މައްސަލަތަކުގެ ހެކި ނައްތާލައި، ގޭންގް ގުރޫޕްތަކަށް ރައްކާތެރިކަންދޭކަމުގެ ތުހުމަތު ފަރުހާދަށް
9 ނޮވެމްބަރު 2025 - 15:22

މައްސަލަތަކުގެ ހެކި ނައްތާލައި މާލެތެރޭގައި ހަރަކާތްތެރިވާ ގޭންގު ގުރޫޕްތަކަށް ރައްކާތެރިކަންދޭކަމުގެ ތުހުމަތު ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީގެ މައްޗަށް ކޮށް އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީއަށް ހުށަހަޅައިފިއެވެ.
މި ތުހުމަތުތައް ހުށަހަޅާފައިވަނީ ފުލުހުންގެ މަތީ ރޭންކުތަކުގެ 11 އޮފިސަރުންގެ ފަރާތުން ވިސުލްބްލޯވަރުންގެ ގޮތުގައެވެ.

Ad by Hajj Corporation
241 ކޮމިޓީގެ މުގައްރިރު، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމަށް އެޑްރެސްކޮށް ފޮނުވާފައިވާ މި ސިޓީގައި، ފުލުހުންގެ ޗީފް އިންސްޕެކްޓާ ރޭންކުން މަތީގެ 11 އޮފިސަރުން ވަނީ ޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ ފުލުހެއްގެ ގޮތުގައިހުރެ، ގާނޫނާ ޚިލާފަށް ކޮށްފައިވާ ކަންކަމާ، ފުލުހުންގެ ސުލޫކީ މިންގަނޑުތަކާ ޚިލާފަށް ކޮށްފައިވާ ކަންކަމުގެ މައްޗަށް ތައްޔާރު ކުރެވިފައިވާ ރިޕޯޓެއް ހުށަހަޅާފައެވެ.
މި ރިޕޯޓުގައި ފަރުހާދުގެ މައްޗަށްވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން މައްސަލައެއްގެ ތަހުގީގު ހުއްޓުވުމާ، ޓޯކޮށްފައިވާ އުޅަނދެއް ގަވާއިދާ ޚިލާފަށް ދޫކުރުމުގެ ތުހުމަތުކޮށްފައެވެ.
އަދި ޑެޕިއުޓީ ކަމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީގެ ފިރިހެން ދަރިފުޅުގެ މައްޗަށް ތުހުމަތު ކުރެވުނު 18 އަހަރުން ދަށުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައެއްގެ ތަހުގީގަށް ހޯދާފައިހުރި ހެކިތަކެއް މަގާމުގެ ބާރު ނަހަމަގޮތުގައި ބޭނުންކޮށްގެން ނައްތާލުމުގެ މައްސަލަވެސްވަނީ ތުހުމަތުކޮށްފައެވެ.
އެގޮތުން 2018 ވަނަ އަހަރު ފުލުހުންގެ ޚިދުމަތުގެ ފަރާތުން ތަހުގީގު ކުރަމުންގެންދިޔަ ޑެޕިއުޓީ ކަމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީގެ 18 އަހަރު ފުރިފައިވާ ފިރިހެން ދަރިއަކު އެހެން ބަޔަކާ ބައިވެރިވެގެން އުމުރުން 18 އަހަރު ނުފުރޭ އަންހެން ކުއްޖަކު ރޭޕްކޮށް އެއަމަލު ހިންގިތަން ވީޑިއޯކޮށް ފޮޓޯ ނަގާ ހަދާފައިވާކަމަށް ހުށަހެޅި ތަހުގީގުކުރަމުންދިޔަ ޖިނާއީ ބޮޑު މައްސަލައަކާ ގުޅިގެން ތަހުގީގުގެ ބޭނުމަށް ޑެޕިއުޓީ ކަމިޝަނަރ އޮފް ޕޮލިސް ފަރުހާދުގެ ފިރިހެން ދަރިފުޅުގެ ފޯން ހިފަހައްޓާފައިވަނިކޮށް އެފޯނުގައި ހުރި ވީޑިއޯއާއި އަދި ފޮޓޯތައް ޑިލީޓްކޮށް އެމައްސަލައިގެ ހެކިނައްތާލާފައިވަނީ ޑެޕިއުޓީ ކަމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކްރީކަން އެމައްސަލައިގައި ކުރި ޖިނާއީ ތަހުގީގުން އެނގިފައިވާކަމަށް ސިޓީގައިވެއެވެެ. އަދި އޭގެ ސަބަބުން ޑެޕިއުޓީ ކަމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކްރީގެ ދަރިފުޅުގެ މައްޗަށް ތުހުމަތުވި ޖިނާއީ ކުށުގެ އަދަބުން އޭނާ ސަލާމަތްވެފައިވާކަން ވަނީ ފާހަގަކޮށްފައެވެ.
"އުމުރުން 18 އަހަރު ނުފުރޭ އަންހެން ކުއްޖަކު ރޭޕްކޮށް އެއަމަލު ހިންގިތަން ވީޑިއޯކޮށް ފޮޓޯ ނެގި މައްސަލައިގެ ތަހުގީގު ނިންމާ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން، އެމައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ދިރާސާ ކުރިކުރުމުން މައްސަލައިގެ ތަހުގީގަށް ބޭނުންވި ހެކިތަކެއް ނައްތާލާފައިވާކަން ފާހަގަކުރެވިފައިވެއެވެ."
މީގެ އިތުރުން ޑެޕިއުޓީ ކަމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އަކީ ފުލުހުންގެ އިސްމަގާމެއްގައި ހުރުމަށް ގާބިލު މީހެއް ނޫންކަމަށް ޕޮލިސް ބޯޑުން ނިންމާ ވަޒީފާއިން ވަކިކުރުމަށް ލަފާދީފައި އޮތްކަމަށް ވެސް ސިޓީގައިވެއެވެ.
"ޑެޕިއުޓީ ކޮމިޝަނަރ ފަރުހާތުގެ ފިރިހެން ދަރިފުޅަކީ މާލޭގައި ނުރައްކާތެރި ކުށްތައް ހިންގުމަށް މަޝްހޫރުވެފައިވާ މަސްއޮޑި ގުރޫޕުގެ މެންބަރަކަށްވާތީ އެގުރޫޕަށް ފުލުހުންގެ ތެރެއިން ހާއްސަ ރައްކާތެރިކަމެއް ލިބެމުންދެއެވެ. އަދި އެފަދަ އަމަލުތަކުގެ ސަބަބުން މައްސަލަ ތަކުގައި އަނިޔާ ލިބުނު ފަރާތަށް އިންސާފު ނުލިބިވާކަން ފާހަގަކުރެވެއެވެ."
ފުލުހުންގެ ފަސް އޮފިސަރަކު ވަކި ކުރުމަށް މީގެ ކުރިން ޕޮލިސް ބޯޑުން ނިންމިއިރު އޭގެ ތެރޭގައި ފަރުހާދު ވެސް ހިމެނުނެވެ.
ނަމަވެސް ދައުލަތުން ޝަރީއަތުގެ ނިޒާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފާކަމަށް ބުނެ، ހައިކޯޓުން ވަނީ މައްސަލަ ބާތިލުކޮށްފައެވެ.


