''ރައްޔިތުން ބޭނުންވަނީ އެންމެން އެއްތަނަކަށް ޖަމާވެ، ރައީސްއަށް ޝުކުރު ދަންނަވަން''
8 ނޮވެމްބަރު 2025 - 13:13

ރާއްޖޭގެ ރައްޔިތުން މިހާރު ބޭނުންވަނީ، ގިނަ އަދަދެއްގެ ބަޔަކު އެއްތަނަކަށް ޖަމާވެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ރައްޔިތުންގެ ހައްގުގައި ކުރައްވާފައިވާ އަދި ކުރައްވަން ނިންމަވާފައިވާ ކަންކަމަށް ޝުކުރު އަދާކުރަންކަމަށް ސަރުކާރު ހިންގާ ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުން ވިދާޅުވެއްޖެއެވެ.
ޕީއެންސީން އަންނަ ހުކުރު ދުވަހުގެ ރޭ މާލޭގައި ބާއްވާ ބޮޑު ޖަލްސާއަށް އާންމުކޮށް ދައުވަތު ދިނުމުގެ ހަރަކާތެއް ފެށުމަށް އެ ޕާޓީގެ މައި ޖަގަހައިގައި ބޭއްވި ރަސްމިއްޔާތަށް ފަހު، މީޑިއާތަކާ ވާހަކަދައްކަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަޠީފް ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށަކަށް ރައީސް މިހާރު ދަތުރުފުޅު ކުރައްވާފައިވާއިރު، ރައްުޔިތުން ބޭނުންވަނީ އެއްތަނަކަށް ޖަމާވެ، އެމަނިކުފާނަށް އޮތް ތާއީދު ހާމަކުރަން ކަމަށެވެ.

Ad by Hajj Corporation
ފާހަގަކޮށްލަން ޖެހޭ ގޮތުގައި، ޤައުމުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން، ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް، ރެކޯޑް މުއްދަތެއްގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޒިޔާރަތްކުރައްވައި ރާއްޖޭގެ ސިޔާސީ މައިދާނުގައި ތާރީޚީ ކާމިޔާބީއެއް ޙާޞިލުކުރައްވާފައިވެއެވެ. އެގޮތުން އެމަނިކުފާނު ވަނީ، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް، އެންމެ 1 އަހަރާ 11 މަސްދުވަހުގެ ތެރޭގައި ދަތުރުފުޅުކުރައްވާފައެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ 187 ރަށަށާއި ސިޓީތަކަށް، ވެރިކަމުގެ ފުރަތަމަ 1 އަހަރާއި 11 މަސް ދުވަހުގެ ތެރޭގައި ރައީސް ވަޑައިގެންފައިވާއިރު، 63 ރަށަކަށް 2 ވަނަ ފަހަރަށްވެސް ރައީސް ޒިޔާރަތްކުރައްވާފައިވެއެވެ.
މީޑިއާތަކާ ވާހަކަދައްކަވަމުން ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވީ، މި ވެރިކަމަށް މި މަހުގެ 17 ވަނަ ދުވަހު ދެ އަހަރު ފުރޭއިރު، ހުރިހާ އެންމެން އެއްތަނަކުން އެއްވާން ވަރަށް ގިނަ ސަޕޯޓަރުން އެދޭ ކަމަށެވެ. ހާއްސަކޮށް ރައީސް ވަރަށް ގިނަ ރަށްރަށަށް މިދިޔަ ދުވަސްތަކުގައި ވަޑައިގެން، ތަރައްގީގެ އެކިއެކި މަޝްރޫއުތައް ފައްޓަވައި ދެއްވައި ވަރަށް ބުރަކޮށް މަސައްކަތްޕުޅު ކުރައްވާފައިވާތީ އެންމެން އެކުގައި އެއްތަނަކަށް ޖަމާވެ އެ މަނިކުފާނަށް ޝުކުރު އަދާކުރަން ގިނަ ބަޔަކު ބޭނުންވާ ކަމަށް ފަލާހު ވިދާޅުވި އެވެ.
މި ޖަލްސާއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވީ، ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން އަންނަ ހުކުރު ދުވަހުގެ ރޭ މާލޭގައި ބާއްވާ ބޮޑު ޖަލްސާ އިން ރާއްޖެ އޮތީ ކޮން ފިކުރެއްގައި ކަމާއި ދިވެހިން ތިބީ ކޮން ލީޑަރެއްގެ ފަހަތުގައިކަން ވަރަށް ބޮޑަށް ސާފުވާނެ ކަމަށެވެ. ޖަލްސާއަށް ސަޕޯޓަރުން ދާނީ މިހާތަނަށް ރައީސް ކުރައްވާފައިވާ މަސައްކަތްޕުޅުތައް ބަލައިގަނެ، އެ ކަަމަށް ތާއީދު ކުރާތީ ކަމަށާއި، ޖަލްސާގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވާތީ އެއީ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭ އިތުރު މައުލޫމާތު ލިބި ޔަގީންކަން އިތުރު ވާނެ ކަމެއް ކަމަށް އަބްދުއްރަޙީމް ވިދާޅުވިއެވެ.
އެހެންނަމަވެސް، ރައްޔިތުން ޖަލްސާއަށް އަންނާނީ މަޝްރޫޢުތަކާ ގުޅޭގޮތުން ކަންކަން ނޭނގިގެން އޮޅުންފިލުވަން ނޫން ކަމަށާއި، ރައްޔިތުން އަންނާނީ ކަން ހިނގާ މަގު އެނގޭތީ، މި ވެރިކަން ދާ މިސްރާބު ރަނގަޅު ކަމަށް ގަބޫލު ކުރެވޭތީ އައު އުންމީދަކާއި އައު ރޫހަކާއި އައު ދިރުމަކާ އެކީގައި އައު މުސްތަގުބަލަކަށް އުންމީދު ކޮށްގެންކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
ޕީއެންސީން ޖަލްސާއެއް ބާއްވަން ތައްޔާރު ވަމުން އަންނައިރު އެ ޕާޓީން މިފަދަ ބޮޑު އެއްވުމެއް މި ބާއްވަނީ ގާތްގަނޑަކަށް ދެ އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ. ފާހަގަކޮށްލަން ޖެހޭ ގޮތުގައި މި މަހުގެ 17 ވަނަ ދުވަހު، މި ސަރުކާރަށް ދެ އަހަރު ވެސް ފުރޭނެއެވެ.


