ޗައިނާގެ ސައިންޓިސްޓުން އިންސާނުންގެ އުމުރު 150 އަހަރަށް ދިގުކުރުމަށް ބޭހެއް އީޖާދުކުރަނީ
10 ނޮވެމްބަރު 2025 - 10:31

ޗައިނާގެ ދެކުނުގައި ހުންނަ ލޮންޖެވިޓީ ދާއިރާގެ ސްޓާޓަޕެއް ކަމަށްވާ ލޮންވީ ބަޔޯސައިންސަސް އިން އިންސާނުންގެ އުމުރު 150 އަހަރަށް ދިގުކުރުމުގެ މަޤްޞަދުގައި އުމުރުން ދުވަސްވުން ހުއްޓުވުމުގެ ބޭހެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުން ކަމަށް ނިއުޔޯކް ޓައިމްސް (އެން.ވައި.ޓީ) އިން ރިޕޯޓުކޮށްފިއެވެ.
މި ބޭހުގެ އެންމެ މުހިންމު ބައި ކަމަށްވާ ޕްރޮސައިނިޑިން ސީ1 (ޕީސީސީ1) އަކީ މޭވާއެއްގެ އޮށުން ނަގާ ތަބީޢީ މާއްދާއެކެވެ. ޝަންހާއީގެ ސައިންސްވެރިން ހެދި ދިރާސާތަކުން ވަނީ، މި މާއްދާއިން އުމުރުން ދުވަސްވެފައިވާ ސެލްތައް ނުވަތަ 'ސެނެސެންޓް ސެލްތައް' ޚާއްޞަކޮށް މަރާލައިގެން، ޓެސްޓުކުރި މީދަލުގެ އުމުރު %9 އަށް ވުރެ އިތުރަށް ދިގުކޮށްދީފައިވާކަން ހާމަކޮށްފައެވެ.

Ad by Hajj Corporation
ލޮންވީ ބަޔޯސައިންސަސްގެ ޗީފް ޓެކްނިކަލް އޮފިސަރު ލިއު ކިންހުއާ ވިދާޅުވި ގޮތުގައި، އިންސާނުންގެ އުމުރު 150 އަހަރަށް ދިގުކުރުމަކީ ހުވަފެނެއް ނޫނެވެ.
"އުމުރުން 150 އަހަރަށް ދިރިއުޅެވޭނެ، އަދި އެއީ ކުރިއަށް އޮތް އަހަރުތަކުގައި ޙަޤީޤަތަކަށް ވާނެ،" ނިއުޔޯކް ޓައިމްސްއަށް ދެއްވި ބަސްދީގަތުމެއްގައި އޭނާ ވިދާޅުވެފަވެއެވެ.
މިހާރު މި 'ހޯލީ ގްރޭލް' ޓެކްނޮލޮޖީ އަންނަނީ އިންސާނުންނަށް ބޭނުންކުރެވޭ ގޮތަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް، މަރުވުން މުޅިން ހުއްޓުވޭނެ ކަމަށް ބުނާ ބުނުންތަކާމެދު ކުންފުނިން ގެންގުޅެނީ ސަމާލުކަމުގެ ނަޒަރެކެވެ. އެހެންކަމުން، މި ބޭހުގެ މައިގަނޑު މަޤްޞަދަކީ އުމުރުން ދުވަސްވުމުގެ ސަބަބުން ކުރިމަތިވާ ބަލިތައް މަދުކޮށް، އިންސާނުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދިނުމެވެ.
މަރަކީ އެއްވެސް އިންސާނަކަށް އެއިން ނުރެކެވޭނެ ޙަޤީޤަތެކެވެ. ނަމަވެސް ސަލާމަތް ސިއްޙަތެއްގައި ހުރުމަކީ އިންސާނީ ދިރިއުޅުމަށް ނުހަނު މުހިންމުކަމެކެވެ. ދިރިއުޅުމުގެ އާދަކާތަކާއި، ރަނގަޅު ސިއްޙަތެއްގައި ހުރުމަށް ބޭނުންވާ ކާނާއާއި އެހެނިހެން އެހީތެރިކަމަކީ ވެސް އިންސާނީ ދުޅަހެޔޮކަމަށް މުހިންމު ކަންކަމެވެ.


