ޝިފާންގެ ރެކޯޑުތަކަކަށް އެހެން އޭސީޕީއަކު ބަދަލު ގެނައިކަމަށް ތުހުމަތުކޮށް މައްސަލަ ބެލުމަށް ހުށަހަޅައިފި
10 ނޮވެމްބަރު 2025 - 06:33

ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ޝިފާންއާ ގުޅޭ ޒާތީ މައުލޫމާތުތަކަކަށް އެހެން އޭސީޕީއަކު ބަދަލު ގެނެސްފައިވާ މައްސަލައެއް ފެންމަތިކުރައްވައި، އެ މައްސަލަ ބަލައިދޭން އޭނާ މިއަދު ހުށަހަޅުއްވައިފި އެވެ.
ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީނަށް އެޑްރެސްކުރައްވައި ފޮނުއްވި ސިޓީގައި ޝިފާން ވިދާޅުވީ، އޭނާއާ ބެހޭ ޒާތީ މައުލޫމާތުތަކެއް މި އަހަރުގެ މޭ މަހު ޕީއެސްސީގައި ރެކޯޑް ކޮށްފައިވާއިރު، އެހެން އޭސީޕީއަކު އެ ރެކޯޑުތަކަށް ބަދަލު ގެނެސްފައިވާކަން ޑިޖިޓަލް ޑޭޓާ އަދި ޓެކްނޮލޮޖީގެ ފަރާތުން މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި މޭ 29 ގައި ރަސްމީކޮށް ފުލުހުންގެ ސަމާލުކަމަށް އެ މައްސަލަ ގެނެސްފައިވާނެ ކަމަށް އެ ސިޓީގައި ޝިފާން ވިދާޅުވި އެވެ.

Ad by Hajj Corporation
އޭނާއާ ބެހޭގޮތުން ފުލުހުންގެ ޕީއެސްސީގެ ނިޒާމުގައި ރައްކާ ކުރެވިފައިވާ ބައެއް މައުލޫމާތާއި އަދި ހަގީގަތާ ހިލާފު އެތައް މައުލޫމާތެއް، ބައެއް ރަސްމީ އިދާރާތަކާއި ލޯކަލް ބައެއް ނޫސް އެޖެންސީތަކަށް، މި ނިޒާމަށް އެކްސެސް އޮތް ފަރާތްތަކުން، 8 ނޮވެމްބަރުގައި ހިއްސާ ކޮށްފައިވާކަން ފާހަގަކުރެވިފައިވާކަންވެސް އޭނާ ވަނީ ހާމަކުރައްވާފައެވެ.
އެހެންވެ، ފުލުހުންގެ ހިދުމަތުގައި އެކަށަައަޅާފައިވާ ނިޒާމުގެ ތެރެއިން އެ މައްސަލަ ބަލައި ދިނުމަށް ސީޕީ ނަވީންގެ އަރިހުން ޝިފާން އެދިވަޑައިގަތެވެ.
ފުލުހުންގެ މަތީ ރޭންކުތަކުގެ 11 އޮފިސަރުންގެ ފަރާތުން ވިސުލްބްލޯވަރުންގެ ގޮތުގަ ޝިފާނާ ދެކޮޅަށް ބަދުއަހުލާގީ އެކި މައްސަލަތަކާއި މަގާމުގެ ނުފޫޒު ފޯރުވާކަމުގެ ސީރިއަސް ތުހުމަތުތަކެއް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީއަށް ވަނީ ހުށަހަޅާފައެވެ.
އޭސީޕީ އަޙްމަދު ޝިފާނުގެ ކިބައިން މައިގަނޑު ގޮތެއްގައި ފާހަގަކުރެވެނީ ދެބާވަތެއްގެ ކުށްކަމަށާއި އެއީ ބަދުއަޚުލާގީ ޢަމަލު ހިންގިކަމަށް ތުހުމަތު ކުރެވޭ ގިނަ އަދަދެއްގެ މައްސަލަތަކަކާ، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން އެކި ކުށްތަކާ، ސުލޫކީ މިންގަނޑުތަކާ ޚިލާފު ޢަމަލުތައް ހިންގިކަމަށް ތުހުމަތުވާ މައްސަލަތައްކަމަށް ސިޓީގައިވެއެވެ.


