އެމްޑީޕީގެ "ބޮޑު އެއްވުން" މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
9 ނޮވެމްބަރު 2025 - 05:15

މި މަހުގެ 17 ވަނަ ދުވަހު ބާއްވަން ތާވަލުކުރި އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ "ބޮޑު އެއްވުން" މުއްދަތެއް ނެތްގޮތަށް ފަސްކޮށްފިއެވެ.
"ލޫޓުވައިފި" ނަމުގައި އެމްޑީޕީން ބާއްވަން މަސައްކަތްކުރި މި އެއްވުން ފަސްކުރަން އެ ޕާޓީން ނިންމީ ހޮނިހިރު ދުވަހުގެރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.

Ad by Hajj Corporation
ގައުމީ މަޖިލީހުގެ ރިޔާސަތުގައި އިންނެވި އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު (އިބުރޭ) ނޮވެމްބަރު 17ގެ އެއްވުމުގެ ކޮމިޓީގެ ލަފާ އިއްވަވަމުން ވިދާޅުވީ، އާޓިފިޝަލް ބީޗާއި އަލިމަސް ކާނިވަލާއި އުސްފަސްގަނޑު ނުދެވޭނެ ކަމަށް ބުނެ، އެއްވެސް ތަނެއް އެއްވުން ބާއްވަން ނުދޭ ގޮތަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
ފާހަގަކޮށްލަން ޖެހޭ ގޮތުގައި މިދިޔަ އޮކްޓޯބަރު މަހުގެ ކުރީކޮޅު އެމްޑީޕީން ބޭއްވި އެއްވުމަށް ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަންދީ އިންތިޒާމުތައް ހަމަޖައްސައިދިން ނަމަވެސް، އެ އެއްވުމުގެ ވަކި ހިސާބަކުން އެމްޑީޕީގެ ލީޑަރޝިޕްގެ ލަފަޔާ އިރުޝާދާ އެއްގޮތަށް އެ އެއްވުމުގެ ބައިވެރިން ވަނީ ދީފައިވާ ހުއްދައާ ޚިލާފުވެ، މަގުމައްޗަށް ނުކުމެ، ޤާނޫނާ ޚިލާފުވެ، ފުލުހުންނާ ވެސް ކުރިމަތިލާފައެވެ.
ކަން މިހެން އޮތުމުން ގިނަބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށް، އެމްޑީޕީގެ ލީޑަރޝިޕުން ސިޔާސީ ހަރަކާތުގެ ނަމުގައި އެ ޕާޓީގެ އާންމު މެމްބަރުން ލައްވައި ހިންގާ މިފަދަ ކަންކަން ހުއްޓުވަން ގޮވާލާފައެވެ.
ކޮމިޓީއާ ހަވާލާދީ އިބުރޭ ވިދާޅުވީ، އެމްޑީޕީގެ ދަނޑިކޮށި ޖަގަހައިގައި ބޭއްވޭ ވަރަށް ވުރެ މި މަހުގެ 17 ވަނަ ދުވަހު ބާއްވާ އެއްވުން ބޮޑުވާނެކަމަށެވެ. އެހެންމަވެސް، އެތައް މަހެއް ކުރިން މުޅި ރާއްޖެއިން މީހުން ގެނެސްގެން ވެސް އެމްޑީޕީއަށް އޮކްޓޯބަރު މަހު ބޭއްވި އެއްވުމަށް ވެސް މާބޮޑު ތަރުހީބެއް ލިބިފައިނުވާކަމަށް ސިޔާސީ ފަރާތްތަކުން ބުނެއެވެ. އެހެންކަމުން މި އެއްވުމަށް ވެސް ރައްޔިތުންގެ ތަރުހީބެއް ނުލިބޭނެކަމަށް އެ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
އެމްޑީޕީން ނިންމީ މި މަހު 17ގައި ބާއްވާ އެއްވުން ވަކި މުއްދަތެއް ނެތި ފަސްކުރުމުގެ އިތުރުން، އެއްވުން ބާއްވާނެ ތާރީޚާއި ތަނާއި ވަގުތު ޕާޓީގެ ލީޑާޝިޕުން ނިންމާ ގޮތަށެވެ.


