ޓޫރިޒަމުގެ ފައިސާ ރާއްޖޭގެ ބޭންކުތަކަށް މާރުކުރަން ލާޒިމުކުރުމުން އެނގެނީ ރައްޔިތުންގެ ހައްގުގެ މުހިންމުކަން: މުބީން
ރީޖަނަލް އެއާޕޯޓްސްގެ އެމްޑީ އަހްމަދު މުބީން، ރައީސް ޑރ. މުޢިއްޒުގެ އަރިހުގައި -- ފޮޓޯ/ ސޯޝަލް މީޑިޔާ
02 އޮކްޓޯބަރު 2024 - 07:09
ރާއްޖޭގެ ފަތުރުވެރިކަމުން ލިބޭ ފައިސާ، ރާއްޖޭގެ ބޭންކުތަކުގައި މާރުކުރުން ލާޒިމްކުރާ ގޮތަށް އުސޫލެއް ކަނޑައެޅުމުން ދޭހަވަނީ ރައްޔިތުންގެ ހައްގުގެ މުހިންމުކަން ކަމުގައި ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ބިލެތްދޫ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު މުބީން ވިދާޅުވެއްޖެއެވެ.
މުބީން އެފަދައިން ވިދާޅުވީ، ރޭ އެމްއެމްއޭއިން ގެޒެޓުކުރި "ބޭރު ފައިސާއާ ބެހޭ ގަވާއިދު"ގެ ދަށުން، ރާއްޖޭގެ ފަތުރުވެރިކަމުން ލިބޭ ބޭރު ފައިސާ، ބޭންކުތަކަށް މާރުކުރަން ލާޒިމްކުރުމާއި، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ބޮލަކަށް ވަކި އަދަދުތަކެއް މާރުކުރުމަށް ލާޒިމް ކުރުމަށް ސަރުކާރުން ނިންމެވުމާ ގުޅިގެން އެކަމަށް އިޝާރަތްކުރައްވައި މިއަދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން އެ ޕޯސްޓުގައި މުބީން ވިދާޅުވީ، ސަރުކާރުގެ އެ ނިންމުމުން ހާމަވަނީ، މުއްސަނދި މަހުޖަނުންނަށް ވުރެ ގައުމު ބޮޑުކަމާއި، ރައްޔިތުންގެ ހައްގުގެ މުހިންމުކަން ކަމަށެވެ. އަދި އޭގެ ސަބަބުން ރާއްޖެއަށް ގިނަ ފައިދާތަކެއް ކުރާނެ ކަމުގައި ގަބޫލުކުރައްވާ ކަމުގައި މުބީން ވިދާޅުވިއެވެ. އެއާއެކު، ސަރުކާރުގެ އެ ނިންމުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް، މުބީން ޝުކުރު އަދާކުރެއްވިއެވެ.
ރޭ ނެރުނު އެ ގަވާއިދުގެ ދަށުން، ރާއްޖޭގެ ރިސޯޓުތަކަށް އަންނަ ފަތުރުވެރިއެއްގެ ބޮލަކަށް، 500 ޑޮލަރު ބޭންކަށް މާރުކުރަން ޖެހެއެވެ. އަދި ރާއްޖޭގެ ގެސްޓްހައުސްތަކާއި މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކުގެ ތެރެއިން 50 ކޮޓަރިއަށް ވުރެ މަދުން ކޮޓަރި ހުންނަ ތަންތަނަށް ޒިޔާރަތްކުރާ ފަތުރުވެރިއެއްގެ ބޮލަކަށް 25 ޑޮލަރު ވެސް ބޭންކަށް މާރުކުރަން ޖެހެއެވެ.
އަދި ހަމައެހެންމެ، ރާއްޖޭގެ ޓޫރިޒަމުން ލިބޭ ބޭރު ފައިސާ ލޯކަލް ބޭންކުތަކަށް ޖަމާކުރަން ވެސް އެ ގަވާއިދުގެ ދަށުން ވަނީ ލާޒިމްކޮށްފައެވެ.