ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް: ގައުމުގެ ކަންކަމުގައި ފަހު ބަސް ބުނާނީ ރައްޔިތުން
11 ނޮވެމްބަރު 2025 - 04:48

ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ ޤާއިމުކުރެވުނީ 1 ޖަނަވަރީ 1953 ވަނަ ދުވަހުއެވެ. އެދުވަހު ދިވެހިރާއްޖޭގެ ރަސްކަމަކަށް ބަދަލުވިއެވެ. މިއީ 1953 ވަނަ އަހަރުގެ ފުރަތަމަ ދުވަހު ޖުމްހޫރިއްޔަތަކަށް ބަދަލުވެގެން ދިޔަ ދުވަހުއެވެ. ރާއްޖޭގެ ޖުމްހޫރީ ދުވަސް ފާހަގަކުރަމުން އަންނަވަނީ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހުއެވެ. އެއީ 1968 ވަނަ އަހަރުގެ ނޮވެންބަރު 11 ވަނަ ދުވަހު ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާ ޤާއިމްކުރުމާ ގުޅިގެންނެވެ.
ތާރީޚުން އެނގެން އޮތް އެންމެ ދުރު ޒަމާނުންފެށިގެންވެސް ދިވެހިރާއްޖޭގައި ހިނގަމުން އައިސްފައިވާ ވެރިކަމުގެ ނިޒާމަކީ ލިޔެވިފައި ނެތް ދުސްތޫރީ ރަސްކަމުގެ ނިޒާމެކެވެ. އޭގެ ފަހުން މީލާދުން 1932ވަނަ އަހަރު ލިޔެފައިވާ ދުސްތޫރެއްގެ ދަށުން ހިނގާ ރަސްކަމަކަށް ދިވެހި ރަސްކަން ބަދަލުވެގެން ދިޔައެވެ.
1930ގެ އަހަރުތަކުން ފެށިގެންދި ވެހި ރަސްކަން ބަދަލުވެގެން ދިޔައީ އިންތިޚާބީ ވިރާސީ ރަސްކަމަކަށެވެ. އެގޮތުން ދިވެހި ތަޚުތަށް އެންމެ ފުރަތަމަ އިންތިޚާބު ކުރެވުނު ރަސްކަލަކީއި އައްސުލްޠާން ޙަސަން ނޫރައްދީނު ދެވަނައެވެ.

Ad by Hajj Corporation
މީލާދީން 1943 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 7 ވަނަ ދުވަހު، ރާއްޖޭގައި އޭރު ހުންނެވި ރަދުން އައްސުލްޠާން ޙަސަން ނޫރައްދީނާއި ބޮޑުވަޒީރު އަލްއަމީރު މުޙަންމަދު ފަރީދު ދީދީ އާއި ދެބޭފުޅުން އެއްފަހަރާ އިސްތަޢުފާ ދެއްވިއެވެ. މިހިސާބުން ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙަށް އާދަޔާ ޚިލާފު ބަދަލުތަކެއް އަންނަން ފެށިއެވެ.
ނަމަވެސް ގިނަދުވަސްތަކެއްނުވެ ސުމުއްވުލްއަމީރު އަލްޙާއްޖަ ޢަބްދުލްމަޖީދު ރަންނަބަނޑޭރިކިލެގެފާނަށް ދިވެހިރާއްޖޭގެ ރަސްކަން އެރުވިއެވެ. އެއީ މީލާދީ ސަނަތުން 11 އޭޕްރީލް 1943 ގައެވެ. އޭރު އެމަނިކުފާނު ހުންނެވީ ރާއްޖެއިން ބޭރުގައި ކަމުން ޤާނޫނީ ގޮތުން ރަސްކަމާ ހަވާލުވެ ވަޑައިގަތުމުގެ ކަންތައްތައް ހަމަނުޖެހި ގިނަދުވަސްތަކެއް ވިއެވެ.
ރާއްޖޭގެ ވެރިކަން އޮންނާނެ ނިޒާމަކާބެހޭ ސިޔާސީ ބަހުސް ފެށިގެންދިޔައީ އެ ހިސާބުންނެވެ. އެގޮތުން ކުރެވުނު ބަހުސްތަކާއި މަޝްވަރާތަކަށްފަހު އެންމެފަހުން ނިނުމީ ރާއްޖެ، ޖުމްހޫރިއްޔާއަކަށް މިސްރާބުޖެހުމުގެ ދަތުރު ފަށަންވެއްޖެކަމެވެ.
ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ދިވެހިރާއްޖެ ފުރަތަމަ ފަހަރަށް ރަސްކަމަކުން ޖުމްހޫރިއްޔާއަކަށް ބަދަލުވީ މީލާދީން 1 ޖެނުއަރީ 1953 ގައެވެ.
ދިވެހި ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސަކީ މުޙައްމަދު އަމީންދީދީ ދޮށިމޭނާ ކިލެގެފާނެވެ.
ވެރިކަން އޮންނާންވީ ކޮންނިޒާމެއް ކަނޑައެޅުމަށް އުފެއްދެވި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން:
1. ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު
2. އަލްއަމީރު އަލްފާޟިލް އައްޝައިޚް އިބްރާހީމް މުޙައްމަދު ދީދީ
3. އަލްފާޟިލް އައްޝައިޚް ޢަބްދުﷲ ޖަލާލުއްދީން (ކޮމިޓީގެ ރައީސް)
4. އަލްފާޟިލް އިބްރާހީމް ޙަސަން
5. އަލްފާޟިލް މޫސާ ކަލޭފާނު
6. އަލްއުސްތާޛު މުޙައްމަދު ޖަމާލުއްދީން
7. އަލްއަމީރު ކަލޭފާނު ވަޅުވައިކިލެގެފާނު
މިގޮތުގެ މަތިން އުފެދިގެން އައި ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރީ ވެރިކަން ފެށުނީ 1 ޖެނުއަރީ 1953 ގައެވެ. ނަމަވެސް މި ޖުމްހޫރީ ދެމިއޮތީ ކުރު މުއްދަތަކަށެވެ. އަނެއްކާވެސް ރަސްކަމަކަށް ރުޖޫއަވެއްޖެއެވެ.
މިފަހަރު ރަސްކަމަށް އިސްކުރެވުނީ އައްސުލްޠާން މުޙަންމަދު ފަރީދުލްއައްވަލްއެވެ. މުޙަންމަދު ފަރީދުގެ ރަސްކަން 1968 ވަނަ އަހަރާ ހަމައަށް ދެމިއޮތުމަށްފަހު ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާ ގާއިމް ކުރެވުނެވެ. އެދުވަހަށް ފަހު މިއަދާ ހަމައަށް ވެސް ރާއްޖޭގައި މިއޮތީ ޖުމްހޫރީ ވެރިކަމެވެ.
ދެވަނަ ޖުމްހޫރިއްޔަތުގައި ރާއްޖޭގެ ރައީސްގެ މަގާމުގައި 7 ބޭފުޅަކު ހުންނެވިއެވެ. އެއީ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އިބްރާހިމް ނާސިރު އާއި، ދިގު 30 އަހަރު ވެރިކަން ކުރެއްވި އަލްއުސްތާޛް މައުމޫން އަބްދުލްގައްޔޫމްގެ އިތުރުން، ތިން އަހަރާއި ދެމަހާއި ދުވަސްކޮޅަކު ވެރިކަން ކުރެއްވި މުހަންމަދު ނަޝިީދުގެ އިތުރުން ރައީސް ނަޝީދުގެ ވެރިކަމުގައި ނައިބަކަށް ހުންނެވި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އަދި ރައީސް އަބްދުﷲ ޔާމީން އާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި އަދި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ޖުމްހޫރީ ވެރިކަމަކީ ޢާއްމު ރައްޔިތުންގެ އަޣުލަބިއްޔަތުން ކަންކަން ނިންމާ ވެރިކަމުގެ ނިޒާމެވެ. މިފަދަ ވެރިކަމުގެ ނިޒާމެއްގައި، ވެރިކަން ބިނާވެގެންދާނީ، ޢާއްމު ރައްޔިތުންގެ އަޣުލަބިއްޔަތުން، ޢާއްމު ރައްޔިތުންގެ ގިނަ ބަޔަކު އެދޭގޮތަށެވެ. މިގޮތުން ރައްޔިތުން ޢަމަލުކުރަންޖެހޭ އެންމެހާ ޤާނޫނުތަކާއި ޤަވާޢިދުތައް އެކަށައަޅަނީ ރައްޔިތުން އިންތިޚާބުކުރާ މަންދޫބުންނެވެ.
މިއަދަކީ ދިވެހިރާއްޖޭގައި ދެވަނަ ފަހަރަށް ޖުމްހޫރިއްޔަތެއް ޤާއިމު ކުރެވުނުތާ 57 އަހަރު ފުރޭ ދުވަހެވެ.


