ ޕްރައިވެޓް ލިމިޓެޑް އަދި މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
- އަމިން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
- ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
- ޖޭވީ ޕާޓްނާޝިޕް - ފްލެކްސިންކް ޕްރައިވެޓް ލިމިޓެޑް، އޮކްސްރޯ ޕްރައިވެޓް ލިމިޓެޑް، ސޮލެކްސް ޕްރައިވެޓް ލިމިޓެޑް އަދި ބީވާ ބިލްޑާސް ޕްރައިވެޓް ލިމިޓެޑް
ހައުސިންގ މިނިސްޓްރީން މަޢުލޫމާތު ދެއްވި ގޮތުގައި، މި މަޝްރޫޢުގެ ދަށުން ޢިމާރާތްކުރެވޭ ފްލެޓްތައް ވިއްކުމަށް ހަމަޖެހިފައިވަނީ ސަރުކާރުގެ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމަށް ފޯމު ހުށަހަޅައި، އޭގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކަށް އެކަންޏެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ބޯހިޔާވަހިކަމުގެ ވަޢުދުތައް ފުއްދުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.
މި މަޝްރޫޢަކީ ދިވެހި ކުންފުނިތަކަށް އިސްކަންދީގެން، ރާއްޖޭގެ އިޤްތިޞާދީ ދާއިރާގައި ދިވެހި ވިޔަފާރިވެރިންގެ ދައުރު ފުޅާކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްދާ މަސައްކަތެއްކަން ފާހަގަކުރެވެއެވެ. މި މަޝްރޫޢުގެ ސަބަބުން ހުޅުމާލޭގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރައްވައެވެ.


