13000 އަށްވުރެ ގިނަ ރައްޔިތުން ނުކުމެ މިދިނީ ވަރުގަދަ މެސެޖެއް
15 ނޮވެމްބަރު 2025 - 01:42

ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީން މާލޭގެ އާޓިފިޝަލް ބީޗު ސަރަހައްދުގައި ހުކުރު ދުވަހުގެ ރޭ ބޭއްވި ބޮޑު ޖަލްސާ ވެގެން ގޮސްފައި މިވަނީ ރާއްޖޭގެ ސިޔާސީ ހަޔާތުގައި އައު ރެކޯޑެއް ގާއިމުކުރި، ވިސްނާ ފިކުރުކުރާ މީހަކަށް މި ޖަލްސާއެއް އެތައް އިބުރަތެއް، މެސެޖެއް ލިބުނު ޖަލްސާއަކަށެވެ.
ހުކުރުދުވަހުގެ ރޭ 20:30 ހާއިރު ވީއިރު، މާލޭގެ މުޅި އާޓިފިޝަލް ބީޗު އޮތީ ތޮއްޖެހި ބާރުވެފައެވެ. ކުރު އިބާރާތަކުން ސިފަކުރާނަަމަ ޕީއެންސީ ޖަލްސާ އަށް މީހުން ނުކުތްލެއް ގިނަކަމުން މާލެ އޮތީ އިރުމަތި ފަރާތައް ''އަރިއަޅާލާފަ''އެވެ.

Ad by Hajj Corporation
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން، އެމަނިކުފާނަށާއި ސަރުކާރަށް އޮތް ތާއީދު ދައްކުވައިދިން އެތައް ކަމެއް ފާއިތުވެއްޖެއެވެ. އެންމެ ބޮޑަށް އެކަން ފެންނަން ހުރީ އެއިގެ ފަހުން އައި އިންތިޚާބުތަކުގެ ނަތީޖާއިންނެވެ. ހުކުރު ދުވަހުގެ ރޭގެ ޖަލްސާ އަކީ އެ ސިލްސިލާ އަށް އިތުރިވި ބޮޅެކެވެ. އެ ޖަލްސާ އަށް 13،000 އަށް ވުރެ ގިނަ ރައްޔިތުން ދިޔައެވެ. މިއީ ރާއްޖޭގައި މިހާތަނަށް ބޭއްވުނު އެންމެ ބޮޑު ސިޔާސީ ރެލީއެވެ.
މިހާ ގިނަ އަދަދެއްގެ ރައްޔިތުން އެއްތަނަކަށް އެއްވުމަކީ، ސަރުކާރަށް އޮތް އިތުބާރާއި، ވެރިކަމުގެ ދެ އަހަރުގެ މަސައްކަތަށް ރައްޔިތުންގެ ރުހުން އޮތް މިންވަރު ދައްކުވައިދޭ ވަރުގަދަ މެސެޖެކެވެ. މި މެސެޖަކީ އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ދަޢުވާތަކަށް ދެވުނު ސީދާ ޖަވާބެއް ވެސް މެއެވެ.
