އަށް މެޗަށްފަހު ބައިކޮޅު ގޯލު ވަދެ، އުދުހިފައި އުޅުނު އާސެނަލް ފަހުވަގުތު ހިފަހަށްޓައިފި
9 ނޮވެމްބަރު 2025 - 03:30

ޕްރިމިއާ ލީގުގެ ތާވަލުގެ އެއްވަނައިގައި އުދުހެމުންދިޔަ އާސެނަލް ކޮޅަށް 8 މެޗަށްފަހު ގޯލުޖަހައި، ސަންޑަލޭންޑުން ފަހުވަގުތު މެޗު އެއްވަރުކޮށްފިއެވެ. ސްޓޭޑިއަމް އޮފް ލައިޓްގައި ކުޅުނު މެޗުގައި ސަންޑަލޭންޑުން ވަނީ މެޗުގެ 90 ވަނަ މިނެޓުގައި ގޯލެއްޖަހައި، 2-2 ގެ ނަތީޖާއަކުން މެޗު އެއްވަރުކޮށްފައެވެ. މި ނަތީޖާއާއެކު އާސެނަލްއަށް ލީގުގެ އެއްވަނައިގައި ނުވަ ޕޮއިންޓެއްގެ ލީޑު ނެގުމުގެ ފުރުސަތު ވަނީ ގެއްލުވާލާފައެވެ.
މެޗުގައި ފުރަތަމަ ލީޑު ނަގާފައިވަނީ ސަންޑަލޭންޑުންނެވެ. އެގޮތުން، އާސެނަލްގެ ކުރީގެ އެކަޑަމީގެ ޑިފެންޑަރު ޑޭން ބެލާޑް ވަނީ އޭނާގެ ކުރީގެ ކްލަބާ ދެކޮޅަށް ފުރަތަމަ ހާފުގައި ލަނޑު ޖަހައިފައެވެ. ވިލްސަން އިސިޑޯރު ދިން ހެޑަރަކަށްފަހު، ބެލާޑް ވަނީ ޑެކްލަން ރައިސް ކައިރިން ނައްޓާލާ، ބާރަށް ފޮނުވާލި ބޯޅައެއް ގޯލުގެ ތެރެއަށް ވައްދާލާފައެވެ. މި ލަނޑާއެކު އާސެނަލްގެ އަށް މެޗުގެ ކްލީން ޝީޓްގެ ރެކޯޑަށް ވަނީ ނިމުން އައިސްފައެވެ.

Ad by Hajj Corporation
ދެވަނަ ހާފުގައި އާސެނަލް ވަނީ ކުޅުން ވަރަށް ރަނގަޅުކޮށްފައެވެ. އެގޮތުން ދެވަނަ ހާފުފެށިގެން މާގިނައިރުތަކެއް ނުވެ ބުކާޔޯ ސާކާ ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. އާސެނަލްއަށް ލީޑު ނަގައިދިނީ މެޗުގެ 74 ވަނަ މިނެޓުގައި ލެއަންޑްރޯ ޓްރޮސާޑެވެ.
ނަމަވެސް މިވަގުތު ތާވަލުގެ ތިންވަނައިގައި އޮތް ސަންޑަލޭންޑް ވަނީ ނަތީޖާ ދޫކޮށްލަން ދެކޮޅު ހަދައި ފަހިވަގުތު ގޯލެއް ޖަހައި ނަތީޖާ 2-2 އަށް އަނބުރާލާފައެވެ.
މި ނަތީޖާއާއެކު އާސެނަލް ލީގުގެ އެއްވަނައިގައި ލީޑު ފުޅާކުރުމުގެ ފުރުސަތު ގެއްލިފައިވާއިރު، މާދަމާ ލިވަޕޫލާއި ދެކޮޅަށް ކުޅޭމެޗުން ސިޓީ މޮޅުވެއްޖެނަމަ، އާސެނަލް އާއި ހަތަރު ޕޮއިންޓާއި ކައިރިޔަށް އެޓީމު ޖެހިލާނެއެވެ.


