ފުލިދޫ ކައިރިއަށް ފަރަށް އަރައި ބޯޓެއް އަޑިއަށްދަނީ
8 ނޮވެމްބަރު 2025 - 07:59

މާލެއިން ފުރައިގެން ދަތުރުކުރަމުން ދަނިކޮށް ވ. ފުލިދޫ ކައިރީ ފަރަކަށް ބޯޓެއް އަރައިފިއެވެ.
ފުލުހުން ބުނީ، މާލެއިން ފުރައިގެން މުދާ ބަރުކޮށްގެން ގދ. ފަރެސްމާތޮޑާއަށް ދަތުރުކުރި "ފަހިރޯޅި" ނަމަކަށް ކިޔާ ބޯޓު، ވ. ފުލިދޫ ކައިރީ ފަރަކަށް އަރާފައިވާކަމުގެ މައުލޫމާތު މިއަދު ފަތިހު 05:01 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

Ad by Hajj Corporation
ބޯޓުން ދަތުރުކުރީ ޖުމްލަ 12 މީހުންނެވެ. އެއީ ފަސް ބިދޭސީންނާއި ދިވެއްސަކު ހިމެނޭހެން ހަ ދަތުރުވެރިންނާއި ބޯޓުގެ ކެޕްޓަނާއި ބޯޓުގެ ވެރިފަރާތް އަދި ބޯޓުގެ ހަތަރު ފަޅުވެރިންނެވެ.
ބޯޓު ފަރަށް އަރައި ބޯޓުގެ މައްޔާ ފަޅައިގެން ގޮސް ދިޔަވެ، ބޯޓުގެ ބޮޑުބައި މިހާރު އޮތީ އަޑީގައިކަމަށް ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވިއެވެ.
މި ހާދިސާ ހިނގި ގޮތް ފުލުހުން މިހާރު ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތުދިނެވެ.