ރައީސް މުޢިއްޒު ޕީއެންސީގެ ރެލީގައި ބައިވެރިވެވަޑައިގަންނަވަނީ
އިދިކޮޅުގެ ދަޢުވާތަކަށް ދިން ޖަވާބު
ޕީއެންސީން މި ޖަލްސާ ބާއްވަން ނިންމި ހިސާބުން ފެށިގެން، އިދިކޮޅު ފަރާތްތަކުން ވަނީ އެ ޖަލްސާ އަށް މީހުން ނުދާނެ ކަމުގެ ވާހަކަތައް ދައްކައިފައެވެ. ސަރުކާރަށް ތާއީދު ނެތްކަމަށް ދަޢުވާކޮށް، އެ ވާހަކަތައް ތަކުރާރުކޮށް ދެއްކިއެވެ. ނަމަވެސް، ޖަލްސާ ބޭއްވި ރޭ މާލޭގެ އާޓިފިޝަލް ބީޗު ސަރަހައްދު ފުރި، އެތައް ހިސާބަކަށް ލައިންތައް ދެމިގެން ދިޔުމުން، އިދިކޮޅުގެ ހުރިހާ ދަޢުވާއެއް ބާތިލުކަން އަންގައިދިނެވެ. 13،000 އަށް ވުރެ ގިނަ މީހުން އެއްވުމަކީ، ސިޔާސީ ޕާޓީއަކުން އެކަނި ބާއްވާ ޖަލްސާއަކަށް މާލޭގައި ނުކުންނަ ވަރަށް ބޮޑު އަދަދެކެވެ. މިއީ ސަރުކާރަށް އޮތް ތާއީދު ނެތްކަމަށް ބުނާ ފަރާތްތަކަށް ޢަމަލީ ގޮތުން ދެއްކި ހެއްކެކެވެ.
ޕީއެންސީގެ ''ދިވެހީންގެ ރާއްޖެ'' ބޮޑު ޖަލްސާގެ ތެރެއިން، ފޮޓޯ: ޕީއެންސީ
ރައީސް މުޢިއްޒަށް އޮތް ވަރުގަދަ ތާއީދު
މި ޖަލްސާގެ އެންމެ މުހިންމު އެއް މެސެޖަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަށް ރައްޔިތުންގެ ފަރާތުން އޮތް ވަރުގަދަ ތާއީދެވެ. ވެރިކަމަށް ވަޑައިގެންނެވި ފަހުން، އެމަނިކުފާނު ގެންގުޅުއްވާ ސިޔާސަތުތަކާއި، ގައުމީ މިނިވަންކަމާއި ސިޔާދަތީ މިނިވަންކަމަށް ދެއްވާ އަހައްމިއްޔަތުކަން ރައްޔިތުން ބަލައިގަނެފައިވާކަން މި ޖަލްސާއިން ވަރަށް ސާފުކޮށް ފެނިގެންދިޔައެވެ. ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، ސަރުކާރުގެ ހުރިހާ ވައުދަކާއި ސިޔާސަތުތައް ކުރިއަށް ގެންދަނީ ހަމަޖެހުމާއި، ތަރައްގީއާއި، ރައްކާތެރިކަމުގެ މައްޗަށެވެ. މި ތިން އަސާސުގެ މައްޗަށް ބިނާކޮށް ކުރިއަށް ގެންދާ މަސައްކަތްތަކަށް ރައްޔިތުންގެ އިތުބާރު އޮތްކަން މި ޖަލްސާއިން ހާމަވިއެވެ.
ރައީސް މުޢިއްޒު ސަޕޯޓަރުންނާއި ސަލާމް ކުރައްވަނީ، ފޮޓޯ: ޕީއެންސީ
ދެ އަހަރުގެ މަސައްކަތަށް ރައްޔިތުންގެ ރުހުން
ރޭގެ ޖަލްސާގައި ރައީސް މުޢިއްޒު ވަނީ މިދިޔަ ދެ އަހަރުގެ ތެރޭގައި ސަރުކާރުން ހާސިލުކުރި ކާމިޔާބީތަކާ ގުޅޭ ގޮތުން ތަފްސީލީ ވާހަކަފުޅުތަކެއް ދައްކަވައިފައެވެ. މި ކާމިޔާބީތައް ރައްޔިތުން ބަލައިގަނެ، އެކަމަށް ތާއީދުކުރާކަން ޖަލްސާ އަށް ނުކުތް މީހުންގެ އަދަދުން ދޭހަވެއެވެ. ސަރުކާރުން ފަށާފައިވާ ބޮޑެތި މަޝްރޫޢުތަކާއި، ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތައް ގެނައުމަށް ކުރަމުންދާ މަސައްކަތްތަކަށް ލިބުނު މި ތާއީދަކީ، ސަރުކާރުގެ މަސައްކަތުގެ މިސްރާބު ރަނގަޅުކަމުގެ ހެއްކެކެވެ. ރައްޔިތުންގެ ބައިވެރިވުމަކީ ސަރުކާރުގެ ވައުދުތައް ފުއްދުމަށް ލިބޭ ހިތްވަރެކެވެ.
