މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މަޝްރޫއު: ފްލެޓު ލިސްޓު ޑިސެމްބަރުގައި، ތަންތަން ހަވާލުކުރަނީ 2028 ގެ އޯގަސްޓްގައި
23 އޯގަސްޓު 2026 - 06:52

ސަރުކާރުގެ ފުރަތަމަ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ގޯއްޗާއި ފްލެޓު ލިބޭ މީހުންގެ ލިސްޓު މިއަހަރުގެ ޑިސެމްބަރު މަހުގެ މެދުތެރޭގައި ނެރޭނެ ކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ނާޒިމް މުޙައްމަދު ރޭ ވިދާޅުވެއްޖެ އެވެ.

Ad by Hajj Corporation
ނާޒިމު މިމޭރުމުން ވާހަކަ ދައްކަވާފައި ވަނީ ދައުލަތުގެ މީޑިއާގެ "ރާއްޖެމިއަދު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި މަޝްރޫއު ދަށުން އިމާރާތްކުރާ ފްލެޓުތަކުގެ މަސައްކަތް މުޅިން ނިންމައި، 2028 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި އެތަންތަން ލިބުނު ފަރާތްތަކާ ރަސްމީކޮށް ހަވާލު ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ފްލެޓް މަޝްރޫއުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރު ނާޒިމް ވިދާޅުވީ، ހުޅުމާލެ ފޭސް 1 ގައި އަޅާ ފްލެޓުތަކުގެ ދެ މަޝްރޫއެއްގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އަދި ފޭސް 2 ގައި އިމާރާތްކުރާ ފްލެޓު މަޝްރޫއެއްގެ ޑިޒައިން އެޕްރޫވަލަށްފަހު، މިހާރު އޮތީ އަމަލީ މަސައްކަތް ފެށޭ ހިސާބުގައި ކަމަށެވެ. މީގެ އިތުރުން، އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ގުޅިފަޅުގައި 4,000 ފްލެޓު އެޅުމާއި، މާލޭ ސަރަހައްދުގައި އިތުރު 5,000 ފްލެޓު އެޅުމުގެ މަޝްރޫއުތައް މިއަހަރު ފެށިގެންދާނެ ކަމަށާއި، މި ހުރިހާ މަޝްރޫއުތަކާއެކު މިއަހަރު ޖުމްލަ 13,000 ޔުނިޓުގެ މަސައްކަތް ފެށޭނެ ކަމަށް ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ މިހާރު ކުރިއަށްދާ މަސައްކަތްތަކާއެކު، ޝެޑިއުލާ އެއްގޮތަށް 2028 ގެ އޯގަސްޓް މަހުގެ ތެރޭގައި ފްލެޓުތައް ނިންމައި ރައްޔިތުންނާ ޙަވާލުކުރުން ކަމަށް ނާޒިމް ވިދާޅުވިއެވެ.
" ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓަށް އެދި ހުށަހަޅަން ހުޅުވާލި މުއްދަތު ހަމަވީ މިދިޔަ ޖޫން މަހުގެ 15 ގަ އެވެ. އެ މުއްދަތު ހަމަވިއިރު "ބޯހިޔާވަހިކަން ޕޯޓަލް" އަށް 58،505 ފޯމު ހުށަހަޅާފައިވެ އެވެ. އެއީ ފްލެޓަށް އެދި ހުށަހެޅި 35،930 ފޯމާއި ގޯއްޗަށް އެދި ހުށަހެޅި 22،575 ފޯމެވެ.
ހައުސިން މިނިސްޓްރީން ބުނީ ފޯމުތަކުގެ ވެރިފިކޭޝަން އަދި ކްރޮސް-ޗެކްކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. ހުށަހަޅާފައިވާ މައުލޫމާތުގައި ފުށުއެރުމެއްވާ ނަމަ އެކަން ޕޯޓަލް މެދުވެރިކޮށް އަންގާނެ ކަމަށާއި، އެފަދަ ކަންކަން އިސްލާޙުކުރުމަށް ދެވޭނީ ހަތް ދުވަހުގެ މުއްދަތެއް ކަމަށް ވެސް މިނިސްޓްރީން ވަނީ ބަޔާންކޮށްފަ އެވެ.

-01.jpg&w=3840&q=75)
