logo
Bank of Maldives

Bank of Maldives

ކުޅިވަރު

ގްރީން ސްޓްރީޓުން ނިއު ހިފަހަށްޓައިފި

އަބްދުﷲ ޣާނިމް
8 ނޮވެމްބަރު 2025 - 19:24
ފޮޓޯ: ނިއުރޭޑިއަންޓް
ފޮޓޯ: ނިއުރޭޑިއަންޓް

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ކުލަބް ގްރީން ސްޓްރީޓްސް އިން ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބް މޮޅުވިޔަނުދީ ހިފަހަށްޓައިފިއެވެ. މިމެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. ޤައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗުގައި ނިއުރޭޑިއަންޓް ދެ ލަނޑުގެ ލީޑެއް ނަގާފައިވަނިކޮށް، ގްރީން ސްޓްރީޓްސް އިން ވަނީ މެޗުގެ ފަހު މިނެޓުތަކުގައި ނަތީޖާ ހަމަހަމަކޮށް، ނިއުރޭޑިއަންޓް ސިއްސުވާލާފައެވެ.

މެޗުގެ ފުރަތަމަ މިނެޓުން ފެށިގެން ނިއުރޭޑިއަންޓް އިން ވަނީ ވަރުގަދަ ހަމަލާތަކެއް އުފައްދާފައެވެ. ނިއުރޭޑިއަންޓްގެ ކެޕްޓަން އަލީ ފާސިރު ފޮނުވާލި ބޯޅައެއް ގްރީން ސްޓްރީޓްސްގެ ކީޕަރު ދިފާޢުކުރިއިރު، މެޗުގެ 10 ވަނަ މިނެޓުގައި ނިއުރޭޑިއަންޓްގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ ހަސަން ރާއިފް އަހުމަދު އެވެ. އޭގެފަހުން 22 ވަނަ މިނެޓުގައި ބްރެޒިލްގެ އެޓޭކިންގ މިޑްފީލްޑަރ ޑެ ސިލްވަރ ވަނީ ކީޕަރުގެ އަތުގައި ޖެހިފައި ނުކުތް ބޯޅައެއް ގޯލަށް ވައްދާލައި، ނިއުރޭޑިއަންޓަށް 2-0 ގެ ހޯދައިދީފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުރަތަމަ ހާފުގައި ގްރީން ސްޓްރީޓްސްގެ ފަރާތުން މާ އެދެވޭ ކުޅުމެއް ނުފެނުނު ނަމަވެސް، ދެވަނަ ހާފަށް ނުކުމެ އެ ޓީމުން ވަނީ ރަނގަޅު ޕާފޯމޭންސްއެއް ދައްކާފައެވެ. މެޗުގެ 54 ވަނަ މިނެޓުގައި ޔޫޝައުބިން އަލީ ނަޝީދަށް އިބްރާހިމް މައިސާން ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއަކުން، އެލް ސައީދު އަލް މަހްމޫދު ވަނީ ނަތީޖާ 2-1 އަށް ބަދަލުކޮށް، ގްރީން ސްޓްރީޓްސްގެ އުންމީދު އާކޮށްފައެވެ.

މެޗުގެ ނަތީޖާ ހަމަހަމަކުރަން ގްރީން ސްޓްރީޓްސްގެ ކުޅުންތެރިން ކުރަމުންދިޔަ މަސައްކަތުގެ ނަތީޖާ ފެނިގެންދިޔައީ މެޗުގެ 90 މިނެޓު ހަމަވާން ދެ މިނެޓަށް ވެފައި ވަނިކޮށެވެ. މުޙައްމަދު ޖައިލަމް ފޮނުވާލި ހަމަލާއެއް ނިއުރޭޑިއަންޓްގެ ޑިފެންސް ސާފުނުކުރެވި އުޅެނިކޮށް، އެ ޓީމުގެ މިޞްރު ޑިފެންޑަރ ޝުހުރަތު އަލީ ޕުލަތޯވް ވަނީ ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައި، ނަތީޖާ 2-2 އަށް ހަމަހަމަކޮށްފައެވެ.

މިއާއެކު ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަށް 7 މެޗުން 17 ޕޮއިންޓް ލިބިފައިވާއިރު، ލީގު ތާވަލުގެ އެއްވަނައިގައި އޮތް މާޒިޔާއާ ދެމެދު އޮތީ ހަތަރު ޕޮއިންޓުގެ ފަރަގެކެވެ. އަދި ނިއުރޭޑިއަންޓަށް ވުރެ އެއް ޕޮއިންޓް މަދުން ހޯދައިގެން އޮޑި ސްޕޯޓްސް ކުލަބު އޮތީ ތިންވަނައިގައެވެ. ގްރީން ސްޓްރީޓްސްއަށް މި މެޗުން ލިބުނު ޕޮއިންޓަކީ، ތާވަލުގެ ފުލުން ކުރިއަށް ޖެހިލުމަށް އެ ޓީމަށް ލިބުނު ވަރަށް މުހިންމު ޕޮއިންޓެކެވެ.

ނިއުރޭޑިއަންޓްގެ ކުރިއަށް އޮތް މެޗަކީ ލީގު ތާވަލުގެ އެއްވަނައިގައި އޮތް މާޒިޔާއާ ދެކޮޅަށް ކުޅެންޖެހޭ މެޗަށްވުމާއެކު، މި އެއްވަރުވުމުގެ ސަބަބުން އެ މެޗަށް ނިއުރޭޑިއަންޓަށް ކުރިމަތިވާ ގޮންޖެހުންތައް އިތުރުވެގެންދާނެކަމަށް ބެލެވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގްރީން ސްޓްރީޓުން ނިއު ހިފަހަށްޓައިފިކުޅިވަރު | 2 ގަޑިއިރު ކުރިންވިމެންސް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ނިއުރޭޑިއަންޓުން ފަރިތަކުރުންތައް ފަށައިފިކުޅިވަރު | 5 ދުވަސް ކުރިންބުރު ބަލިކޮށް ނިއުއިން މުހިންމު މޮޅެއްކުޅިވަރު | 7 ދުވަސް ކުރިންނިއުރޭޑިއަންޓު މިހާ ހިސާބަށް ގެނެސްދޭން މަސައްކަތްކުރި އެންމެންނަށް ކުއީން ވަހީދުގެ ޝުކުރުކުޅިވަރު | 18 ދުވަސް ކުރިން