ރައީސް މުޢިއްޒު، ފޮޓޯ: ޕީއެންސީ
2028 އަށް ދިން ސިގްނަލް
ޕީއެންސީގެ މި ބޮޑު ރެލީއަކީ ހަމައެކަނި މިހާރުގެ ސަރުކާރަށް އޮތް ތާއީދު ދައްކުވައިދޭ ކަމެއް ނޫނެވެ. މިއީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ވެސް ދިން ވަރުގަދަ ސިގްނަލެކެވެ. މި ޖަލްސާއިން ދައްކުވައިދެނީ ރައީސް މުޢިއްޒުގެ ވެރިކަމުގެ ދެވަނަ ދައުރެއް ރައްޔިތުން ބޭނުންވާ މިންވަރެވެ. ސިޔާސީ ޕާޓީއެއްގެ ގޮތުގައި ޕީއެންސީގެ ބާރާއި، ރައީސް މުޢިއްޒުގެ ލީޑަރޝިޕްގެ ދަށުގައި ގައުމު ކުރިއަށް ގެންދިއުމަށް ރައްޔިތުންގެ ތާއީދު އިތުރުވަމުން އަންނަ ކަމުގެ ހެކި މި ޖަލްސާއިން ވަނީ ފެނިފައެވެ. މިއީ އަންނަން އޮތް އިންތިޚާބުތަކަށް ވެސް ޕީއެންސީ އޮތީ ތައްޔާރަށްކަން އަންގައިދޭ ވަރުގަދަ ހެއްކެކެވެ.

ރައްޔިތުންގެ އިތުބާރާއި ތާއީދު
13،000 އަށް ވުރެ ގިނަ ރައްޔިތުން އެއްވެގެން ޕީއެންސީގެ ޖަލްސާއިން ދެއްކި މަންޒަރަކީ ދިވެހި ސިޔާސީ ތާރީޚުގައި ފާހަގަކޮށްލެވޭނެ ކަމެކެވެ. މި ބޮޑު ތާއީދަކީ އިދިކޮޅުގެ ދަޢުވާތައް ދޮގުކޮށްލާ، ރައީސް މުޢިއްޒަށާއި އެމަނިކުފާނުގެ ސަރުކާރަށް ރައްޔިތުންގެ ފުރިހަމަ އިތުބާރު އޮތްކަން ހާމަކޮށްދިން ކަމެކެވެ. މީގެ އިތުރުން، މި ދެ އަހަރުގެ ތެރޭގައި ހާސިލުކުރެވުނު ކާމިޔާބީތަކަށް ރައްޔިތުންގެ ރުހުން ލިބި، 2028 ވަނަ އަހަރަށް ވެސް ވަރުގަދަ މެސެޖެއް ދެވިފައިވާކަން މި ޖަލްސާއިން ހާމަވެއެވެ. އަދި ސަރުކާރާއި ގުޅުވައި އިދިކޮޅުން ފަތުރާ ދޮގުތަކުގައި ރައްޔިތުން ނުޖެހޭކަމުގެ މިސާލެކެވެ. ރައީސް މުޢިއްޒުގެ ވަރުގަދަ ލީޑަރޝިޕަށް ރައްޔިތުންގެ ލޯތްބާއި ޔަގީންކަން އޮތްކަން އަންގައިދޭ ސާފު މިސާލެކެވެ. މި ބޮޑު ތާއީދަކީ ސަރުކާރުގެ މަސައްކަތްތައް އިތުރު ހިތްވަރަކާއެކު ކުރިއަށް ގެންދިއުމަށް ލިބުނު ބާރެއްކަން ކަށަވަރެވެ.


