ގޯއްޗާއި ފުލެޓަށް އެދި ހުށަހެޅި މީހުންގެ ކްރޮސް ވެރިފިކޭޝަން ފަށައިފި
21 ޖޫން 2026 - 07:10

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ މަޢުލޫމާތު ކަށަވަރުކުރުމުގެ ގޮތުން ކުރިއަށްގެންދާ ކްރޮސް ވެރިފިކޭޝަން މަސައްކަތްތައް ފަށައިފިއެވެ.
މިކަން ހާމަކުރައްވާފައިވަނީ މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓްގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ނާޒިމް މުޙައްމަދު ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައެވެ. ސްޓޭޓް މިނިސްޓަރ ވިދާޅުވީ، ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެ ސައްހަކަން ބެލުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

Ad by Hajj Corporation
ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި ފުރުސަތުގައި ޖުމްލަ 58,505 އެޕްލިކޭޝަން ވަނީ ހުށަހަޅާފައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށް ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ.
މި ސިޔާސަތުގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދުންނާއި، އަލަށް ތަރައްޤީކުރާ ރަސްމާލެ ހިމެނޭހެން ޖުމްލަ 15,000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، މާލެ ސަރަޙައްދުން 7,900 ފްލެޓް ދޫކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.
ފްލެޓްތައް ބަހާލުމަށް ކަނޑައަޅާފައިވާ އުސޫލަށް ބަލާއިރު، މާލޭގެ ރަށްވެހިންނަށް 4,000 ފްލެޓް، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1,500 ފްލެޓް، އަދި އެކި ދާއިރާތަކުން ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކަށް 2,400 ފްލެޓް ވަނީ ކަނޑައަޅާފައެވެ.
ސަރުކާރުގެ އަމާޒަކީ ދެފުށް ފެންނަ އުސޫލެއްގެ ދަށުން، ހައްގުވެރިންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމެވެ. މިހާރު ކުރިއަށްދާ ކްރޮސް ވެރިފިކޭޝަންގެ މަސައްކަތަކީ އެޕްލިކޭޝަންތަކުގައި ހުރި މަޢުލޫމާތުގެ ސައްހަކަން ކަށަވަރުކޮށް، އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ފުރުސަތު ދިނުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.


